ތިބާ ނޫން އަނެކާއަށް ޓަކައި މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވުމަކީ، ދުނިޔެއާއި އާޚިރަތުގައި ނުހަނު ގިނަގުނަ ސަވާބާއި ދަރުމަ، ދުޢާކުރާ މީހާއަށް ލިބޭނޭކަމެކެވެ. ނަބިއްޔާ صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ ގެ އިރުޝާދުން އެނގޭ ގޮތުގައި މީހަކު އެހެން މުސްލިމަކަށް ދުޢާކޮށްދީފި ނަމަ، އެ ދުޢާކުރި މީހާގެ މައްޗަށް، މަލާއިކަތަކު ހަމަ އެ ދުޢާ ކޮށްދެއްވަތެވެ. މިސާލަކަށް، މީހަކަށް ހިދާޔަތް ދެއްކެވުމަށް ދުޢާކޮށްދީފި ނަމަ، މަލާއިކަތަކު ތިބާއަށް ހިދާޔަތް ދެއްކެވުމަށް އެދި ދުޢާކުރައްވައެވެ.
މި އުންމަތުގެ ސަލަފުއްޞާލިޙުން އެބޭފުޅުންގެ އަމިއްލަ ނަފުސުތަކަށް ދުޢާކުރައްވާ ފަދައިން މި އުންމަތުގެ އެހެން މުސްލިމު އަޚުންނާއި އުޚްތުންނަށް ވެސް ދުޢާކޮށްދެއްވައެވެ. އެގޮތުން އަބުއްދަރްދާ رضى الله عنه ފާހަގަކޮށްލެވެ. އެކަލޭގެފާނު ސަޖިދައިގައި ވަކިވަކީން އެވެނިމިވެނި މުސްލިމެއްގެ ނަން ބަޔާންކޮށް 70 ބޭކަލެއްގެ މައްޗަށް ދުޢާކޮށްދެއްވާ ކަމަށް ވެއެވެ. މި ގޮތަށް އަމިއްލަ ނަފުސު ނޫން އެހެން ފަރާތްތަކަށް ހިތްނިޔަތް ޚާލިޞްކޮށް ދުޢާކޮށްދިނުމަކީ މުސްލިމު މުޖުތަމަޢަތަކުން ފެންނާން ޖެހޭ ސިފައެކެވެ. މީހަކަށް ކިނބިއްސެއް އެޅުނަސް އޭނާއަށް ދުޢާކޮށްދިނުން ޝަރުޢުގައި ވަނީ އައިސްފައެވެ. މިފަދަ ކަންކަމަކީ މުޖުމަޢުގެ ގުޅުން ބަދަހިވެ އެކަކު އަނެކާ މެދު އޮންނަ ކުލުނާއި ލޯބި އިތުރުވާނޭ ކަންކަމެވެ.
އެކަކު އަނެކަކަށް ދުޢާކުރުމުގެ ވާހަކައަކީ އެކަން އެގޮތަށް ކުރުމަށް ބުނެލާފައި ދޫކޮށްލާވަރު ކަމެއް ނޫނެވެ. އެކަކު އަނެކަކަށް ދުޢާކޮށްދިނުމަށް އަޅުގަނޑުމެންގެ ދީނުގައި ދަސްކޮށްދެއްވައިފައި އެބަހުއްޓެވެ. މިގޮތަށް ކުރެވިދާނެ ބައެއް ދުޢާތައް ދެނެގަންނަމާތޯއެވެ؟ ކޮންމެ ނަމާދެއްގައި ސަލާމްދިނުމުގެ ކުރިން އަޅުގަނޑުމެން ނަބިއްޔާ صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ އަށް ޞަލަވާތްކިޔަމުއެވެ. އެހެނަސް، އެއީ އެ ނަބިއްޔާ صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ އަށް ކޮށްދެވޭ ދުޢާއެއްކަން ގިނަ މީހުންނަށް ނޭނގެއެވެ. އެނގުނުކަމުގައި ވިޔަސް ހަނދާނުގައި ނުހުރެއެވެ. އެހެންކަމުން އެ ވަގުތުގައި ނަބިއްޔާ صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَއަށް ދުޢާކޮށްދެނީ ކަން އެނގި އޭގެ މާނައާ މެދު ރަނގަޅަށް ވިސްނައިގެން މި ދުޢާ ކިޔައިފި މީހަކަށް ނަމާދުގައި ޚުޝޫޢަތްތެރިކަން އިތުރަށް ލިބޭނެއެވެ.
ނަބިއްޔާ صَلَّى ٱللّٰهُ عَلَيْهِ وَسَلَّمَ ގެ މައްޗަށް ޞަލަވާތް ކިޔެވުމަށް ފަހު ދެން ދުޢާކޮށްދިނުން އެންމެ ބޮޑަށް ޙައްޤީ އަޅުގަނޑުމެންގެ މައިންބަފައިންނަށެވެ. އެހެންކަމުން، އިސްރާއު ސޫރަތުގައިވާ ﴿رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا﴾ (الإسراء: ٢٤) މާނައީ: “އަޅުގެ ވެރި ރައްބެވެ! ކުޑަކުއްޖަކު ކަމުގައި މި އަޅާ ވީ ދުވަހު، އެ ދެ މީހުން މި އަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެ މީހުންނަށް ރަޙުމަތް ލައްވާނދޭވެ.” މި ދުޢާ ދަސްކުރައްވާށެވެ.
މައިންބަފައިންނަށް ފަހު އަނބިދަރީންނަށް ދުޢާކޮށްދިނުމަށް ވެސް އަޅުގަނޑުމެން ދަސްކުރަންޖެހެއެވެ. މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ﴿رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا﴾ (الفرقان: ٧٤) މާނައީ: “އަޅަމެންގެ ވެރިރައްބެވެ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! އަދި ތަޤްވާވެރިންނަށް އިމާމުން ކަމުގައި އަޅަމެން ލައްވާނދޭވެ!”
އިސްލާމްދީނުގައި ކޮންމެ މުސްލިމަކީ ވެސް އިމާންކަމުގެ ސަބަބުން އަޚުންނާއި އުޚްތުންނެވެ. ވީމާ، ހުރިހާ މުސްލިމުންނަށް ވެސް ދުޢާކޮށްދިނުމަށް ވާރިދުވެފައިވާ ދުޢާތަށް ދަސްކުރަންވާނެއެވެ. އެންމެ ކުޑަމިނުން ހެޔޮކަމެއް ކޮށްދީފި މީހަކަށް “جَزاكَ الله خَيراً” މާނައީ: “މާތް ﷲ ތިބާއަށް ހެޔޮ ޖަޒާ ދެއްވާށި!” މިހެން ބުނެލަންވާނެއެވެ. އުންމީދަކީ މި ދިވެހި މުޖުތަމަޢަކީ އެކަކު އެނެކަކަށް ދުޢާކޮށްދޭން އިސްކަންދޭ މުޖުތަމަޢަކަށް ވުމެވެ.
މައުލޫމާތު: مُحَمَّد سَمُوْح سَعِيْد / ދީނުގެމަގު

