އެމްޓީ.ސީ.ސީ އާ ޙަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން ޢަމަލީ މަސައްކަތް ފެށިފައިވާ އެއްވެސް މަޝްރޫޢެއް މަޑުޖައްސާލަން ސަރުކާރުން ނިންމާފައި ނުވާނެ ކަމަށާއި ނަމަވެސް ސޮއި ކޮށް އަމަލީ މަސައްކަތް ނުފެށިފައިވާ މަޝްރޫއުތައް މި ވަގުތައް ވަނީ މަޑު ޖައްސާލަން ނިންމާފަ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާރ މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މުއްތަލިބު ވިދާޅުވީ މަޝްރޫޢުތައް ކުރިއަށް ގެންދަން ބޭނުންވާ މިންވަރަށް ފާސްކޮށްފައިވާ 2024 ގެ ބަޖެޓުގައި ފައިސާ ހިމަނާފައިނުވާ ކަމަށެވެ.
" ސޮއިކޮށް ޢަމަލީ މަސައްކަތް ނުފެށިވާ މަޝްރޫޢުތައް މިވަގުތައް ނުފަށައި ޢަމަލީ މަސައްކަތް ފެށިފައިވާ މަޝްރޫޢުތައް ނިންމުމަށް އިސްކަން ދިނުމަށް ވާނީ ނިންމާފަ. މިގޮތަށް ނިންމި މައިގަނޑު ސަބަބަކީ މަޝްރޫޢުތައް ކުރިއަށް ގެންދަން ބޭނުންވާ މިންވަރަށް ފާސްކޮށްފައިވާ 2024 ގެ ބަޖެޓުގައި ފައިސާ ހިމަނާފައިނުވުން." މުއްތަލިބު ވިދާޅުވިއެވެ.
މުއްތަލިބު މިހެން ވިދާޅުވެފައިވާއިރު މީގެ ކުރިން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިކަމާ ކަންބޮޑުވުންފާޅު ކުރައްވާފައެވެ. ވިދާޅުވެފައިވަނީ މި އަހަރުގެ ބަޖެޓު ކަނޑައަޅާ ނިންމިއިރު، މަޝްރޫއުތަކަށް ބޭނުންވާ އަދަދަށް ފައިސާ ހިމަނާފައި ނެތް ކަމަށެވެ.
އެހެންކަމުން މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް ހުރި ކަމަށް ވެސް ވިދާޅުވިއެވެ. ސަރުކާރުން ފާހަގަ ކޮށްފައިވަނީ އެއްވެސް މަޝްރޫއެއް ހުއްޓާލަން ބޭނުން ނުވާ ކަމަށާއި، ނަމަވެސް ބަޖެޓްގައި އެވަރަށް ފައިސާ ނެތީސް ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތައް ހުރި ކަމަށެވެ.

