އަނިޔާވެރި ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ސަހްޔޫނީ ޔަހޫދީ އިޒްރާއިލުން، ޢައްޒާ ނައްތާލުމުގެ އަނިޔާވެރި އަމަލު ހިންގާތާ 300 ދުވަސްވެއްޖެއެވެ.
އިސްރާ އެސޯސިއޭޝަނުން އިސްނަގައިގެން ކުރިއަށްގެންދާ ހިނގާލުމެއް ބާއްވަން ނިންމާފައިވަނީ 3 އޮގަސްޓްވާ ހޮނިހިރުދުވަހު 16:15 ގައެވެ. އިސްރާއިން ބުނީ ޢައްޒާ އާއި ދެކޮޅަށް ކުރާ ހަނގުރާމައަކީ އެއީ ހަމައެކަނި ހަނގުރާމައެއްނޫން ކަމަށާއި، އެއީ ނަސްލު އެކީއެކައްޗަށް ނައްތާލުމުގެ ބޮޑު ޖަރީމާއެއް ކަމަށެވެ.
މިދިޔަ އަހަރު އޮކްޓޯމްބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން މިއަނިޔާވެރި އަމަލުތައް ހިންގަމުންދަނީ މެދުކެނޑުމެއްނެތިއެވެ. ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންގެ ޖަމާޢަތްކަމަށްވާ ހަމާސްއިން ޔަހޫދީންގެ ދަޢުލަތް، އިސްރާޢީލާ ދެކޮޅަށް ހަނގުރާމަ އިޢުލާނުކޮށް އަސްކަރީ ކެމްޕޭނެއް ފެށުމާ ގުޅިގެން ޔަހޫދީ އިސްރާޢީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ބޮން އަޅައި ގިނަ މީހުން މިހާރު ވަނީ ޝަހީދުކޮށްލާފައެވެ.
ޔަހޫދީ އިސްރާޢީލުގެ ޖައްބާރު އަސްކަރިއްޔާއިން ދަނީ ޑްރޯނާއި އާޓިލަރީ ބަޑި ބޭނުން ކޮށްގެން މެދުކެނޑުމެއް ނެތި ޣައްޒާއަށް ބޮން އަޅަމުންނެވެ.
އެ ޢުދުވާނުގައި ފަލަސްޠީނުގެ ޢާންމުންގެ ގެދޮރާއި ހަސްފަތާލުތަކާއި މަދަރުސާތަކަށް ބޮން އަޅައި، އަންހެނުންނާއި މައުސޫމު ކުޑަކުދިން ޝަހީދު ކުރަމުން ދާތީ ޔަހޫދީންނަށް ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢުގެ ފާޑުކިޔުންތައްވެސް އަމާޒުވެފައެވެ.
ނަމަވެސް، ޔަހޫދީންގެ ޖައްބާރު ބޮޑުވަޒީރު ބުންޔާމިން ނަތަންޔާހޫގެ ސަރުކާރުން ދަނީ ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢަމަލުތައް ދިފާޢު ކުރަމުންނެވެ. ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ގަތުލުއާންމުގެ މައްސަލަ އދ. ގެ އެންމެ މަތީ ކޯޓު ކަމުގައިވާ އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭން) މިހާރު ދަނީ ބަލަމުންނެވެ.
މި އަނިޔާވެރި އަމަލަށް އަހަރެއްވާން ބާކީ އޮތީ ފަސްދުވަހެވެ.

