މާލެ ސަރަހައްދުގެ ގޭބިސީތަކުގެ ތެރެއިން މިދިޔަ މަހުގެ ކަރަންޓު ބިލް ބޮޑުވި ގެތަކުގެ އޮޑިޓެއް ހެދުމަށް ސްޓެލްކޯއިން ނިންމައިފިއެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޤައުމީ ކަރަންޓް ކުންފުނި، ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، ބައެއް ގޭތަކުގެ ބިލްތައް ބޮޑުވުމުގެ ކަންބޮޑުވުން ރައްޔިތުން ފާޅުކުރަމުންދާކަމަށާއި އެކަން އެ ވީގޮތް ދެނެގަތުމުގެ މަސައްކަތް ސްޓެލްކޯއިން ފެށުމަށް ނިންމާފައިވާކަމަށެވެ. ފަހުމީ ވިދާޅުވީ އެންމެފަހުގެ ކަރަންޓްބިލް، އޭގެކުރީ މަހާ އަޅާބަލާއިރު ކުޑަކަމަށާއި، އެގޮތުން މާލޭގެ ގެތަކުގެ ކަރަންޓްބިލްތައްކުގެ 94 އިންސައްތަ މިމަހު ކުޑަކަން ފާހަގަކުރެވޭ ކަމަށެވެ.
މިދިޔަ މަހު މާލޭގެ %6 ކަރަންޓް ބިލުތަކުން އިންތިހާއަށް ބޮޑުވެފައިވާކަން ފާޖަގަ ކުރައްވައި ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ މާލޭގެ އިތުރުން ހުޅުމާލޭގެ ވެސް %15 ބިލުތައް ބޮޑު ކަމަށާއި، މި ކަން ބެލުމަށް ސްޓެލްކޯގެ ޓީމެއް އެ އެޕާޓްމެންޓުތަކަށް ފޮނުވާނެ ކަމަށެވެ.
“އެ އެޕާޓްމަންޓްތަކަށް ވިޒިޓްކޮށްފަ އެނަޖީ އޮޑިޓެއް ކުރުމަށް އަޅުގަނޑުމެން މި ނިންމީ. ތަންތަނުގެ ހާލަތު ބަލައިގަނެ އެތަންތަނުގައި ބޭނުންކުރަނީ ކޮންކަހަލަ އާލަތްތަކެއްތޯ އެއާކޮންޑިޝަންތަކެއްތޯ އަދި ބޭނުންކުރާ ޖުމްލަ އެޕާޓްމަންޓްތަކުގެ އިންޝިއުލޭޝަންހުރީ ކިހިނެތްތޯ ބަލައި ކަސްޓަމަރުންނަށް ބޭނުންވަނީ އެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް. އޭރުން އެބޭފުޅުންނަށްވެސް މަގުފަހިވާނެ ކަރަންޓް އިގްތިސާދުކުރުމަށް ކުރެވިދާނެ ކަންތައްތަކެއް ބަލައި ފިޔަވަޅުތައް އަޅަން،” ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވިއެވެ.
ފަހުމީ ވިދާޅުވީ ބިލްކުރުމުގައި އެއްވެސް އޮޅުވާލުމެއް ނޯންނާނެ ކަމަށާއި، އެ ޔަގީންކަން ރައްޔިތުންނަށް ދޭކަމަށެވެ. މިގޮތުން އެކަންކަމާ ގުޅިގެން ސާފު ކުރަން ބޭނުންވާ ކަމެއް އޮތްނަމަ އެކަމުގެ ފުރިހަމަ އެއްބާރުލުން ސްޓެލްކޯއިން ދޭނޭކަމަށްވެސް ފަހުމީ ވިދާޅުވިއެވެ.

