ވިނަރެސް ފްލެޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް ކުރިމަތިލެވޭނެ ކަމަށް ބުނެ ސްކޭމް ލިންކުތަކެއް ދައުރުވާތީ ސަމާލުވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ.
ދައުރުކުރަމުންދާ ސްކޭމް މެސެޖުގައި ވަނީ ވިނަރެސް ފްލެޓްތަކަށް ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ވެސް އެޕްލައި ކުރުމުގެ ފުރުސަތު އެޗްޑީސީ އިން ހުޅުވާލައިފި ކަމަށާއި އިތުރު މައުލޫމާތު އަޅުގަނޑުމެންގެ މި ވެބްސައިޓުން ލިބެން ހުންނާނެ ކަމަށެވެ.
ފުލުހުން ހާމަކުރާ ގޮތުގައި މި ލިންކަށް ވަނުމުން ފޭސްބުކް ގެ އިތުރުން އިންސްޓަގްރާމް ހެކްކޮށް ފްރެންޑް ލިސްޓުގައިވާ ފަރާތްތަކުގެ އަތުން ފައިސާ ހޯޯދަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މި ހިނގާ 2024 ވަނަ އަހަރުގެ ޖުލައި މަހާއި ހަމައަށް 1302 މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށާއި އޭގެތެރެއިން 156 މައްސަލައެއް ދައުވާކުރަން ފޮނުވާފައިވާ ކަމަށާއި ގިނަ މައްސަލަތަކުގެ ޝަރީއަތް މިހާރު ފަށާފައިވާ ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ސްކޭމްގެ މައްސަލަތައް ހުއްޓުވުމުގެ ގޮތުގައި އެންޓި-ސްކޭމް ސެންޓަރެއް ގާއިމްކޮށްފައިވެއެވެ. މި އެންޓި-ސްކޭމް ސެންޓަރު މިހާރު އެޑަޕްޓުކުރަމުން އަންނަނީ ސިންގަޕޫރުގައި ގެންގުޅޭ ސިސްޓަމް ކަމަށް ވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

