ރައީސުލް ޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ ރިޔާސީ ވައުދުފުޅު ތަކުގެ ތެރޭގައި ހިމެނޭ މެރިޓައިމް ދާއިރާ ފުޅާ ކުރުމުގެ މަޝްރޫއުގެ ތެރެއިން ރާއްޖޭގެ އުތުރުގައި ފެށުމަށް ހަމަޖެހިފައިވާ ބަންކަރިން ހިދުމަތަށް ބޭނުންވާ ޕައިލެޓޭޖް ބޯޓާއި ޓަގު ބޯޓު ތައްޔާރީހާލަތަށް ގެނެސް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ( އެމްޕީއެލް ) ކުޅުދުއްފުށި ޕޯޓުގައި ބަނދަރު ކޮށްފިއެވެ.

އެމްޕީއެލްގެ ޕައިލެޓޭޖް ބޯޓަށް އެމްއެންޑީއެފްއިން ފެނުގެ ސަލާމެއް އަރުވަނީ/ފޮޓޯ: އެމްޕީއެލް
ޕައިލެޓޭޖް ބޯޓަކީ ބަންކަރިންގެ ހިދުމަތަށް ގާތްކުރާ އުޅަނދު ފަހަރަށް އެކިއެކި ހިދުމަތްދިނުމަށް ބޭނުންކުރާ އުޅަދެކެވެ. މިއީ މިކަމަށް ހާއްސަކޮށް ތައްޔާރުކުރެވިފައިވާ އުޅަނދެކެވެ. ބޮޑެތި އާގުބޯޓު ފަހަރުން ޕައިލެޓުން ބަދަލުކުރުމާއި، ސިއްހީ ހާއްސަ ހާލަތުގައި ޕައިލެޓޭޖް ބޯޓު ބޭނުންކުރާނެއެވެ. އަދި މިނޫންވެސް އެކިއެކި ކަންކަމުގައި މިއުޅަނދުތައް ބޭނުންކުރާނެއެވެ.

ބަންކަރިންގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ޕައިލެޓޭޖް ބޯޓު އަދި ޓަގް ބޯޓު ކުޅުދުއްފުށި ބަނދަރުން ސީއީއޯ އަދި ކުންފުނީގެ އިސްވެރިން/ފޮޓޯ: އެމްޕީއެލް
ޕައިލަޓޭޖް ބޯޓާއި ޓަގު ބޯޓު ކުޅުދުއްފުށި ޕޯޓަށް ގެނެސް ތައްޔާރީ ހާލަތަށް ގެނެވުމާއި ގުޅިގެން ސީއީއޯ ވަޖީހު ވިދާޅުވީ ބަންކަރިން ހިދުމަތް ފަށައިގަތުމަށް އެކުންފުނި އޮތީ ފުރިހަމައަށް ތަައްޔާރުވެފައި ކަމަށެވެ. މިއީ ރާއްޖޭގެ އިގްތިސާދާއި ގުޅިފައިވާ ބޮޑު މަޝްރޫއެއް ކަމުން އެމްޕީއެލުން މިކަން ނަގަނީ ވެސް ގައުމީ ކަމެއްގެ ގޮތުގައި ކަމަށެވެ. ހާއްސަ ކޮށް ރައީސް ވަރަށް އަހަމިއްޔަތުކަން ދެއްވާ މަޝްރޫއެއް ކަމުން އަދި ރާއްޖޭގައި މުޅިން އަލަށް ފަށާ ސިނާއަތެއް ކަމަށްވުމުން މިކަމުގައި އެމްޕީއެލްއާއި މަތިކުރެވުނު ޒިންމާތައް ފުރިހަމަ ކުރުމަށް ހާއްސަ ސަމާލުދެއްވާ ކަމަށް ސީއީއޯ ވިދާޅުވިއެވެ.
މި ދެ އުޅަނދު ކުޅުދުއްދުށީގައި ބަނދަރު ކުރުމާއި އެކު ބޯޓުގެ ކެޕްޓަނާއި ، ކުރޫއިންނަށް މަރުހަބާ ދެންނެވީ އެމްޕީއެލްގެ ސީއީއޯ ހިމެނޭހެން އެކުންފުނީގެ އިސްވެރިންނެވެ. އަދި ބޯޓުގެ ޝަރަފުގައި އެމްއެންޑީއެފްގެ ވޯޓަރ ސެލިއުޓެއް އަރުވާފައިވެއެވެ.

ބަންކަރިންގެ ހިދުމަތް ދިނުމަށް ބޭނުންކުރާ ޕައިލެޓޭޖް ބޯޓު އަދި ޓަގް ބޯޓު ކުޅުދުއްފުށި ބަނދަރުން ސީއީއޯ އަދި ކުންފުނީގެ އިސްވެރިން/ފޮޓޯ: އެމްޕީއެލް
ރާއްޖޭގެ އުތުރުގައި ބަންކަރިންގެ ހިދުމަތް ފެށުމަށްޓަކައި މިހާރު ކުރިއަށްދަނީ އެންމެ ފަހުގެ ތައްޔާރީތަކެވެ. މެރިޓައިމް ދާއިރާއާއި ގުޅޭ މި ބޮޑު މަޝްރޫއުގެ ގިނަ މަސައްކަތްތަކުގެ ޒިންމާއާއި ހަވާލު ކޮށްފައިވަނީ އެމްޕީއެލްއާއި އެވެ.
މިކަމަށް ބޭނުންވާ އޮފީސް އިމާރާތުން މިމަހު 15 ގެ ކުރިން ހިދުމަތަށް ތައްޔާރުވާނެއެވެ. ޕޯޓް ފެސިލިޓީ ފެށުމަށް ކަސްޓަމްސް، އެމްއެންޑީއެފް، އިމިގްރޭޝަން އަދި ޕޯޓް ހެލްތަށް ބޭނުންވާ އޮފީސް ޖާގަ މި ފޯރުކޮށްދެނީ އެމްޕީއެލް އިންނެވެ. މި މަހުގެ 15 އަށް އޮފީސް ޖާގައިގެ މަސައްކަތްތައް ވެސް ނިމި، މުވައްޒަފުން ނެގުމުގެ ކަންތައްތައް މި ހަފްތާ ތެރޭގައި ކުރިއަށްދާނެއެވެ.

ބަންކަރިންގެ ހިދުމަތް ފަށައިގަތުމަށް ބޭނުންވާ އޮފީސް އިމާރާތް ސީއީއޯ ވަޖީހު ބައްލަވާލައްވަނީ/ފޮޓޯ: ހުވަދޫ
ސަރުކާރުން ބަންކަރިން މަސައްކަތް ފަށަން ނިންމާފައި ވަނީ ފްލޯޓިން އުޅަނދުތަކެއް ބޭނުންކޮށްގެން މިމަހު އެވެ. މި ހިދުމަތް ފަށަން ސަރުކާރުން ވަނީ ދުނިޔޭގައި މި ވިޔަފާރީގައި މަޝްހޫރު ވިޓޯލް ކުންފުންޏަށް ހަވާލުކޮށްފަ އެވެ. އަދި އެ ކުންފުނިން ވަނީ "ބަންކަރިން ޗާޓު" ގައި ރާއްޖެ އިސްތިހާރު ކުރަން ފަށާފަ އެވެ. އަދި މި ހިދުމަތް ފަށަން ބޭނުންވާ ބައެއް އުޅަނދު ފަހަރު ވެސް މިހާރު ވަނީ ގަނެފައެވެ.
މިހިދުމަތްތަކުގެ ތެރެއިން ހއ އުލިގަމުގައި ތަރައްގީ ކުރާ ޔޮޓް މެރީނާގެ ބިން އިއްޔެވަނީ އެމްޕީއެލާއި ހަވާލުކޮށްފައެވެ. ބިން ހަވާލު ކުރުމާއި އެކު އެތަން ތަރައްގީ ކުރާނެ ބަޔަކު ހޯދުމަށް އެމްޕީއެލުން ވަނީ އިއުލާންކޮށްފައެވެ