އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި ކުރިއަށްދާ އިސްލާމީ ދުނިޔޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާތަކުގެ ވަޒީރުންގެ 9 ވަނަ ޖަލްސާގެ 5 ވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓަވައިފިއެވެ.
އެ ސެޝަންގެ ޝިޢާރަކީ "މުސްލިމުން ގިނަ ޤައުމުތަކުގައި ރައްޔިތުކަން ކުރިއެރުވުމާއި އިސްލާމީ މުޖުތަމަޢުތަކުގެ އިސްތިޤްރާރަށް އޭގެ ސަބަބުން ކުރާ އަސަރު" އެވެ. ސަޢުދީ އަރަބިއްޔާގެ މައްކާގައި ކުރިއަށްދާ އެ ކޮންފަރެންސްގައި އިސްލާމީ ހުރިހާ ގައުމަކުންވެސް ބައިވެރިވެލައްވައެވެ. ސައުދީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވަޒީރު ޑރ. ޝަހީމް ވަނީ ސައުދީ އަރަބިއްޔާގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ފަޟީލަތުއްޝައިޚް ޑރ. އަބްދުއްލަޠީފް އާލުއްޝައިހް އާއިވެސް ބައްދަލު ކުރައްވާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު،/ފޮޓޯ އިސްލާމިކް މިނިސްޓްރީ
އިސްލާމީ ދުނިޔޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާތަކުގެ ވަޒީރުންގެ 9 ވަނަ ޖަލްސާ މަހުގެ 3 ވަނަ ދުވަހުން 7 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެއެވެ. އެ ކޮންފަރެންސް ނިންމަވާލެއްވުމަށްފަހު ވަޒީރު ޑރ. ޝަހީމް އެނބުރި ވަޑައިގަންނަވާނީ މި މަހުގެ 7 ވަނަ ދުވަހުއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގައި ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާވަމުން ދާކަން ފާހަގަކުރެވެއެވެ.

