އިޒްރޭލުން ހަމާސްގެ ލީޑަރ އިސްމާއިލް ހާނިޔެ ޝަހީދު ކޮށްލައިފިއެވެ.
އިރާނުގެ ލޯކަލް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިސްމާއިލް ހާނިޔެ ޝަހީދު ކޮށްލާފައިވަނީ އިރާނުގެ ތެހެރާންގައި އޭނާ ހުންނަވާ ގެކޮޅަށް ދިން ހަމަލާއެއްގައެވެ. އިތާނުގެ އިސްލާމިކް ރިވޮލޮއިޝަނަރީ ގާޑް ކޯޕްސް ސެޕާހ ނިއުސް ވެބްސައިޓުގައި ބުނެފައިވާ ގޮތުން އިސްލާއިލް ހާނިޔެ ޝަހީދުކުރަން ދިން ހަމަލާގައި އޭނާގެ ހަށިފާރަވެރިޔަކުވެސް ޝަހީދުވެފައި ވެއެވެ.
އިސްމާއިލް ހާނިޔެ އީރާނަށް ޒިޔާރަތް ކުރައްވަމުން ގެންދެވީ އީރާނުގެ ރައީސްގެ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށެވެ. އަދި މި ދަތުރުފުޅުގައި އޭނާވަނީ އީރާނުގެ އާ ރައީސްއާއި ބައްދަލު ކުރައްވާފައެވެ.
ގާޒާގައި ވެރިކަން ކުރަމުންދާ، ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ ހާމާސް ޖަމާއަތުގެ ޕޮލިޓިކަލް ބިއުރޯގެ އެންމެ އިސްފަރާތެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ 2017 ވަނަ އަހަރުގެ މޭމަހުގެ 6 ވަނަ ދުވަހުއެވެ. އޭނާ އެމަގާމަށް އައްޔަން ކޮށްފައިވަނީ އެމަގާމުގައި ހުންނެވި ޚާލިދު މިޝެލްގެ ބަދަލުގައެވެ.
އިސްމާއިލް ހާނިޔެ އުފަންވެވަޑައިގަތީ ގާޒާގެ ޝަތީ ރެފިއުޖީ ކޭމްޕަށެވެ. އޭނާގެ މަންމައާއި ބައްޕައަކީ 1948 ގައި އިސްރާއީލް އުފަންވުމާއެކު އަސްޤަލާން ދޫކޮށް ގާޒާއަށް ހިޖުރަ ކުރަންޖެހުނު ދެމަފިރިންނެވެ.
ހާނިޔެ ތައުލީމު ހާސިލް ކުރައްވާފައިވަނީ ގާޒާގެ އަލް އަޒުހަރު އިންސްޓިޓިއުޓް އިންނެވެ. އަދި އެއަށްފަހު އަރަބި ލިޓްރޭޗަރއިން އޭނާ ޑިގްރީ ހާސިލް ކުރެއްވީ ގާޒާގެ އިސްލާމިކް ޔުނިވަރސިޓީއިންނެވެ. 1983 ވަނަ އަހަރު އިސްލާމިކް ސްޓޫޑަންޓް ބްލޮކްއާ ގުޅިވަޑައިގަތުމަށްފަހު މި ބްލޮކް ބަދަލުވެފައި ވަނީ ހަމާސް ޖަމާއަތަށެވެ. ހަމާސް ޖަމާއަތުގެ އެކި މަގާމްތަކުން ހާނިޔެ ކުރިއަރަމުން އައިސްފައި ވަނީ ހަމާސް ޖަމާއަތުގެ އެއް ބާނީ ކަމުގައިވާ، އިސްރާއީލުން ޝަހީދު ކޮށްލާފައިވާ ޝެއިޚް އަހުމަދު ޔާސިންގެ ވަރަށް އަރިސް ބޭފުޅެއްގެ ގޮތުގައެވެ.
އިޒްރޭލުން ވަނީ އިސްމާއިލް ހާނިޔެ އެތައް ފަހަރަކު ޖަލަށްލައި އޭނާ ޝަހީދުކޮށްލުމަށްވެސް އެތައް ފަހަރަކު މަސައްކަތް ކޮށްފައި ވެއެވެ. އަދި މިއަހަރުގެ ކުރީކޮޅު އިޒްރޭލުން ވަނީ އިސްމާއިލްގެ ހާނިޔެގެ 3 ދަރިން ގާޒާގައި ޝަހީދު ކޮށްލާފައެވެ.

