އެމްޕީއެލް އައްޑޫސިޓީ ޕޯޓަށް ސީދާ ދަތުރުތައް އިންޑިއާއިން ފަށާނެ ކަމަށް އެމްޕީއެލްގެ ސީއީއޯ އިއުލާން ކުރުމާއި އެކު ހުރިހާ ވިޔަފާރިވެރިން ތިބީ މިކަމުގެ އިންތިޒާރުގައެވެ. ފުރަތަމަ ބޯޓުން އެކަނި 200 ޓަނާއި ގާތްކުރާ އަދަދަކަށް މުދާ ގެނެސްފައިވެއެވެ.
އަދި ދެވަނަ ބޯޓުންވެސް އައްޑޫސިޓީއަށް މުދާ ގެނެސްފައިވެއެވެ. އިންޑިއާގެ ޓުޓިންކޮރު ބަނދަރުން ސީދާ ދަތުރުތައް ފެށުމާއިއެކު އާންމުކޮށް ރާއްޖޭގައި ބޭނުންކުރާ ކާބޯތަކެތި ރައްކާތެރިކަމާއިއެކު އަވަހަށް ގެނެވޭކަމަށް މި މުދާ އެތެރެކުރާ ކުރާ ވިޔަފާރިވެރިން ދަނީ ބުނަމުންނެވެ. މިއީ ވިޔަފާރިވެރިންގެ އިތުރުން އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ލިބުމަށް މެދުވެރިވިކަމެއް ކަމަށް ދެކެއެވެ.

އައްޑޫސިޓިއަށް ބަނދަރު ކުރި ކާގޯ ބޯޓުގެ މަސައްކަތް ބައްލަވާލެއްވުމަށް ސީއީއޯ ހަރަކާތްތެރިވަނީ/ފޮޓޯ: އެމްޕީއެލް
އައްޑޫސިޓީއަށް މިއަދު ބަނދަރު އެކުރީ 800 އަށްވުރެ ގިނަ ޓަނުގެ މުދާ ހިފައިގެން އައި ކާގޯބޯޓެވެ. މިބޯޓުގައި ވެސް ކާބޯތަކެތީގެ ގޮތުގައި ބޭނުންކުރާ ގިނައަދެދެއްގެ މުދާ އެތެރެކުރާނެއެވެ. ބޯޓު ހުސްކުރުމުގެ މަސައްކަތް އެޗްޕީއެލްއިން މިހާރު ވަނީ ފަށާފައެވެ.
ކުރިން މުދާގެނެސް މާލޭ ހާބަރުގައި ގިނަ ދުވަސް ހޭދަވޭ. އެތަނުން ބޯޓުން މިހިސާބަށް މުދާގެނެވޭއިރު އަގަށް ބޮޑު ބަދަލެއް އައިސް ބައެއް އެއްޗެހި ހަލާކުވޭ. މިއީ ހެޔޮބަދަލެއް، ސަރުކާރަށް ޝުކުރުހައްގު މަސައްކަތެއް- ވިޔަފާރިވެރިއެެއް
އައްޑޫސިޓީއަށް 3 ވަނަ ކާގޯބޯޓު މިއަދު ބަނދަރުކުރި އިރު މި މަސައްކަތް ހިނގާ ގޮތް ބެލުމަށް އެމްޕީއެލްގެ ސީއީއޯ ވަނީ އައްޑޫސިޓީއަށް ވަޑައިގެންފައެވެ. ސީއީއޯ ވިދާޅުވީ މިއީ މީގެ ކުރީގެ ސަރުކާރުތަކުން އައްޑޫ ސިޓީ ބާކީ ކޮށްފަ އޮތްއޮތުން ނިމުމަކަށް ގެންނަވަން ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ދަށުން ކުރެވޭ ޚާއްސަ މަސައްކަތެކެވެ. މިހިދުމަތް ނުހުއްޓި ކުރިއަށް ގެންދެވުމަކީ އެންމެބޮޑު އަމާޒު ކަމަމަށާއި އަދި އިތުރަށް ފުޅާކޮށް އެހެނިހެން ހިދުމަތް އަވަސް މުސްތަގުބަލެއްގައި ފެއްޓުމަކީ އެމްޕީއެލްގެ އެންމެ ބޮޑު އަމާޒު ކަމަށެވެ.
މިއީ މުޅި ދެކުނުގެ ވިޔަފާރިއަށް ހުޅުވޭ ދޮރެކެވެ. އާންމިކޮށް ދެކުނުގެ އަތޮޅުތަކަށް މުދާ ގެންނަނީ މާލެ ބަނދަރުންނެވެ. މި އޮޕަރޭޝަން ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދިއުމަށް އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ދަނީ ޝިޕް އެޖެންޓުނާއި ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އައްޑޫސިޓިއަށް ބަނދަރު ކުރި ކާގޯ ބޯޓުގެ މަސައްކަތް ބައްލަވާލެއްވުމަށް ސީއީއޯ ހަރަކާތްތެރިވަނީ/ފޮޓޯ: އެމްޕީއެލް
އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ 1 ޖުލައި ން ފެށިގެން އެ ޚިދުމަތް ދެވޭނީ ދަގަނޑު ބޯޓު ފަހަރުން ކަމަށްވާތީ، މުޅި އަހަރު ތެރޭ ހުރިހާ ދުވަސް ތަކެއްގައިވެސް މެދު ކެޑުމެއްނެތި، އެ ޚިދުމަތް ލިބެމުން ދާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހަމަދު ވަޖީހު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އައްޑޫސިޓިއަށް ބަނދަރު ކުރި ކާގޯ ބޯޓުގެ މަސައްކަތް ބައްލަވާލެއްވުމަށް ސީއީއޯ ހަރަކާތްތެރިވަނީ/ފޮޓޯ: އެމްޕީއެލް
ރިޔަސީ ކެމްޕެއިންގައި އައްޑޫސިޓީއަށް ވަޑައިގެން ރައީސް ޑރ މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ އެންމެ ބޮޑު އަމާޒަކީ އައްޑޫސިޓީ ބާކީ ކޮށްފައި އޮތްއޮތުން ނިމުމަކަށް ގެނައުން ކަމަށެވެ. އަދި އައްޑޫސިޓީގެ ތަރައްގީއަށް ބޭނުންވާ ހުރިހާކަމެއް އެމަނިކުފާނުގެ ސަރުކާރުން ކުރައްވާނޭ ކަމަށެވެ.
މި ދަތުރުތަކަކީ ދާއިމީ ގޮތެއްގައި ޓުޓިކޮރިން އިން ދަގަނޑު ބޯޓު ފަހަރުގައި އައްޑޫ ސިޓީއަށް ޕެރިޝަބަލް މުދާ ގެނައުމަށް އެމް.ޕީ.އެލް އާއި ހިތަދޫ ޕޯޓުން ކުރި މަސައްކަތުން، އިންޑިއާގެ ފައިނެސެސް ގުރޫޕް މެދުވެރިކޮށް ޖުލައި މަހުގެ ތެރޭގައި ފެށި ދަތުރުތަކެކެވެ. އެންމެ ފުރަތަމަ ބޯޓު އައްޑޫ ސިޓީއަށް ދަތުރުކުރީ 10 ޖުލައިގައެވެ.
ދިވެހިރާއްޖެއަށް ބޭނުންވާ ކާބޯތަކެތީގެ ބާވަތްތައް ވީހާވެސް އަގު ހެޔޮކޮށް ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދިނުމާއި ފުޑް ސެކިއުރިޓީ ރަނގަޅުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭ ކަމެކެވެ. އަދި އައްޑޫ ސިޓީގެ އިޤްތިސާދު ކުރިއަރުވައި، އިޤްތިސާދީ ހަރަކާތްތައް އިތުރުކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

