ރައީސުލްޖުމްހޫރިއްޔާގެ ވައުދު ފުޅާއެއްގޮތަށް ރާއްޖޭގައި ބައިނަލްއަޤްވާމީ ބަންކަރިންގެ ހިދުމަތް ފެށުމަށް ގެންނަ 4000 މެޓްރިކް ޓަނުގެ ތެޔޮ އުފުޅޭ ބިޔަ ދެ އުޅަނދެއް މި މަހު ރާއްޖެ ގެންނަން ނިންމާފައިވާ ކަމަށް ސަރުކާރުން ހާމަ ކޮށްފިއެވެ.
ރާއްޖޭގެ އުތުރުގައި އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ފެށުމަށްޓަކައި ޕައިލެޓް ބޯޓާއި ޓަގް ބޯޓެއްވެސް މިހާރުވަނީ ރާއްޖެ ގެނެސްފައެވެ. އެގޮތުން އެ އުޅަނދުތައް ވަނީ މިހާރު ހދ. ކުޅުދުއްފުއްޓަށް ގެންގޮސްފައެވެ.
ބަންކަރިން މަޝްރޫއު ކުރިއަށް ގެންދިއުމަށް މިހާރު ނިންމާފައިވަނީ މިމަހު 20 ވަނަ ދުވަހުއެވެ.
ބަންކަރިންގެ ހިދުމަތް ދިނުމަށް އެމްޕީއެލް އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށާއި، މިއީ ރާއްޖޭގެ އިގްތިސާދަށް މުހިންމު ހިދުމަތަކަށް ވާތީ އެ މަސައްކަތް ނަގަނީ ގައުމީ ކަމެއްގެ ގޮތުގައި ކަމަށް ވެސް ސަރުކާރުން ބުނެފައި ވެއެވެ.

