ބަޖެޓް ކަނޑައެޅުމެއްނެތި ރ.އަލިފުށީގައި 451.6 މިލިޔަން ރުފިޔާގެ އެއަރޕޯޓެއް ތަރައްޤީކުރަން ނިންމުމުން އެއަތޮޅުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މިއަދު ރައްޔިތުންގެ މަޖުލީހުގައި އޮތް ޖަލްސާގައި ރ.އަތޮޅު ދެކުނުގައި އަޅަން ބުނެފައިވާ އެއަރޕޯޓް އެއަތޮޅު އެންމެ އުތުރުގައި އޮންނަ އަލިފުށީގައި އަޅަން ނިންމި ސަބަބާމެދު ސުވާލު އުފެއްދުމުން ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އެސުވާލަށް ޖަވާބުދާރީވެ ވަޑައިނުގަތެވެ.
ބަޖެޓް ކަނޑައެޅުމެއްނެތި އަލިފުށީގައި އެއަރޕޯޓެއް އެޅުމާއި ބެހޭގޮތުން ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، މިއަދު ހުށަހެޅިފައި އޮތީ ފެނާއި ނަރުދަމާގެ މަޝްރޫއަކާ ގުޅިގެން އޮތް ސުވާލަކަށް ވާތީ އޭނާ މަޖިލީހަށް ވަޑައިގަތީ އެފަދަ މަޝްރޫއުތަކާ ގުޅޭ މައުލޫމާތުތައް އެކަނި ހިފައިގެން ކަމަށެވެ. އެހެންކަމުން އެ ސުވާލުގެ ޖަވާބު މަޖިލީހުގެ ތަޅުމުގައި މިއަދު ދެވެން ނެތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރ.އަތޮޅު ދެކުނުގައި އަޅަން ހަމަޖެހިފައިވާ އެއަރޕޯޓް އަލިފުއްޓަށް ބަދަލުކުރުމުން ބައެއް ފަރާތްތަކުން ދެކެމުންދަނީ އެއީ ސިޔާސީ ނުފޫޒެއް ކަމަށާއި އަލިފުށީގައި އެއާޕޯޓެއް އެޅުމުގެ މަޝްރޫއު ހަވާލު ކުރެވިގެން ދިޔައިރު، ރައްޔިތުންގެ މަޖިލީހުގައި އަލިފުށި ދާއިރާގެ މެމްބަރ މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އަކީ މި ސަރުކާރުގެ އެންމެ ނުފޫޒުގަދަ މަޖިލިސް މެންބަރަށްވެފައި އޭނާއަކީ ރައީސް ސޯލިހްގެ ޅިޔަނަކަށްވީމަ އޭނަގެ ނުފޫޒުން އެއަރޕޯޓް އަލިފުއްޓަށް ބަދަލުކުރީ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅުތަކުގެ ތެރޭގައި ރ.އަތޮޅު ދެކުނުގައި އެއަރޕޯޓެއް އަޅައިދިނުން ހިމެނެއެވެ. ރ.ފައިނުގައި އަޅަން ނިންމާފައިވާ އެއަރޕޯޓް ފައިނުގެ ގުދުރަތީ ވެށީގެ ބޮޑު ބައެއް ހަލާކުކޮށްލަން ބޭނުން ނުވާތީ ކަމަށް ބުނެ ކުރީ ސަރުކާރުން ރާވާފައިވާ މަޝްރޫއު ކުރިއަށް ނުގެންދަން މި ސަރުކާރުން ނިންމާފައިވެއެވެ.
މެމްބަރ އާދަމް ޝަރީފް ވިދާޅުވީ ފައިނާއި އޭނާ ތަމްސީލް ކުރައްވާ މަޑުއްވަރީއާއި މީދޫ ހިމެނޭ އެ އަތޮޅުގެ ދެކުނު ސަރަހައްދުގައި މީހުން ދިރިއުޅޭ ރަށްރަށުގެ އަދަދާއި އާބާދީއާއި، ރިސޯޓްތަކުގެ އަދަދު ގިނަ ހާލަތުގައި އެ ސަރަހައްދުގައި އެއާޕޯޓެއް ނާޅައި އަލިފުށީގައި އެއާރޕޯޓް އަޅާތީ އަތޮޅު ރައްޔިތުންގެ މެދުގައި ޚިލާފްތަކެއް ވެސް އުފެދިފައިވާ ކަމަށެވެ.
މިއެއަރޕޯޓް ތަރައްޤީކުރުމަށްޓަކައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ އާއި ހަވާލްކުރުމުން ގިނަބަޔަކު ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަލިފުށީގައި އަޅާ އެއަރޕޯޓްގެ ސަބަބުން ރ. ވާދޫ، ރަސްގެތީމުގެ އިތުރުން އަނގޮޅިތީމުގެ ރައްޔިތުންނަށް ބޮޑެތި ތަކުލީފްތަކާ ކުރިމަތިލާންޖެހޭނެއެވެ.
މިޚަބަރުވެގެންދިޔައީ އެއަތޮޅު ދެކުނުގެ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ޝޮކަކަށެވެ. އަލިފުށީގައި އެއަރޕޯޓް ތަރައްޤީކުރުމުން މީހުން ދިރިއުޅޭ 8 ރަށުގެ 10000 ވުރެ ގިނަ މީހުންނާއި 15 ރިސޯޓްގެ ހައްގު ނިގުޅައިލެވޭކަމަށް ރައްޔިތުންދަނީ ބުނަމުންނެވެ. ރ.އަތޮޅު ދެކުނުގައި އަޅަން ބުނި އެއަރޕޯޓް ފައިނުގެ ބަދަލުގައި ދެކުނުގެ އެހެން ރަށެއްގައިވެސް އެޅިދާނެކަމަށް ބުނެ އެރަށު ކައުންސިލްތަކުންވެސް ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

