އިސްލާމީ ޤައުމުތަކުގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާތައް ބައިވެރިވާ ގޮތަށް ބާއްވާ ޚާއްޞަ ކޮންފެރެންސްގެ 9 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ޓަކައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
އެ މަނިކުފާނާއެކު ވުޒާރާގެ ވަފުދުގައި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލް ޢައުޡަމްގެ އިސް އިމާމު ފަޟީލަތުއްޝައިޚް މުޙައްމަދު ލަޠީފުގެ އިތުރުން ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރް އައްޝައިޚް އިމްތިޠާއު ޢައްބާސް ބައިވެރިވެވަޑައިގަންނަވައެވެ.
މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ އެ ބައިނަލްއަޤްވާމީ ކޮންފެރެންސް އޮގަސްޓު މަހުގެ 4ވަނަ ދުވަހާއި 5 ވަނަ ދުވަހުގައި ކުރިއަށް ދާނެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ރާއްޖެ އެނބުރި ވަޑައިގަންނަވާނީ އޮގަސްޓު މަހުގެ 7 ވަނަ ދުވަހުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިސްލާމީ އުންމަތުގެ މުހިއްމު މަޢުޟޫއުތަކަށް ޢިލްމީ ކަރުދާސްތައް ހުށައެޅިގެންދާ އެ ކޮންފެރެންސްގައި އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައެއް ސެޝަންތައް ޗެއަރކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

