ދިރާސާތަކުން ދައްކާގޮތުން، ވަޒީފާގެ މާހައުލުން ކުރިމަތިވާ ފިއްތުންތަކުގެ ސަބަބުން، ހާޓް އެޓޭކް އަދި ސްޓްރޯކް ޖެހުމުގެ ނުރައްކަލުގެ ފުރުޞަތު ފިރިހެނުންނަށްވުރެ، އަންހެނުންނަށް ބޮޑެވެ.
ޔޫރަޕިއަން ސްޓްރޯކް އޮގަނައިޒޭޝަނުން (އީއެސްއޯ) ކޮންފަރެންސެއްގައި ހާމަކޮށްފައިވާ ހޯދުންތައ ބުނާގޮތުން، މިފަހަކަށް އައިސް ފިރިހެނުންނަށްވުރެ ބޮޑަށް އަންހެނުންނަށް ސްޓްރޯކް ޖެހުމާއި ހާޓްއެޓޭކް ޖެހުން އަންނަނީ އިތުރުވަމުންނެވެ. މިއީ އަންހެނުންނަށް ވަޒީފާގައި ކުރިމަތިވާ ތަފާތު ފިއްތުންތަކާއި، ރަނގަޅަށް ހަމަ ނިދި ނުލިބުމާއި، މާބޮޑަށް ވަރުބަލިވުމުގެ ސަބަބުން ކުރިމަތިވާ ސިއްޙީ މައްސަލައެއްގެ ގޮތުގައި އީއެސްއޯ އިން ފާހަގަކުރެއެވެ. ނަމަވެސް މިފަދަ ކަންތައްތަކަކީ، އާންމުގޮތެއްގައި މީގެ ކުރިން، ސްޓްރޯކް ޖެހުމަށް ނުވަތަ ހާޓް އެޓޭކް ޖެހުމަށް، ރިސްކް ފެކްޓާރސްގެ ގޮތުގައި ނުބަލާ ކަންކަމެވެ.
ހަމަ މިބީދައިން ޑައެބެޓިކްސް، ހައިޕަރޓެންޝަން، ކޮލެސްޓްރޯލް މަތިވުން، ދުންފަތުގެ އިސްތިޢުމާލުކުރުން، މާބޮޑަށް ފަލަވުން، ހެލިފެލިވުން މަދުވުން ފަދަ ކަންކަމަކީ ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުމުގެ ރިސްކް ފެކްޓަރސް ތަކަށް ވީނަމަވެސް، މިއީ ދިރިއުޅުމުގެ އާދަކަދަޔަށް ބަދަލު ގެނެސްގެން ބަދަލު ކުރެވިދާނެ ކަންކަމެވެ. ފަހުގެ ހޯދުންތަކުން ފާހަގަވެފައިވާ ގޮތުގައި، މަސައްކަތުގެ މާހައުލުން ކުރިމަތިވާ ފިއްތުންތަކާއި، ރަނގަޅަށް ހަމަނިދި ނުލިބުން ފަދަ ކަންތައްތަކުން ހިތުގެ މައްސަލަތަށް ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވެ، ސްޓްރޯކް ޖެހުމުގެ ރިސްކް އިތުރުވެއެވެ.
ކުރީގެ ހޯދުންތަކުން ދައްކާގޮތުން، ހާޓް އެޓޭކް އަދި ސްޓްރޯކްގެ މައްސަލަތައް ގިނައިން ކުރިމަތިވަނީ އަންހެނުންނަށްވުރެ ގިނައިން ފިރިހެނުންނަށެވެ. ވަރަށް ފަހުން އިންޑިޔާގެ ފިލްމް އެކްޓަރެއް ކަމުގައިވާ ސިއްދާތު ޝުކުލާވެސް ކުއްލިގޮތަކަށް މިދުނިޔެއާއި ވަކިވެފައިވަނީ ހާޓްއެޓޭކް ޖެހިގެންނެވެ.
ޔުނިވާސިޓީ ހޮސްޕިޓަލް ޒިއުރިޗް ގެ ނިއުރޯލޮޖިސްޓެއް ކަމުގައިވާ ޑރ. މާޓިން ހެންސެލް އަދި އޭނާގެ ޓީމުން ކޮށްފައިވާ ދިރާސާއިން ހާމަވާގޮތުގައި އަންހެނުންނަށް ވުރެ ގިނައިން ފިރިހެނުން ދުންފަތުގެ އިސްތިއުމާލު ކޮށް، މާބޮޑަށް ފަލަވުން ނިސްބަތުން ގިނަވެފައި ވީނަމަވެސް، ހާޓް އެޓޭކް އަދި ސްޓްރޯކްގެ މައްސަލަ ފިރިހެނުންނަށް ވުރެ އަންހެނުންނަށް ކުރިމަތިވާ މިންވަރު ބޮޑުތަނުން ވަނީ އިތުރުވެފައެވެ. އަދި މިފަދަ މައްސަލަތައް ގިނަވެފައިވާ އަންހެނުންނަކީ، މަސައްކަތުގެ މާހައުލުން ފިއްތުންތައް ކުރިމަތިވާ އަންހެނުންނާއި، ރަނގަޅަށް ހަމަނިދި ނުލިބި ދިރިއުޅޭ ފަރާތްތަކެވެ.

