އެންމެ ބޮޑު އަމާޒަކީ ކުރިއަށް އޮތް 5 އަހަރުތެރޭ ރާއްޖޭގެ މާލީ އިދާރާ ސަރަހައްދުގެ އެއްވަނަ މާލީ އިދާރާއަށް ހެދުމާއި، ޖީޑީޕީގެ ނިސްބަތުން ރާއްޖޭގެ މާލީ ދާއިރާ ދެގުނަ ކުރުން ކަމަށް އެމްއެމްއޭގެ ގަވަރުނަރުކަމަށް އައްޔަން ކުރުމަށް މާލިއްޔަތު ކޮމިޓީން ފާސްކުރި މާލީ ވަޒީރުގެ އެޑްވައިޒަރު އަދި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގގެ ގަވަރުނަރަކަަށް އައްޔަންކޮށްފިނަމަ ކަންތައްތައް ކުރެއްވުމަށް ނިންމާފައިވާ ގޮތާއި ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެ ކޮމިޓީގެ މުޤައްރަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މުނައްވަރު މިއަދު ވިދާޅުވީ، ރާއްޖޭގެ އިޤްތިސާދު ސިންދަފާތުކޮށް ނުވަތަ އިތުރަށް ފުޅާކުރުމުގައި އެންމެ މުހިންމު އެއް ބޮޅަކީ ފައިނޭންޝަލް ނުވަތަ މާލީ ދާއިރާ ކަމަށެވެ.
ރާއްޖޭގެ މާލީ ދާއިރާ އެހެން ހަރުފަތަކަށް ގެންދިޔުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހޭ ކަމަށާއި އެމްއެމްއޭގެ ގަވަރުނަރަކަށް އައްޔަންކޮށްފިނަމަ ޤާނޫނާއި ގަވައިދުގެ ތެރެއިން މާލީ އިދާރާ، އެމްއެމްއޭ އެހެން ހަރުފަތަކަށް ގެންދިޔުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށް މުނައްވަރު ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވީ، ގަވަރުނަރަކަށް ހޮވިއްޖެނަމަ އޭނާގެ އަމާޒަކަށް ވާނީ ރާއްޖޭގެ މާލީ އިދާރާއަކީ މުޅި ސަރަހައްދުގައި އެންމެ މަތީގައި އޮންނަ އިދާރާއަކަށް ހެދުން ކަމަށެވެ.
އޭގެ އިތުރުން، ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން ބަލާނަމަ މާލީ ދާއިރާއަކީ 6 އިންސައްތަކަން ފާހަގަކުރައްވަމުން މުނައްވަރު ވިދާޅުވީ ކުރިޔަށް އޮތް 5 އަހަރުތެެރޭ ޖީޑީޕީގެ ނިސްބަތުން އެ އަދަދު ދެގުނަ ކުރުމަކީ ވެސް އަމާޒެއް ކަމަށެވެ.
“އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ޖީޑީޕީގެ ނިސްބަތުން އަޅުގަނޑުމެންގެ މާލީ ދާއިރާގެ ނިސްބަތް ދެގުނަ ކުރެވިގެން ދިޔުން.” މުނައްވަރު ވިދާޅުވިއެވެ.
އަހުމަދު މުނައްވަރު އަކީ މެލޭޝިއާގެ އިސްލާމިކް ޔުނިވާސިޓީން ތައުލީމް ހާސިލްކޮށްގެން ހުންނެވި ބޭފުޅެކެވެ. އެންމެ ފަހުން އަދާކުރެއްވި ވަޒީފާއަކީ މާލީ ވަޒީރުގެ އެޑްވައިޒަރު ކަމެވެ. އޭނާ އަކީ މީގެ ކުރިން އެމްއެމްއޭގައި 10 އަހަރު މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މާލީ ވަޒީރުކަން ވެސް ކުރެއްވިއެވެ. އަދި އޭގެ ފަހުން އެމްއެންޔޫގައި ލެކްޗަރާއެއްގެ ގޮތުގައި ވެސް މަސައްކަތްކުރެއްވިއެވެ.
Amaazakee GDP ge nisbathun Maalee Dhaairaage Nisbaith Dhe Guna Kurevigen Dhiyun: Munavvaru

