ދިވެހިރާއްޖޭގެ މާލީ އިދާރާ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަދި މި ސަރުކާރުގެ މާލީ އެޑްވައިޒަރު އަހުމަދު މުނައްވަރު އައްޔަންކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އެރުވުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފިއެވެ.
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މުނައްވަރާއި އިންޓަވިއުކުރުމަށްފަހު ކޮމިޓީން ނިންމީ އޭނާ ގަވަރުނަރުގެ މަޤާމަށް އައްޔަން ކުރުމަށް ރައީސްއަށް ލަފާ އެރުވުމަށެވެ. އެ ލަފާ އެރުއްވީ މަޖިލީހުގެ ނައިބު ރައީސް، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްއެވެ. ނާޒިމްގެ އެ ހުށަހެޅުމަށް ކޮމިޓީއަށް ހާޒިރުވެވަޑައިގެން ތިއްބެވި މެންބަރުން ވަނީ ތާއީދުކޮށް އެ ހުށަހެޅުމަށް ރުހުން ދީފައެވެ.
އޮސްޓްރޭލިއާގެ މެކުއަރީ ޔުނިވާސިޓީން އިކޮނޮމިކް އެންޑް ފައިނޭންސްގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކުރައްވާފައިވާ މުނައްވަރު ވަނީ މީގެ ކުރިން އެމްއެމްއޭގައި 10 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައެވެ. އަދި އޭނާ އަކީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރެވެ.
މީގެ ކުރިން، އެމްއެމްއޭގެ ގަވަރުނަރު ކަމުގެ މަގާމުގައި ހުންނެވީ އަލީ ހާޝިމެވެ. ހާޝިމް ވަކިކުރަން ފެންނަ ކަމަށް ކޮމިޓީން މި ނިންމީ އޭނާއަށް ޖަވާބުދާރީވާން ތިން ފުރުސަތެއް ދިނުމަށް ފަހުގައެވެ.
ގަވަރުނަރުގެ މަގާމުން ހާޝިމް ވަކިކޮށް، އެމަގާމަށް މި ސަރުކާރުގެ މާލީ އެޑްވައިޒަރު މުނައްވަރު ހަމަޖެއްސެވުމާއި މެދު ގޮތެއް ނިންމަން ރައީސް ޑރ. މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަކަށް ފޮނުއްވީ ޖުލައި 22 ވަނަ ދުވަހުގައެވެ. އެ ހުށަހެޅުއްވުން، ދިރާސާކޮށް ގޮތެއް ނިންމުމަށް މާލިއްޔަތު ކޮމެޓީއަށް ފޮނުއްވީ ޖުލައި 23 ވަނަ ދުވަހުގައެވެ.

