އަންނަ މަހުގެ ތެރޭގައި އައްޑޫ ސިޓީއަށް އާ ޖަނަރޭޓަރެއް ގެންދާނެ ކަމަށާއި ކްލައިމެޓް ޗޭންޖް، އެންވައިރޮމެންޓް އެންޑް އެނާޖީ މިނިސްޓަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވެވަޑައިގެން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އެ މެންބަރު ސުވާލު ކުރައްވާފައިވަނީ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް މިވަގުތަށް ކުރަމުންދާ މަސައްކަތާ ބެހޭގޮތުންނެވެ.
މިނިސްޓަރު ވިދާޅުވީ އައްޑޫ ސިޓީ ގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަތަކަށް ހައްލު ކުރުމަށް 1.5 މެގަވޯލްޓްގެ އާ ޖަނަރޭޓަރެއް ގަނެފައިވާ ކަމަށާއި އޮގަސްޓު މަހުގެ ތެރޭގައި އެ ޖަނަރޭޓަރު ބަހައްޓާ ކަރަންޓު ދޭން ފެށޭނެ ކަމަށެވެ.
އަދި އޭގެ އިތުރަށް މިނިސްޓަރު ވިދާޅުވީ އިތުރު 3 ޖަނަރޭޓަރަށް ބޭނުންވާ ސްޕެއާ ޕާޓްސް ހޯދައި 3 ޖަނަރޭޓަރު ވެސް އޮގަސްޓް މަހުގެ ކުރިން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށާއި އަދި ހަލާކުވެފައިވާ 2 މެގަ ވޯލްޓްގެ 2 ޖަނަރޭޓަރު އޯވާ ހޯލްކޮށް މިއަހަރުތެރޭގައި އޮޕަރޭޝަނަށް ގެނެވޭނެ ކަމަށެވެ.
އައްޑޫ ސެންޓްރަލް ޕަވާ ސްޓޭޝަންއަށް ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އެއްވެސް ކަހަލަ ކުރިއެރުމެއް ގެނެވިފައި ނުވާ ކަމަށާއި އަދި މި ސަރުކާރު އައިއިރު އެތަނުގެ މެއިންޓެނެންސް ކުރެވިފައި ނުވާ ކަމަށާއި އެތަނަށް ބޭނުންވާ އިތުރު ޖަނަރޭޓަރު ނުވަތަ ސްޕެއާ ޕާޓްސް ވެސް ހޯދިފައި ނުވާ ކަމަށާއި އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ އެހެން ނަމަވެސް މިހާރު އެ މަސައްކަތްތައް އިތުރަށް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

