އަތަމާ އަބްދުއްލަތީފް އަވަހަރާވުމަކީ މުޅި ގައުމަށް ލިބުނު ހިތާމައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ އަތަމާ އަބްދުއްލަތީފް މިއަދު މެންދުރު އަވަހަރާވުމާއި ގުޅިގެން ފޮނުއްވި ތައުޒިޔާގެ މެސެޖުގައެވެ.
އެ މެސެޖުގައި ރާއްޖޭގައި ޢަބްދުއްލަޠީފް ޙުސައިން މަނިކު (އަތަމާ ޢަބްދުއްލަޠީފް) އަވަހާރަވީ ޚަބަރު އަޑުއެހީ ފުން ހިތާމައާއެކުއެކުގައި ކަަމަށް ރައީސް ޑރ މުއިއްޒު ވަނީ ވިދާޅުވެފައެވެ.
އަތަމާ އަބްދުއްލަތީފް ނިޔާވުމާ ގުޅިގެން ތައުޒިޔާ ދަންނަވާ އެކްސްގައި ކުރެއްވި އެ ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އަބްދުއްލަތީފްއަކީ ރާއްޖޭގައި ވިޔަފާރި ކުރިއެރުވުމަށް ދިގު މުއްދަތެއްގައި ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ، އަދި ޖަމާއަތަށް ފައިދާހުރި އެތައް ހިދުމަތަކެއް ކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.
އެގޮތުން މިސްކިތް ބިނާކުރެއްވުމާ، ގިނަ އަދަދެއްގެ ދިވެހީން ހައްޖަށް ގެންގޮސްދެއްވުން ފަދަ ދަރުމަވެތި އެތައް ކަމެއް ގައުމަށްކޮށްދެއްވާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު މުޅި ގައުމަށް ކުރިމަތިވީ ހިތާމައިގެ މި ދަނޑިވަޅު މަރުޙޫމްގެ ލޮބުވެތި ޢާއިލާއަށް ކެތްތެެރިކަން ދެއްވުން އެދި ރައީސް ވަނީ ދުޢާކުރައްވާފައެވެ.
މަރްހޫމް އަބްދުއްލަތީފަށް ވަނީ ޖަމާއަތަށް ފައިދާހުރި ޚާއްޞަ މަސައްކަތްތައް ކޮށްދެއްވުމުގެ ރޮނގުން ގައުމީ އިނާމް 1991 ވަނަ އަހަރު ލިބިލައްވާފައެވެ.

