އީރާންގެ އިންތިހާބީ ރައީސް މަސްއޫދު ޕީޒިޝްކިޔާން ގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް އެ ގައުމަށް ވަޑައިގެންފިއެވެ.
އެ ހަފްލާގައި ބައިވެރިވުމަށް ނައިބު ރައީސް އީރާންއަށް ވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.
އީރާނަށް މިއަދު ނައިބު ރައީސް ވަޑައިގެންނެވެވުން އިމާމް ކޮމޭނީ އިންޓަނޭޝަލް އެއާޕޯޓުން އެމަނިކުފާނަށް މަރުހަބާ ކިޔުއްވީ އެ ގައުމުގެ އިސްލާމިކް ކޮންސަލްޓޭޓިވް އެމްބަސީގެ ޑެޕިއުޓީ ސްޕީކާ އަލާލުއްދީން ބްރޯއުޖާޑީއެވެ.
އީރާންގެ އިންތިހާބީ ރައީސް މަސްއޫދު ޕިޒީޝްކިޔާންގެ ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
އީރާނުގެ އައު ރައީސް ކަމުގެ މަގާމަށް ޕީޒިޝްކިޔާން އިންތިހާބުވެ ވަޑައިގެންނެވި ނަމަވެސް، އެއީ ރަމްޒީ މަގާމެއްގެ ގޮތުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ގަބޫލު ކުރެއެވެ. ސަބަބަކީ، ސިޔާސަތުތައް ކަނޑައެޅުމުގެ އެންމެ ފަހުގެ ނިންމުން ނިންމުމުގެ ބާރު ލިބިވަޑައިގަންނަވަނީ އެ ގައުމުގެ ރޫހީ އެންމެ މަތީ ވެރިޔާއަށެވެ.
ނަމަވެސް، އެ މަގާމަށް ބޭފުޅުން ޢައްޔަން ކުރުމުގައި ރައީސް ކަމުގެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ ދައުރު އޮވެއެވެ. އީރާނުގެ ރޫޙީ އެންމެ މަތީ ވެރިޔާގެ މަގާމުގައި މި ވަގުތު ހުންނެވީ 85 އަހަރުގެ އާޔަތުﷲ އަލީ އަލް-ހާމަންއީއެވެ.

