ބިހޭވިއަރަލް ތެރަޕިސްޓުންނާއި އެނަލިސްޓުން ތަމްރީނު ކުުރުމަށް މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝަލް ސާވިސަސް އިން ހައި ކޮމިޝަން އޮފް ޕާކިސްތާން އާއި މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.
އެ މިނިސްޓްރީ އިން ހާމަކޮށްފައިވާ ގޮތުގައި މި މަޝްވަރާ ކުރިއަށް ގެންގޮސްފައިވަނީ އެ މިނިސްޓްރީ އިން ހައި ކޮމިޝަން އޮފް ޕާކިސްތާން އާއި އެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި އެ މިނިސްޓްރީގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާފައިވަނީ އެ މިނިސްޓްރީގެ ނައިބު އައިމިނަތު ނަމްޒާ އަދި ޕްރޮގްރާމް އޮފިސަރ ޢައިޝަތު ސާހާ ސޮބާހްއެވެ. އަދި ހައި ކޮމިޝަން އޮފް ޕާކިސްތާން ގެ ފަރާތުން ބައިވެރިވެވަޑައިގަންނަވާފައިވަނީ އެ ކޮމިޝަނުގެ ޑެޕިއުޓީ ހެޑް ޒުލްގަރްނައިން އަޙްމަދް އެވެ.
މި ބައްދަލުވުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ތެރަޕީތަކުގެ ތެރެއިން ބިހޭވިއަރަލް ތެރަޕީއަށް ޚާއްސަ ތެރަޕިސްޓުންނާއި އެނަލިސްޓުން ތަމްރީނުކުރުމުގައި މި ދާއިރާގައި މަސައްކަތް ކުރަމުންދާ ޕާކިސްތާނުގެ ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށާއި ރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނާއި ގުޅިގެން ކުރިއަށްގެންދިޔަ “ގެވެށި ގުޅުން” ކެމްޕެއިން އަލުން މުރާޖާކޮށް، އައު ޕްލޭންތަކަކާއެކު އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ގްރޫޕްތަކާ އެކީގައި ކުރިއަށް ގެންދިއުމަށް މަޝްވަރާކޮށްފައިވާ ކަމަށް އެ މިނިސްޓްރީ އިން ބުނެއެވެ.
މީގެ އިތުރުުން މި މަސައްކަތްކުރުމުގެ މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި، މެދު ކެނޑުމެއްނެތި މިފަދަ އިޖުތިމާޢީ ރައްކާތެރިކަމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބާރުއެޅުން ކަމަށް ވެސް އެ މިނިސްޓްރީ އިން ބުނެއެވެ.
މިކަމާ ގުޅިގެން އެ މިނިސްޓްރީގެ ނައިބު އައިމިނަތު ނަމްޒާ ވިދާޅުވީ މި ބައްދަލުވުން ވެގެންދިޔައީ ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމެއް ކަމަށާއި އެކަމަނާ ވިދާޅުވީ އެ ކޮމިޝަންއާއި ގުޅިގެން މުހިންމު، ދެމެހެއްޓެނިވި މަސައްކަތްތަކެއް ވަރަށް އަވަސް މުސްތަޤްބަލެއްގައި ފެށިގެންދާނެކަމަށެވެ.
“ގެވެށި ގުޅުން” ކެމްޕެއިނަކީ ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކޮށް، އެފަދަ އަނިޔާ ލިބެމުންދާ ފަރާތްތައް ރައްކާތެރިކޮށް، ގެވެށި އަނިޔާއާ ގުޅޭ ގޮތުން މުޖުތަމަޢުގައި ހޭލުންތެރިކަން އިތުރުކުރުމަށް 2022 ވަނަ އަހަރު ކުރިއަށްގެންދެވުނު ޕްރޮގްރާމެކެވެ.

