ގަވާއިދާ ހިލާފަށް މަސައްކަތްކުރަމުންދިޔަ ނޯރވޭ ފަތުރުވެރިއަކު އިމިގްރޭޝަން އިން ޑީޕޯޓުކޮށްފިއެވެ.
މިކަން ހާމަކޮށް އިމިގްރޭޝަން އިން ވަނީ އެކްސްގައި ޕޯސްޓެއް ކޮށްފައެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ މިދިޔަ އަހަރު ޑިސެންބަރު 2 ވަނަ ދުވަހު ރާއްޖެ އެތެރެވެފައިވާ ނޯރވޭގެ ފަތުރުވެރިއެއް، ވިސާގެ މުއްދަތު ހަމަވުމުން ވެސް އަނބުރާ ގައުމަށް ނުގޮސް، ރާއްޖޭގެ ބޯޓެއްގައި މަސްވެރިކަމުގެ މަސައްކަތްކޮށް، ދިރިއުޅެމުންދާ ކަމަށް އެ އިދާރާއަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އަދި މި ކަމާ ގުޅިގެން އެ އިދާރާ އިން ޕޮލިހުންނާއި ގުޅިގެން އެ ފަތުރުވެރިޔާ އިމިގްރޭޝަން ގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މީނާ އިމިގްރޭޝަން ގެ ގާނޫނާއި ހިލާފުވެފައިިވާތީ މީނާ ޑީޕޯޓުކޮށްފައިވާ ކަމަށް ވެސް އިމިގްރޭޝަން އިން ބުނެއެވެ.
ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތްކޮށް ވިޔަފާރި ކުރާ ބިދޭސީން ހޯދުމަށް ފުލުހުންނާއި ގުޅިގެން އިމިގްރޭޝަން އިން ދަނީ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި 125 އަށް ވުރެ ގިނަ ބިދޭސީން އިމިގްރޭޝަން ގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
އެ އިދާރާއިން ހާމަކުރާ ގޮތުގައި މި އޮޕަރޭޝަންގެ ތެރެއިން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންދާ އެއްވެސް ބިދޭސީއަކަށް ދެވަނަ ފުރުސަތެއް ނުދޭނެއެވެ.

