ރާއްޖޭގެ އެންމެ އުތުރުން ހއ އުލިގަމުގައި އެމްޕީއެލުން ގާއިމްކުރާ ޔޮޓު މެރީނާ ތަރައްގީކޮށް ފައިނޭންސް ކުރުމާ ގުޅޭ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) އަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ.
އުލިގަމު މެރީނާ ޕްރޮޖެކްޓަކީ ރާއްޖޭގެ އުތުރު ފަރާތު ކައިރީގައި މެރީނާއަކާއި ކްރޫޒް ޓާމިނަލެއް އެޅުމަށް ރާވާފައިވާ މަޝްރޫއެކެވެ. މި ޕްރޮޖެކްޓްގެ އަމާޒަކީ ރާއްޖެއަށް އެތެރެވާ ދޮރެއްގެ ގޮތުގައި މަސައްކަތްކުރާ އެންމެ ޒަމާނީ ވެސަލް ޑޮކިން އާއި ބާޓިން ފެސިލިޓީފަދަ ވަސީލަތްތަކާއެކު ކަނޑުދަތުރުކުރާ ޔޮޓާއި ލެޝަރ ކްރާފްޓްތައް ފޯރުކޮށްދިނުމެވެ.
މީގެ އިތުރުން ކްރޫޒް ޓާމިނަލަކާއ ސިޓީ ހޮޓާތައް ތަރައްޤީ ކުރުންވެސް ވެސް މިމޝްރޫއުތެރޭ ހިމެނުމަށް ވަނީ ނިންމާފަ އެވެ. މި ތަރައްޤީގެ މަޤްޞަދަކީ މެރިޓައިމް އިންފްރާސްޓްރަކްޗަރ ކުރިއެރުވުމާއި، ފަތުރުވެރިކަން ކުރިއެރުވުމާއި، ލޯކަލް އިޤްތިޞާދު ހަރުދަނާކޮށް، ޔޮޓާއި ކްރޫޒް އުޅަނދުފަހަރުގެ އެންމެ ބޮޑު މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ޤާއިމުކުރުމެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މެެރިޓައިމް ދާއިރާގެ ހިދުމަތްތައް ފުޅާކުރުމަކީ ރައީސުލް ޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. މިމަސައްކަތްތައް ކުރުމުގެ ޒިންމާ މަތި ކުރައްވާފައިވަނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ( އެމްޕީއެލް ) އާއި އެވެ.
މެރިޓައިމް ދާއިރާގެ ހިދުމަތްތައް ފުޅާކުރުމުގެ ދަށުން އެމްޕީއެލުން ދަނީ އެކި ރާއްޖޭގެ އެކި ހިސާބު ތަކުގައި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ލ ގާދޫގައި މެރިޓައިމް ހަބެއް ގާއިމް ކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ސަރުކާރުގެ ބޮޑު އެއްކުންފުނި އެމްޕީއެލުން ވަނީ އެމަސައްކަތް ފެށުމައް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ. އެގޮތުން މެރިޓައިމް ދާއިރާގެ ހިދުމަތްތައް ދެވޭ ގޮތަށް އޮފްޝޯ ބަންކަރިންގެ ހިދުމަތާއި، ކުރޫޒް ޓާމިނަލްގެ އިތުރުން ޔޮޓް ފަހަރު ޕާކިން ޒޯނެއް ތަރައްގީކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މީގެ އިތުރުން މެރިޓައިމް ދާއިރާއާއި ގުޅުން ހުރި އިތުރު ހިދުމަތްތައް ފުޅާވެގެންދާނެ އެވެ.
މިހިދުމަތްތައް ދެވެން ފެށުމުގާއި އެކު އެ ސަރަހައްދުގެ ޒުވާނުންނާއި، އެކިއެކި ފަންތީގެ ބޭފުޅުންނަށް ގިނަ ވަޒީފާތަކެއް ހުޅުވިގެންދާނެއެވެ. އަދި މަސައްކަތް ފެށުމުގެ ކުރިންވެސް ގިނައަދަދެއްގެ ވަޒީފާގެ ފުރުސަތުތައް މި ސަރަހައްދުގައި ހުޅުވިގެން ދާނެއެވެ.
އުލިގަމު ޔޮޓު މެރީނާ އެޅުމުގެ ބިން މިއަދު އެމްޕީއެލް އާއި ހަވާލުކޮށްފައިވާއިރު މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އީމެއިލް މެދުވެރިކޮށް އިތުރު މައުލޫމާތަށް އެދި ސުވާލު ހުށަހެޅޭނެކަމަށް އެމްޕީއެލުން ބުނެއެވެ. އަދި ފުރިހަމަކޮށްފައިވާ އީއޯއައި ހުށަހަޅަންވާނީ 12 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 16:00 ގެ ކުރިން ދީފައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށެވެ.

