ރާއްޖޭގެ އުތުރުގައި ގާއިމްކުރާ ޔޮޓު މެރީނާގެ، ފަހުމުނާމާގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑާއި ހއ އުލިގަމު ކައުންސިލާއި ދެމެދު ސޮއިކޮށްފިއެވެ.
އުލިގަމު ކައުންސިލްގެ އިދާރާގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް އެވެ.
އަދި އުލިގަމު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަހުމަދު މުއާޒު މުހައްމަދު އެވެ.

ޔޮޓު މެރީނާގެ ފަހުމުނާމާގައި ސޮއި ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ހުވަދޫ
ރާއްޖޭގެ އުތުރާއި ދެކުނުގައި މެރިޓައިމް ދާއިރާ ފުޅާކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
މިއެއްބަސްވުމުގެ ދަށުން އުލިގަމުގައި ގާއިމްކުރާ ޔޮޓް މެރީނާގެ އިތުރުން ކުރޫސް ޓާމިނަލް އަކާއި، ވެސަލް ޑޮކިންގ ފެސިލިޓީއެއް ގާއިމް ކުރާނެއެވެ.
މީގެ އިތުރުން ސިޓީ ހޮޓަލެއްގެ އިތުރުން ޔޮޓް މެރީނާތަކަށް ޙާއްސަ ކެފޭ ރެސްޓޯރަންޓްތަކެއް ގާއިމް ކުރާނެއެވެ.
މިއެއްބަސްވުމުގައި ސޮއިކުރެއްވުމަށް ފަހު ސީއީއޯ ވަޖީހު ވިދާޅުވީ، މިއީ ރައީސްގެ ހާއްސަ ވައުދުތަކުގެ ތެރޭގައި ހިމެނޭ މެރިޓައިމް ދާއިރާ ކުރިއެރުވުމަށް ރާއްޖޭގެ ދެކުނާއި އުތުރުގައި ކުރިއަށް މަޝްރޫއު ތަކުގެ ތެރެއިން އިހަވަންދިއްޕޮޅުގައި ފަށާ މަޝްރޫއެއް ކަމަށެވެ. އަދި މިމަސައްކަތް ވިހާވެސް އަވަހަށް ފަށައި ހިދުމަތް ދިނުމަށް ފައްޓަވާނެކަމަށެވެ.

ޔޮޓު މެރީނާ އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު އުލިގަމު ކައުންސިލްގެ ރައީސް ވިދާޅުވީ މިއީ އަބަދުވެސް އެރަށުން އެދިއެދި ތިބި މަޝްރޫއެއްކަމަށާއި، އަދި މިފަދަ މަޝްރޫއެއް ދައުލަތުގެ ކުންފުންޏެއްގެ ފަރާތުން، އަދި ޙާއްސަކޮށް އެމްޕީއެލްގެ ފަރާތުން ކުރައްވާކަމީ އެކަމާ ނުހުނު އުފާވާ ކަމެއް ކަމަށެވެ.
މިއީ ރަށުގެ ރަށުގެރައްޔިތުންނާއި ކައިރި ރަށްތަކުގެ ތަރައްގީއަށް ހުޅުވޭ ދޮރެއްކަމަށެވެ. އުއްމީދު ކުރައްވަނީ ވީހާވެސް އަވަހަށް މި މަސައްކަތް ފަށައި ހިދުމަތް ދިނުން ކަމަށެވެ.
އެމްޕީއެލްގެ ފަރާތުން އިހަވަންދިއްޕޮޅުގައި ޔޮޓު މެރީނާއެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވި އިރު އައްޑޫސިޓީގައި ބަންކަރިންގެ ހިދުމަތްދިނުމަށް ވަނީ ނިންމަވާފައެވެ.

