ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، އީރާނުގެ އައު ރައީސް ޑރ މަސްއޫދު ޕެޒެޝްކިއާންއަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސްގެ އެ މެސެޖުގައި އިރާނުގެ ނުވަ ވަނަ ރައީސް ޑރ ޕެޒެޝްކިއާން އެ ޤައުމުގެ ރައީސްގެ މަޤާމާ ހަވާލުވެޑައިގެންނެވުމާ ގުޅިގެން ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވާފައި ވެއެވެ. އަދި އީރާނުގެ ރިޔާސީ އިންތިޚާބުގައި ލިބިވަޑައިގެންނެވި ކާމިޔާބީން، އެޤައުމުގެ އައު ރައީސްގެ ދުރުވިސްނިވަޑައިގަންނަވާ ލީޑަރޝިޕާއެކު މުސްތަޤުބަލު ބައްޓަންކުރުމަށް އެޤައުމުގެ ޢާންމު ރައްޔިތުންގެ އޮތް އިތުބާރާއި ޔަގީންކަން ދޭހަކޮށްދޭކަމުގައި ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައި ވެއެވެ.
އެމަނިކުފާނުގެ މެސެޖުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ.
އެ މެސެޖުގައި ރައީސް ވަނީ އީރާނުގެ ރައީސަށް ހެޔޮއެދުންތައް ފޮނުއްވައި އެމަނިކުފާނަށް ދުޅަހެޔޮ ޞިއްޙަތަކަށާއި އީރާނުގެ ރައްޔިތުންނަށް ޞުލްޙަވެރިކަމާ އަދި ކުރިއެރުން ލިބުމަށް އެދިވަޑައިގަންނަވާފައެވެ.

