ދިވެހިރާއްޖޭގެ އުތުރުގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ ބަންކަރިންގެ ހިދުމަތާއި ގުޅޭ މުހިންމު މަޝްވަރާތަކެއް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ( އެމްޕީއެލް ) އާއި ހއ އިހަވަންދޫ ކައުންސިލުން ބާއްވައިފިއެވެ.
މިބައްދަލުވުން ކުރިއަށް ދިޔައީ މިއަދު ހއ އިހަވަންދޫ ކައުންސިލް އިދާރާގައެވެ. މިބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނާއި ކުޅުދުއްފުށި ޕޯޓުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި އިހަވަންދޫ ކައުންސިލްގެ ރައީސް ވިދާޅުވީ ކުރީ ސަރުކާރުން އިހަވަންދޫއަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށާއި، ކަންކަން ކުރުމަށް ބޮޑެތި ބިންތައް އެކިއެކި ކުންފުނިތަކަށް ކައުންސިލުން ދީފައިވާނެ ކަމަށެވެ. އެހެން ނަމަވެސް އޭގެން އެއްވެސް ބިމެއްގައި ތަރައްގީގެ އެއްވެސް ކަމެއް ކުރިއަށް ނުދާކަމަށެވެ.
ސަރުކާރު ބަދަލުވެ އުތުރުގައި މެރިޓައިމް ދާއިރާއާއި ގުޅުން ހުރި ހިދުމަތްތައް ފެށުމަށް ތައްޔާރުވަމުންދާކަމީ އުތުރުގެ ތަރައްގީއަށް އޮތް ކުރިއެރުމެއް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އަދި މިމަޝްރޫއާއި އެކު އިހަވަންދޫއަށްވެސް ކުރިއެރުންތައް އަންނާނެ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
އަދި ރަށުގެ ލޭންޑްޔޫސް ޕްލޭނުގައި ބޯޑް ޔާޑަކަށް ކަނޑަޅާފައިވާ ބިމުގައި އެމްޕީއެލްގެ ޑޮކް ޔާޑެއް ގާއިމް ކުރެވުމާއިމެދު އެމްޕީއެލާއި ކައުންސިލާއި ދެމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާފައިވެއެވެ.
މި ބައްދަލުވުމުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވީ މެރިޓައިމް ދާއިރާއަށް ގިނަ ބަދަލުތަކާއި ކުރިއެރުން މި ސަރުކާރުން ގެންނާނެކަމަށެވެ. އަދި އެއީ އަދުގެ ރައީސް ޑރ މުއިއްޒު ވަރަށް ބޮޑަށް އިސްކަންދެއްވާ ކަމެއް ކަމަށެވެ.
އެގޮތުގެ މަތިން އުތުރުގައި މެރިޓައިމް ދާއިރާއާއި ގުޅުން ހުރި ގިނަކަންކަން ދާދި އަވަހަށް ފެށިގެންދާނެ ކަމަށެވެ.
އަދި އިހަވަންދޫ ކައުންސިލުން ކަނޑައަޅަފައިވާ ބިމުގައި ޑޮކްޔާޑެއް ގާއިމް ކުރުމަށް ކަމާއި ގުޅުންހުރި މުވައްސަސާތަކާއި ވާހަކަ ދައްކަވާނެ ކަމަށެވެ. އަދި ފީސިބިލް ކަމެއް ނަމަ އެކަން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ. އަދި ޑީޕްސީ ބާތިން ޓާމިނަލެއް ގާއިމް ކުރުމަކީ އެމްޕީއެލްގެ ވިސްނުމެއް ކަމަށާއި އެމަސައްކަތުގެ ވެސް ފީސިބިލިޓީ ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.
މީގެ އިތުރަށް ސީއީއޯ ވިދާޅުވީ ރާއްޖޭގެ މިސްރާބު ހުރީ މެރިޓައިމް ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައުމުގެ ވިސްނުންކަމަށާއި ދާދި އަވަހަށް ރާއްޖެއިން މި މަންޒަރު ފެނިގެންދާނެކަމަށެވެ.
“ ރައީސްގެ ރިޔާސީ ވައުދެއް މެރިޓައިމް ދާއިރާ ކުރިއެރުވުމަކީ. މިއީ މުޅިން އާ ސިނާއަތެއް. މިކަމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ކުރިއެރުން ތަކެއް ލިބޭނެ. އިރާދަކުރެއްވިއްޔާ މި މަސައްކަތް ކާމިޔާބު ވާނެ: ސީއީއޯ ވަޖީހު

