މި އަހަރުގެ ދެ ކުއާޓަރުގައި ވެސް ފެނަކަ އަށް ފައިދާ ވެފައިވާ ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ.
މުއާޒު މިހެން ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި ބައްދަލުވުމުގައި މުއާޒު ވިދާޅުވީ ޚަރަދުތައް ކުޑަކޮށް، މިދިޔަ ދެ ކުއާޓަރުގައި ފެނަކައަށް ހިންގުމުގެ ހޭދައިން ފައިދާވެފައިވާ ކަމަށާއި ނަމަވެސް މިދިޔަ އަހަރުގެ ފަހު ކުއާޓަރާ ހަމައަށްވެސް ފެނަކަ ހިންގާފައިވަނީ ބޮޑުތަނުން ގެއްލުމުގައި ކަމަށެވެ.
އެ ކުންފުނީގެ މެނޭޖްމަންޓުން ކުރި ބުރަ މަސައްކަތާއެކު މިއަހަރުގެ ދެ ކުއާޓަރުގައި އޮޕަރޭޝަނަލް ޚަރަދުތައް ކުޑަކޮށް، ކުންފުންޏަށް ފައިދާ ލިބިފައިވާކަމަށެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 7.7 މިލިއަން ރުފިޔާގެ ފައިދާ އެއް ލިބިފައިވާ އިރު މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ ބަލާއިރު 77 އިންސައްތައިގެ ކުރިއެރުމެކެވެ.
އަދި އޭގެ އިތުރުން މި އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 4.2 މިލިއަން ރުފިޔާގެ ފައިދާއެއް ފެނަކައަށްވަނީ ވެފައެވެ. އެއީ 2023ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު %117ގެ ކުރިއެރުމެކެވެ.
ކުންފުނީގެ ޚަރަދުތައް ކުޑަކުރުމަށް ޚާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާއިރު، ދަރަނިތައްވެސް އަދާކުރަމުންދާ ކަމަށާއި އެގޮތުން މިދިޔަ 6 މަހު، 300 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަޕްލަޔަރުންނާއި ކޮންޓްރެކްޓަރުންނަށް އަދާކޮށްފައިވާކަމަށް މުއާޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއާޒު ވިދާޅުވީ މި ސަރުކާރުން އެ ކުންފުންޏާއި ހަވާލުވިއިރު ކުންފުނީގެ ޙާލަތު ވަރަށް ދަށް ކަމަށާއި އެ ކުންފުނި އޮތީ 4.3 ބިލިއަންގެ ދަރަނީގައި ކަމަށެވެ. އަދި ހިންގުމުގެ ޚަރަދު 24 މިލިއަންގެ ގެއްލުމުގައި 2023ގެ ފަހު ކުއާޓަރު ނިންމާލީ ކަމަށް ވެސް މުއާޒު ވިދާޅުވިއެވެ.
ފެނަކައިިން ހާމަކުރާ ގޮތުގައި އެ ކުންފުނީގެ އަމާޒަކީ ކުންފުނީގައި އޮތް 4.3 ބިލިއަންގެ ދަރަނި 2027ގެ ނިޔަލަށް އަދާކޮށް، ކުންފުނި މުޅިން ފައިދާގައި ހިންގާ ކުންފުންޏަކަށް ހެދުމެވެ.

