ގަވާއިދާ ހިލާފަށް ދިވެހިރާއްޖޭގައި، ދިވެހިންގެ ތެރޭގައި އުޅެމުންދާ ބިދޭސީންނާއި ކުށުގެ ވެށީގައި އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި މަހު 27ގެ ނިޔަލަށް 202 ރެއިޑް އޮޕަރޭޝަން ހިންގާ، 2،250 ބިދޭސީން ޑީޕޯޓް ކޮށްލާފައިވާ ކަމަށް އިމިގްރޭޝަނުން މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ “ވަގުތު”އަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ އޮފިޝަލަކު ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުން ފެށިގެން މި އަހަރުގެ ޖުލައިގެ ނިޔަލަށް 202 ރެއިޑް އޮޕަރޭޝަން ހިންގާފައިވާ ކަަމަށެެވެ. އަދި މި ރެއިޑް އޮޕަރޭޝަންތަކުން އަތުލާގަތް ބިދޭސީންގެ ތެރެއިން އެ ދުވަހުގެ ނިޔަލަށް 2،250 މީހުން ފުރުވާލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެންމެ ގިނައިން ފާހަގަކުރެވިފައިވަނީ ދިވެހިންގެ ހިޔާވަހިކަމުގެ ނިވަލުގައި ތިބެގެން އަމިއްލައަށް ވިޔަފާރި ކުރަމުންދާ ފަރާތްތަކާއި، ދިވެއްސަކާއި ނުގުޅި އަމިއްލަ ވިޔަފާރި ހިންގާ ބިދޭސީންގެ އިތުރުން ކުށުގެ ވެށީގައި އުޅޭ ބިދޭސީންނެވެ.
މިފަދަ މީހުން އަތުލައިގަތުމަށް ފުލުހުންނާއި އިމިގްރޭޝަނުން ބޮޑެތި އޮޕަރޭޝަންތަކެއް ހިންގަމުންދާއިރު، މިދިޔަ ޖޫން މަހުން ފެށިގެން މި އޮޕަރޭޝަންތައް ވަނީ ވަރަށް ބޮޑަށް ފުޅާ ކޮށްފައެވެ.

