ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ރާއްޖޭގެ އެންމެ އުތުރުގައި އެމްޕީއެލުން ފެށުމަށް ހަމަޖެހިފައިވާ މެރިޓައިމް ހިދުމަތްތަކާއި ގުޅޭގޮތުން އެމްޕީއެލްގެ ސީއީއޯ ހިމެނޭހެން އެ ކުންފުނީގެ އިސްވެރިންނާއި ހއ ތުރާކުނު ކައުންސިލާއި މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާ ބައްދަލުވުން އޮތީ މިއަދު ތުރާކުނު ކައުންސިލް އިދާރާގައެވެ.
މިބައްދުލުވުމުގައި އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި މެރިޓައިމް ދާއިރާގެ ހިދުމަތްތައް ފުޅާކުރުމަކީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސިޔާސަތެއް ކަމަށެވެ. އަދި އެއީ މިހާރު އެމްޕީއެލްއާއި މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ. އެގޮތުން އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކޮށް ހިދުމަތް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މިހިދުމަތުގެ ތެރެއިން ހއ ތުރާކުނުގައި ވޯޓަރ ބަންކަރިންގެ ހިދުމަތް ދިނުމަށް ބޭނުންވާ ކަންކަން ފުރިހަކަކުރިމަށް ކައުންސިލުގައި އެދިލެއްވުމުން އެކަންކަން ފަހިކޮށްދީފައިވާ ކަމަށެވެ. އަދި ވޯޓަރ ބަންކަރިންގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ފްލޯންޓިން ބާޖު ތުރާކުނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރަށުގައި އިތުރު ވަޒީފާތަށް އުފެދި ކުރިއެރުންތަކެއް އަންނާނެ ކަމަށެވެ.
އެމްޕީއެލުން ތުރާކުނު ކައުންސިލާއި އެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވިއިރު މިއަދު ވަނީ އުލިގަމުގައި ޔޮޓު މެރީނާއެއް ގާއިމް ކުރުމަށް އެ ކައުންސިލާއި އެކު ފަހުމުނާމާއެއްގައި ސޮއި ކުރައްވާފައެވެ.
މިއެއްބަސްވުމުގެ ދަށުން އުލިގަމުގައި ޔޮޓުމެރީނާއެއް ގާއިމް ކުރުމާއިއެކު މެރިޓައިމް ދާއިރާއި ގުޅުން ހުރި އެހެނިހެން ހިދުމަތްތައް ވެސް ލިބޭނެ އެވެ. ޔޮޓު މެރީނާ ގާއިމް ކުރުމަށް ބޭނުންވާ ބިން މިހާރުވަނީ އެމްޕީއެލަށް ހަމަޖައްސަވާފައެވެ.

