ފްރާންސްގައި މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު ހަރަކާތުގައި އެތްލެޓިކްސް އިވެންޓުގައި ރާއްޖޭގެ ފަރާތުން ވާދަކުރާ ބާރު ދުވުންތެރިޔާ އިބާދުﷲ އާދަމްގެ ރޭސް ފެށެން ކުޑަ ވަގުތުކޮޅަކަށް ވެއްޖެއެވެ.
އިބާދުﷲގެ ރޭސް ފެށެން ވަގުތު މިނެޓް ކޮޅަކަށް ކުޑަތަން ވެފައިވާ އިރު އިންތިޒާރުގައި ތިބި ދިވެހިން ދަނީ ހިތްތަކުންނާއި ދުލުން އޭނާގެ ކާމިޔާބީއަށް އެދެމުންނެވެ. ދިވެހިން އެދެނީ ރާއްޖޭގެ ނަން ފަހުރުވެރިކޮށް ރޯޝަން ކޮށްދިނުމަށް އިބާދުﷲއަށް ފޮނި ފުރިހަމަ ކާމިޔާބީއެއް ލިބުމެވެ. މުޅި ގައުމުގެ ފަހުރު އޮތީ މިވަގުތު މި އެތުލީޓާ ހަމައިގައި ކަމަށް ވުމުން ގައުމު އޮތީ ނަތީޖާއަށް އިންތިޒާރު ގައެވެ.
ފްރާންސްގެ ޕެރިހުގައި މިއަދު އިބާދުﷲ ވާދަކުރާނީ ފިރިހެނުންގެ 100 މީޓަރު ޕްރިލިމިނެރީ ރައުންޑުގައެވެ. މި ރޭސް ފަށާނީ ރާއްޖެ ގަޑިން މެންދުރު ފަހު 1:35 ގައެވެ.
ޖެމެއިކާގައި ތަމްރީނު ފުރިހަމަކުރަމުންދިޔަ އިބާދުﷲ އަކީ އެތްލެޓިކްސްއިން ރާއްޖެ ތަމްސީލު ކުރާނެ ހަމައެކަނި އެތްލީޓެވެ. އިބާދުﷲ އޮލިމްޕިކްސް އިން ފުރުސަތު ހޯދީ އެތުލެޓިކްސް އެސޯސިއޭޝަނުން ބެލި ޓައިމް ޓްރައިލްސް ތަކުން އެންމެ ރަނގަޅު ޓައިމިންގް އެއް ހޯދާފައިވުމުންނެވެ
މިހާރު ކުރިއަށްދާ ޕެރިސް އޮލިމްޕިކްސްއަކީ ރާއްޖެއިން އެންމެ ގިނަ ކުޅިވަރުގައި ވާދަކުރާ ފަހަރެވެ. މިގޮތުން ހަތަރު ކުޅިވަރަކުން ފަސް އެތްލީޓަކު މިފަހަރުގެ އޮލިމްޕިކްސްގައި ރާއްޖެ ތަމްސީލު ކުރާއިރު، ރާއްޖޭގެ ދެ އެތްލީޓަކު ވަނީ މިހާރު އޮލިމްޕިކްސްގައި ވާދަކޮށްފައެވެ.

