އެސްޓީއޯއަށް ދެވަނަ ކުއާޓަރުގައި ސާފު ފައިދާ ގެ ގޮތުގައި 148 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ ކުންފުނީގެ މާލީ ހިސާބުތަކުުން ދައްކައިފިއެވެ.
އެސްޓީއޯގެ މިއަހަރުގެ ދެވަނަ ކުއާޓަރުގެ މާލީ ހިސާބުތައް އެ ކުުުންފުނިން ވަނީ އާންމު ކޮށްފައެވެ. މި މާލީ ހިސާބުތައް ދައްކާގޮތުގައި އެ ކުންފުންޏަށް ޓެކްސްއަށް ނުކަނޑައި ސާފު ފައިދާގެ ގޮތުގައި 177 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އަދި ޓެކްސް އަށް ކެނޑުމުން ސާފު ފައިދާގެ ގޮތުގައި 148 ލިބިފައިވެއެވެ.
އެކުންފުނީގެ ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 3.5 ބިލިއަން ރުފިޔާއެވެ. މިއީ މި އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާބަލާއިރު 23 އިންސައްތައިގެ ދަށްވުމެކެވެ. އަދި އެސްޓީއޯގެ ހިންގުމުގެ ފައިދާގެ ގޮތުގައި 203 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
އެކުންފުނިން ހާމަކުރާ ގޮތުގައި ޖުމްލަ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ މި ކުންފުނީގެ މައިގަނޑު ވިޔަފާރިކަމުގައިވާ ތެލުގެ ވިޔަފާރީގެ އަގުތަކަށް ދުނިޔޭގެ ބާޒާރުގައި އައި ބަދަލާއި ގުޅިގެން، ރާއްޖޭގެ މާކެޓްގައި ތެޔޮ ވިއްކާ އަގުތައް ދަށް ކުރުމެވެ. މިއާއެކު ޖުމްލަ ފައިދާ މީގެ ކުރީ ކުއާޓާރއާއި އަޅައި ބަލާއިރު 16 އިންސައްތައިން ދަށްވެ، ޖުމްލަ ފައިދާގެ ގޮތުގައި ލިބިފައިވަނީ 515 މިލިއަން ރުފިޔާއެވެ.

