މީޑިއާ ވިލެޖް ގާއިމް ކުރެވުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމައްޓަކާ މަޝްވަރާކުރުމަށް ކޮންސްޓްރަކްޝަން މިނިސްޓްރީ އާއެކު މުހިންމު ބައްދަލުވެއް ބާއްވައިފިއެވެ.
އެ ބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާއި އެއްގޮތަށް، މޯލްޑިވްސް މީޑިއާ ވިލެޖް ޤާއިމް ކުރުމާއި ގުޅޭގޮތުން މިނިސްޓަރ އޮފް ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް އިބްރާހީމް ވަޙީދާއިއެކު ކުރިއަށް ގެންދެވުނު ބައްދަލުވުމެކެވެ.
އެ ބައްދަލުވުމުގައި މީޑިއާ ވިލެޖް ޤާއިމް ކުރުމަށް ބޭނުންވާ އެކިއެކި ވަސީލަތްތަކާއި ޖާގައާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި މަޝްވަރާ ބައްދަލުވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ޠަޢާމް މުޙައްމަދުއާއި މިނިސްޓަރ އޮފް ސްޓޭޓް އިބްރާހީމް ނަޒީމް، ޑެޕިއުޓީ މިނިސްޓަރ ފާޠިމަތު އިފާޝާ އަދި އެ މިނިސްޓްރީގެ ފަންނީ މުވައްޒަފުންވެސް ބައިވެރިވަޑައިގެންނެވިއެވެ.

މީޑިއާ ވިލެޖްއާއި، ގުޅޭ މަޝްވަރާކުރުން/ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
މީޑިއާ ވިލެޖު ތަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން މިހާރު ކުރިއަށްދަނީ ކުރެހުންތައް ތައްޔާރުކުރުމުގެ މަސައްކަތް ކަމަށްވެސް މިނިސްޓަރު ވަހީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މީޑިއާ ވިލެޖްއާއި، ގުޅޭ މަޝްވަރާކުރުން/ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
މީޑިއާ ވިލެޖްގެ މަސައްކަތް ވަރަށް އަވަހަށް ފަށްޓަވާނެކަމަށްވެސް ވަޒީރު ވިދާޅުވެފައިވާއިރު، މީޑިއާ ވިލެޖްގެ މަސައްކަތްތައް ނިމޭއިރު ޓީވީ ސްޓޭޝަންތަކަށް ޖާގަ ތަނަވަސް އޮފީހެއް ހަމަޖެހިގެންދާނެ ކަމަށާއި ރަނގަޅު ފެންވަރުގެ ސްޓޫޑިއޯތައް ޤާއިމުކުރެވޭނެ އިންތިޒާމް ވެސް ހަމަޖެހިގެންދާނެކަމަށް މޭ 22 ގަ ޔޫތު މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވިއެވެ.
"ރާއްޖެގައި މިވަގުތު އޮޕަރޭޓްކުރާ އަމިއްލަ ޕްރައިވެޓް ޓީވީ ސްޓޭޝަންތަކަށް ވުރެ ޖާގަ ތަނަވަސްވާނެ. އޮންލައިން ނޫސްތަކަށްވެސް ބޮޑު އޮފީހެއް ލިބޭނެ. ކުދި ކުދިން ނޫސްތައް ހިންގާ ފަރާތްތަކަށްވެސް މަސައްކަތް ކުރެވޭނެ. 2-3 ދެމެދުގެ ސްޓޫޑިއޯތައް ހެދޭނެ ވަރުގެ ޖާގަތަކަށް ލިބޭނެ"މިނިސްޓަރު ވަހީދު
މިނިސްޓަރު ވިދާޅުވީ މީޑިއާ ވިލެޖް ތަރައްޤީކުރަނީ އެތަނުގައި މީޓިންތަކާއި ނޫސްވެރިންގެ ބައްދަލުވުންތައްވެސް ބޭއްވޭ ގޮތަށްކަމަށެވެ. އަދި ކެފެޓީރިއާއަށް ޚާއްސަ ސަރަޙައްދަކާއި ކަސްރަތުކުރުމަށް ޖިމެއް ތަރައްޤީކުރަނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

