ދެމަފިރިން ވަކިކުރުން އޮންނަނީ ދެގޮތަކަށެވެ. އެއީ ވަރިކުރުމާއި ފަސްޚުކުރުމެވެ.
ވަރިކުރުމާއި ފަސްޚުކުރުމުގެ ތަފާތަކީ ވަރިއަކީ ފިރިމީހާގެ ފުށުން ދެމަފިރިންގެ ކައިވެނީގެ ގުޅުމަށް ނިމުމެއް ގެނައުމެވެ. ވަރީގެ ޚާއްޞަ މަޝްހޫރު ލަފުޒުތައް ވެއެވެ. ފަސްޚުކުރުމަކީ ކައިވެނީގެ ޢަޤްދު ކެންސަލްކޮށް، ކައިވެނީގެ ގުޅުން އޭގެ އަޞްލުން އެއްކޮށް ނިއުޅާލުމެވެ. މީގެ ކުރިން ކައިވެނި ކޮށްފައިނުވާ ފަދައިންނެވެ. މިކަން މިގޮތަށް ކުރެވެނީ ޤާޟީއެއްގެ ޙުކުމުން ނުވަތަ ޝަރުޢީ ޙުކުމަކުންނެވެ.
ވަރިއާއި ފަސްޚުގެ ތަފާތުތަކަކީ
1- ވަރި ކުރެވޭނީ ފިރިމީހާއަށެވެ. އޭނާގެ އިޚްތިޔާރާއި އޭނާގެ ރުހުން ލިބިގެންނެވެ. އެކަމަކު ފިރިމީހާގެ ބާރެއް ނެތި ފަސްޚުކުރެވިދާނެއެވެ. ފަސްޚުކުރުމުގައި ފިރިމީހާގެ އިޚްތިޔާރާއި ފިރިމީހާގެ ރުހުން އޮތުމަކީ ޝަރުޠެއް ނޫނެވެ. އިމާމު ޝާފިޢީ ރަޙިމަހުﷲ ވިދާޅުވިއެވެ. "ޤާޟީއަކު ދެމަފިރިން ވަކިކުރަން ޙުކުމް ކުރާ ޙާލަތެއްގައި، ފިރިމީހާގެ ފަރާތުން ވަރީގެ ލަފުޒެއް ނެތި، އަދި ފިރިމީހާ ވަކިވުމަށް ބޭނުން ނުވި ކަމުގައި ވިޔަސް ވަކިކުރެވޭނެއެވެ. މި ވަކި ކުރުމަކީ ވަރި އޭ ކިޔާ ވަކިކުރުމެއް ނޫނެވެ.
2- ވަރީގެ ސަބަބުތައް ގިނައެވެ. އަދި ސަބަބަކާ ނުލާވެސް ވަރިކޮށްފާނެއެވެ. އެއީ ފިރިމީހާ، އަނބިމީހާއާ ވަކިވުމަށް ބޭނުންވެއްޖެ ޙާލަތެއްގައި ކުރެވޭ އެއްޗެކެވެ. އެކަމަކު ފަސްޚުކުރުމަކީ އެކަން ކުރަންޖެހޭ ސަބަބެއް އޮވެގެން މެނުވީ، ނުވަތަ އެކަން ކުރުން ވާޖިބުވެގެން މެނުވީ ކުރެވޭކަމެއް ނޫނެވެ. އެކަން ކުރުން ހުއްދަވާ ސަބަބެއް މެދުވެރިވެގެން މެނުވީ ފަސްޚުނުކުރެވޭނެއެވެ.
ފަސްޚުކުރުން ހުއްދަކުރެވޭ ޙާލަތްތަކުގެ މިސާލުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
ހ- ދެމަފިރިންގެ ކުފޫ ހަމަނުވުން (ދެމަފިރިންގެ މެދުގައި ގުޅުން ޤާއިމުނުވުން) އެއީ ކުފޫ ހަމަވުމަކީ ކައިވެނިކުރާއިރު ކޮންމެހެން ލާޒިމުކަމެއްކަމަށް ޝަރުޠުކުރާ ޢިލްމުވެރިންގެ އަރިހުގައެވެ.
ށ- ދެމަފިރިން ކުރެ މީހަކު އިސްލާމްދީނުން ބޭރުވެ މުރުތައްދުވެފައި އަނބުރާ އިސްލާމްދީނަށް ނުވަދެއްޖެނަމަ
ނ- ޣައިރު މުސްލިމް ފިރިހެނަކު އިސްލާމްވެފައި އޭނާގެ ކާފިރު އަނބިމީހާ އިސްލާމްވުމަށް (އަހުލުކިތާބީއެއް ކަމުގައިވާ ނުވާ ޙާލު) ދެކޮޅު ހަދާނަމަ
ރ- ދެމަފިރިންގެ ދެމެދުގައި ލިޢާންކުރެވުމުން (ލިޢާންކުރުމަކީ ފިރިމީހާ އަނބިމީހާގެ މައްޗަށް ޒިނޭގެ ތުހުމަތު ކުރުމުން އަނބިމީހާ އެކަމަށް އިންކާރުކުރުމުން، އެދެމީހުންކުރެ މީހަކު އެކަމުގައި ދޮގު ހަދާނަމަ ﷲ ގެ ލަޢުނަތް އެމީހުންގެ މައްޗަށް ވާކަމަށްބުނެ ހުވާކުރުމެވެ.)
ބ- ފިރިމީހާގެ މާލީ ތަނަވަސްކަން ނެތުމުން އަނބިމީހާގެ މައްޗަށް ޚަރަދު ކުރުމަށް ފިރިމީހާ ނުކުޅެދޭ ޙާލަތުގައި އަނބިމިހާ ކައިވެނީގެ ގޮށް މޮހާލުމަށް އެދުން
ޅ- އަނބިފިރިކަމުގެ އަރާމު ލިބިގަތުން މަނާކުރާ ސަބަބެއް ދެމަފިރިން ކުރެ މީހެއްގައި ހުރުން، އެދެމީހުންގެ ދެމެދުގައި ނަފުރަތު އުފެދިފައިވުން.
3- ފަސްޚު ކުރުމަށްފަހުގައި ފިރިމީހާއަށް އަނބިމީހާ ރުޖޫޢައެއް ނުކުރެވޭނެއެވެ. ރުޖޫޢަކުރުމުގެ ޙައްޤު ފިރިމީހާއަށް ލިބޭނީ އަނބިމީހާގެ ރުހުމުގައި އަލުން އާ ޢަޤްދަކުން ކައިވެނި ކުރީމައެވެ. ވަރީގައި، ރަޖުޢީ ވަރިއަކުން ވަރިކޮށްފައިވާނަމަ ޢިއްދާގައި އިން މުއްދަތުގައި އެއީ ހަމަ އަނބިމީހާއެވެ. ފުރަތަމަ އަދި ދެވަނަ ވަރިއަށްފަހުގައި އާ ޢަޤްދަކާ ނުލައި އަނބިމީހާ ރުޖޫޢަކުރުމުގެ އިޚްތިޔާރު ފިރިމީހާއަށް ލިބިގެންވެއެވެ. އަނބިމީހާ ރުހުނުކަމުގައިވިޔަސް އަދި ނުރުހުނު ކަމުގައިވިޔަސް މެއެވެ.
4- ފިރިމީހާ އަށް ލިބިގެންވާ ވަރިކުރުމުގެ ޢަދަދުގެ (3ވަރީގެ) ތެރޭގައި ފަސްޚެއް ނުގުނާނެއެވެ.
އިމާމު އައްޝާފިޢީ ރަޙިމަހުﷲ ވިދާޅުވިއެވެ. "ދެމަފިރިންގެ ދެމެދުގައި ކުރެވޭ އެއްވެސް ފަސްޚެއް ވަރީގެ ގޮތުގައި ނުގުނޭނެއެވެ. ފުރަތަމަ ވަރިއެއްކަމުގައި އަދި އޭގެ ފަހުގެ ވަރިއެއް ކަމުގައިވެސް ނުގުނޭނެއެވެ.
އިބްނު ޢަބްދުލް ބައްރު ރަޙިމަހުﷲ ވިދާޅުވިއެވެ. "ފަސްޚުކުރުމާއި ވަރިކުރުން މި ދެކަމަކީ ދެމަފިރިން ވަކިކުރެވޭ ދެގޮތް ކަމުގައިވިޔަސް ފަސްޚާއި ވަރީގެ ފަރަޤަކީ، ފަސްޚު ކުރުމަށްފަހުގައި އަނބިމީހާއާ ފިރިމީހާ އަލުން ކައިވެނިކޮށްފިނަމަ އެމީހުންގެ އެކައިވެންޏާމެދު (ވަރި ގުނުމުގައި) ބަލާނީ އެއީ އެމީހުންގެ އަލަތުކައިވެނި ކަމުގައެވެ. ފަސްޚުކުރުމަށް ފަހު އަލުން ކައިވެނި ކޮށްފިނަމަ އަނބިމީހާ ވަރިކުރުމަށް ފިރިމީހާގެ އަތުގައި 3 ވަރި އޮންނާނެއެވެ. ވަރިކުރުމަށްފަހު ރުޖޫޢާކުރިނަމަ ފިރިމީހާގެ އަތުގައި ބާކީ އޮންނާނީ ދެ ވަރިއެވެ.
5- ވަރިއަކީ ފިރިމީހާއަށް ލިބިގެންވާ ޙައްޤެކެވެ. އެކަމުގައި ޤާޟީގެ ޙުކުމަކީ ޝަރުޠެއް ނޫނެވެ. ދެމަފިރިން ރުހިގެންވެސް ވަރިކޮށްފާނެއެވެ. ފަސްޚުކުރެވޭނީ ޤާޟީއެއްގެ ޙުކުމަކުން ނުވަތަ ޝަރުޢީ ޙުކުމަކުންނެވެ. އަދި ދެމަފިރިން ކައިވެނި ފަސްޚުކުރުމަށް ހަމައެކަނި ރުހުމަކުން އެކަން ވީކަމަކަށް ނުވާނެއެވެ. ޚުލްޢުގެ ޙާލަތުގައި މެނުވީއެވެ.
އިބްނުލް ޤައްޔިމް ރަޙިމަހުﷲ ވިދާޅުވިއެވެ. " (ޚުލްޢުގައި) ބަދަލެއް ދިނުމަކާ ނުލާ ދެމީހުންގެ ދެމެދުގައިވާ ކައިވެނި ރޫޅާލަން އެދެމީހުން ރުހިގެންނުވާނޭ ކަމަށް ޢިލްމުވެރިން އިއްތިފާޤުވެވަޑައިގެންފައިވެއެވެ."
6- ޖިމާޢުވުމުގެ ކުރިން ކައިވެނި ފަސްޚުކޮށްފިނަމަ، ކައިވެނީގެ ރަނުގެ އެއްވެސް މިންވަރެއް އަންހެން މީހާއަށް ދިނުން ވާޖިބެއް ނުވާނެއެވެ. އެކަމަކު ޖިމާޢުވުމުގެ ކުރިން ވަރި ކޮށްފިނަމަ، ކައިވެނީގެ ރަނުގެ ދެބައިކުޅަ އެއްބައި އަންހެން މީހާއަށް ދިނުން ވާޖިބުވާނެއެވެ.
ޚުލްޢުއަކީ އަނބިމީހާ، އޭނާގެ ކައިވެނީގެ ރަން ނުވަތަ އެރަނުގެ ބައެއް، ނުވަތަ އެހެންވެސް މާލީ ބަދަލެއް ފިރިމީހާއަށް ދީފައި، ފިރިމީހާގެ ކިބައިން ވަކިވުމަށް އެދުމެވެ.
ޚުލްޢުކުރުމަކީ ފަސްޚުކުރުމެއްތޯ ނުވަތަ އެއީ ހަމަ ވަރިކުރުމެއްތޯ (ޚުލްޤުގެ ޙުކުމަކީ ފަސްޚުގެ ޙުކުމްތޯ ނުވަތަ ވަރީގެ ޙުކުމްތޯ) ޢިލްމުވެރިންގެ މެދުގައި އިޚްތިލާފު އުފެދިފައިވެއެވެ. އެންމެ ޞައްޙަކަން ބޮޑު ޤައުލެއްކަމުގައި ބެލެވެނީ އެއީ ފަސްޚުކުރުމެއް ކަމުގައި ބުނާ ޤައުލެވެ.

ދެމަފިރިން އެކުގައި ނޫޅެވޭނެކަން ކަށަވަރު ވެއްޖެނަމަ ވަރިވުން ނޫންގޮތެއް ނެތްކަމަށް ފެންނަ ހިސާބުން ވަރިވުން ހުއްދަވެގެން ވެއެވެ
ވަރިކުރުމަކީ ހުއްދަވެގެންވާ ކަންކަމުގެ ތެރެއިން އެންމެ ނުރުއްސަވާ ކަންތައް:
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަަމ ޙަދިޘް ކުރައްވާފައި ވެއެވެ.{ أبغضُ الحلال إلى الله الطلاق } މާނަ: "ކު" މިޙަދީޘުން ވެސް އެނގިގެންދަނި ހުއްދަ ކަމެއް ނަމަވެސް ކުރުން ރަނގަޅު ކަމެއް ނޫންކަމެވެ. ﷲ ތަޢާލާ ނުރުއްސަވާ ކަމަކަށް މިކަންވާއިރު މިކަން ނުކުރުމަކީ އެންމެ އެދެވިގެންވާ ކަމެކެވެ. އެހެނި ކާމިޔާބު ލިބުން ވަނީ ﷲ ތަޢާލާ ރުއްސަވާގޮތައް ދުނިޔޭގެ ޙަޔާތް ވޭތުކުރެވިގެނެވެ.
ވަރިކުރުމަކީ، އެކަމުގެ ނަތީޖާގެ ނުބައި އަސަރު ހިމެނޭ ކަމެއްމެއެވެ. އެކުގައި ނޫޅެވޭނެ ދެމީހަކު، ވަރި ނުވެވި ތިބުމަކީ، އަދި އެއަށްވުރެ ނުބައި ނަތިޖާއެއް ނުކުންނާނެ ކަމަކަށް ވުމާއެކެ ، ވަރިކުރުން ހުއްދަ ކުރައްވާފައިވަނީ، ދެ ނުބައިގެ ތެރެއިން އެންމެ ކުޑަ ނުބައެއް ލިބިގަތުން ހުއްދަވާ " ފިޤްހީ ގަވާއިދަށް ރިޢާޔަތް ކޮށްފައެވެ.
ޒަވާޖީ ޙަޔާތުގައި ދިމާވާ މައްސަލަތައް ޙައްލުނުކުރެވި ، ދެމަފިރިން އެކުގައި ނޫޅެވޭނެކަން ކަށަވަރު ވެއްޖެނަމަ ވަރިވުން ނޫންގޮތެއް ނެތްކަމަށް ފެންނަ ހިސާބުން ވަރިވުން ހުއްދަވެގެން ވެއެވެ. އެކަމަކު ވަރިވުމާ ހަމައަށް ، ދާންވާނީ އެނޫން އެހެން އެއްވެސް ގޮތެއް ނެތް ހިނދެއްގައެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފއިވެއެވެ. { أيّما امرأةٌ سالت زوجها الطلاق فى غير ما بأس، فحرام عليها رائحة الجنة }
މާނަ: "އެމީހެއްގެ ފިރިމީހާގެ ގާތުން މަޤުބޫލު އުޒުރަކާނުލާ ވަރިއަށް އެދެފި އަންހެނެއްގެ މައްޗައް ސުވަރުގޭގެ ވަސް ޙަރާމްވެގެން ވެއެވެ."
ހަމައެހެންމެ މައިން ބަފައިންގެ އެދުމުގެ މަތިން ފިރިމީހާގެ ގާތުން ވަރިވުމަށް އެދެވިދާނެއެވެ. މިކަމަށް ތާއިދުލިބޭ ދަލީލަކީ ، އިބްނު ޢުމަރުގެ އަރިހުން ވާރިދުވެފައިވާ ޙާދިޘާއެވެ. އިބްނު ޢުމަރު ވިދާޅުވިއެވެ. ތިމަން، މީހަކާ ކައިވެނި ކުރީމެވެ. އަދި އެއަންހެނާދެކެ ލޯބިވެސް ވީމެވެ. އެހެންނަމަވެސް، އަހަރެންގެ ބައްޕަ އެއަންހެނާދެކެ ފޫހިފުޅުވެއެވެ. އަދި އެއަންހެނާ ވަރިކޮށްލުމަށް އަހަރެންގެ ގާތުގައި އެދިވަޑައިގެން ހިނދު އެކަމާ އަހަރެން އިންކާރުކުރީމެވެ. ބައްޕަ ވަޑައިގެން ކީރިތި ރަސޫލާއަށް މިވާހަކަ ދެންނެވުމުން ޙަދީޘް ކުރެއްވި އެވެ. {يا عبد الله بن عمر: طلّق امرأتك}މާނަ:" އޭ ޢަބްދުﷲ ބުން ޢުމަރެވެ! ތިބާގެ އަންހެނުން ވަރިކޮށްލާށެވެ! "މިބަސްފުޅުން ދޭހަވަނީ ، ވަރިކުރުމަކީ ، އެދެވިގެންވާ ކަމެއްކަމުގައި ނުވިނަމަވެސް މައިންބަފައިންގެ ނުރުހުމުގައި ކައިވެނި ނުކުރުމާއި، އަދި މައިންބަފައިންގެ އެދުމާއެކު ވަރިކޮށްލުންވެސް ހުއްދަވެގެންވާ ކަމެވެ. އެހެނީ އާއްމުކޮށް ކަންހިނގާގޮތުން ،މައިންބަފައިން، ދަރިންނަށް ނަސޭހަތްތެރިވާނީ ، އެދަރިންގެ މަސްލަޙަތު ރައްކާތެރިވެވޭނެ މަގުންނެވެ. މި މައްސަލައަކީ، ހުރިހާ ޢިލްމުވެރިން އިއްތިފާޤުވެފައިވާ މައްސަލައެއް ނޫނެވެ. އެހެންކަމާއެކެ، މައިންބަފައިން ކިތަންމެ ހެޔޮލަފާ ބަޔަކު ކަމުގައި ވިއަސް ، ކައިވެނި ކުރުމާ ވަރިކުރުމުގެ މައްސަލާގައި މައިންބަފައިންނށް ކިޔަމަންވުން ޙަންބަލީ މަޛުހަބުގައި ލާޒިމެއް ނޫނެވެ.

ދެމަފިރިން އެކުގައި ނޫޅެވޭނެކަން ކަށަވަރު ވެއްޖެނަމަ ވަރިވުން ނޫންގޮތެއް ނެތްކަމަށް ފެންނަ ހިސާބުން ވަރިވުން ހުއްދަ
ވަރިކުރުމަކާ ހަމައަށް ދިއުމުގެ ކުރިން ޢަމަލުކުރަންވީގޮތް އިސްލާމްދިނުގައި ކަނަޑައަޅުއްވާފައިވެއެވެ:
ކީރިތި ޤުރުއާނުގައި އަންގަވާފައިވަނީ {وَإِنِ ٱمْرَأَةٌ خَافَتْ مِن بَعْلِهَا نُشُوزاً أَوْ إِعْرَاضاً فَلاَ جُنَاْحَ عَلَيْهِمَآ أَن يُصْلِحَا بَيْنَهُمَا صُلْحاً وَٱلصُّلْحُ خَيْرٌ وَأُحْضِرَتِ ٱلْـأَنْفُسُ ٱلشُّحَّ وَإِن تُحْسِنُواْ وَتَتَّقُواْ فَإِنَّ ٱللَّهَ كَانَ بِمَا تَعْمَلُونَ خَبِيراً}(النساء128)
މާނަ: "ފިރިމީހާ ދުރުހެލިވެ ، ނުވަތަ ވާހަކަ ނުދައްކާ ހުރެދާނެކަމަށް އަންހެނަކަށް ބިރުހީވެއްޖެނަމަ ، އެދެމީހުންގެ މެދުގައި އެކުވެރިކަމުގެ ޞުލްހަވުމަކުން ޞުލްޙަވުމާމެދު، އެދެމީހުންގެ މައްޗަކަށް ކުށެއްނެތެވެ. ޞުލްޙަވުން ހެޔޮކަން ބޮޑެވެ. އަދި ތިމާގެ ގާތުން ކުރަންޖެހޭ ހޭދައަކާމެދު ، އަދި ތިމާއަށް ލިބެންވީ ލިބުމާދު ދަހިވެތިވުން ހިތްތަކުގައި ލައްވާފައި ވެއެވެ. އަދި ތިޔަބައިމީހުން އިޙްސާންތެރިވެ، އަދި ތަޤުވާވެރިވާނަމަ ، (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުން ކަނތައް ކުރާގޮތް މޮޅަށް ދެނެވޮޑިގެންވާ ކަލަކު ކަމުގައި ﷲ ދެނެވޮޑިގެން ވެއެވެ".
އަދިވެސް އެހެން އާޔަތެއްގައި ﷲ ތަޢާލާ ވަހީ ކުރައްވާފައިވަނީ މިފަދައިންނެވެ.
{ٱلرِّجَالُ قَوَّامُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَآ أَنْفَقُواْ مِنْ أَمْوَالِهِمْ فَٱلصَّالِحَاتُ قَانِتَاتٌ حَافِظَاتٌ لِّلْغَيْبِ بِمَا حَفِظَ ٱللَّهُ وَٱللاَّتِى تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهْجُرُوهُنَّ فِى ٱلْمَضَاجِعِ وَٱضْرِبُوهُنَّ فَإِنْ أَطَعْنَكُمْ فَلاَ تَبْغُواْ عَلَيْهِنَّ سَبِيلاً إِنَّ ٱللَّهَ كَانَ عَلِيّاً كَبِيراً}(النساء34) މާނަ:
؛"އެކަނބަލުން ނުކިޔަމަންތެރިވެދާނެކަމަށް ، ތިޔަބައިމީހުން ބިރުގަންނަނަމަ ،ފަހެ، އެކަނބަލުންނަށް ނަސޭހަތް ދޭށޭވެ! އަދި އެކަނބަލުންނާއެކު އެއްދާންކުރުން ދޫކޮށްލާށެވެ! އަދި އެކަނބަލުންގެ ގައިގައި (ހާނިއްކަ ނުވާގޮތައް) ޖަހާށެވެ! ފަހެ ތިޔަބައި މީހުނަށް އެކަނބަލުން ކިޔަމަންވެއްޖެނަމަ ، އެކަނބަލުންގެ މައްޗައް ( އަނިޔާވެރި ) މަގަކަށް ނޭދޭށެވެ! ހަމަކަށަވަރުން ، ﷲ އީ އެންމެ މަތިވެރި، އެންމެ ބޮޑު ރަސްކަލާނގެ ކަމުގައި ވެއެވެ."

މުއުމިނު ފިރިއަކު މުއުމިނު އަތްބަކުދެކެ ރުޅި ނާންނަހުށިކަމެވެ.
ކާވެނިމަތީގައި ދެމިތިބުމަށް އިސްލާމްދީން ބާރުއަޅުއްވާފައިވުން:
ކައިވެނީގެ ޙަޔާތުގައި ފިރިމިހާއަށާއި އަނބިމީހާއަށް ދިމާވެދާނެ ހަމަނުޖެހުންތަކަށާއި ދަތި އުނދަގޫތަކަށް ކެއްތެރިވުމަށް އިސްލާމްދީން ވަރަށް މަތީ ދަރަޖައަކަށް ބާރުއަޅާފައިވެއެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ.
{يَا أَيُّهَا ٱلَّذِينَ آمَنُواْ لاَ يَحِلُّ لَكُمْ أَن تَرِثُواْ ٱلنِّسَآءَ كَرْهاً وَلاَ تَعْضُلُوهُنَّ ُلِتَذْهَبُواْ بِبَعْضِ مَآ آتَيْتُمُوهُنَّ إِلاَّ أَن يَأْتِينَ بِفَاحِشَةٍ مُّبَيِّنَةٍ وَعَاشِرُوهُنَّ بِٱلْمَعْرُوفِ فَإِن كَرِهْتُمُوهُنَّ فَعَسَىٰ أَن تَكْرَهُواْ شَيْئاً وَيَجْعَلَ ٱللَّهُ فِيهِ خَيْراً كَثِيراً} (النساء19)
މާނައަކީ :"އަދި ހެޔޮގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ! ތިޔަބައިމީހުން އެކަނބަލުންނާ ނުރުހުންތެރިވެއްޖެނަމަ، ( ދަންނާށެވެ!) ބައެއްފަހަރަށް ތިޔަބައިމީހުން އެއްޗަކަށް ނުރުހުންތެރި ވެދާނެއެވެ. އަދި، އެއެއްޗެއްގައި ﷲ ގިނަވެގެންވާ ހެޔޮކަން ލައްވާފާނެތެވެ." ހަމަ އެހެންމެ ކީރިތި ރަސޫލާ ޙަދީޘް ކުރއްވާފއި ވެއެވެ.
{لا يفرك مؤمن مؤمنة، إن كره منها خلقا، رضي منها آخر}
މާނަ:" މުއުމިނު ފިރިއަކު މުއުމިނު އަތްބަކުދެކެ ރުޅި ނާންނަހުށިކަމެވެ. އެކަނބުލޭގެ ކިބައިން ހިތްހަމަ ނުޖެހޭ އެއްސިފައެއް ހުރިނަމަވެސް ، އެހެން ރަނގަޅު ސިފައެއް ހުރުމުން ރުހޭގޮތް ވެދާނެތެވެ".
((މައުލޫމާތު: އިސްލާމް.އިންފޯ، ވަރި، ޝާފިއުއެމްވީ)

