ސައުތު އޭޝިއަން އެސޯސިއޭޝަން ފޯ ރީޖަނަލް ކޯޕަރޭޝަން (ސާކް)ގެ ސެކްރެޓަރީ ޖެނެރަލް އެމްޑީ ގޯލަމް ސަރުވާރު ރާއްޖެ ވަޑައިގެންފި އެވެ.
ސާކްގެ 15 ވަނަ ސެކްރެޓަރީ ޖެނެރަލްގެ މަގާމާ ސެކްރެޓަރީ ޖެނެރަލް ސަރްވާރު ހަވާލުވެވަޑައިގެންނެވީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. ގޯލަމް ސަރުވާރު ރާއްޖެ ވަޑައިގެންފައިވަނީ އިއްޔެއެވެ.
ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ ދަތުރުފުޅުގައި ރާއްޖޭގެ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރުގެ އަރިހަށް ޒިޔާރަތްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ސާކްގެ ސެކްރެޓަރީ ޖެނެރަލްގެ މި ދަތުރުފުޅުގައި ފޮރިން ސެކްރެޓަރީ ފާތިމަތު އިނާޔާއާ ވެސް ބައްދަލުކުރައްވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ސާކްގެ ސެކްރެޓަރީ ޖެނެރަލް ސަރްވާރުގެ އެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ފުރާވަޑައިގަންނަވާނީ 08 އޮގަސްޓް 2024 ގައެވެ. ސެކްރެޓަރީ ޖެނެރަލްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ތަސްލީމާ ސަރްވާރާއި ސާކް ސެކްރެޓޭރިއޭޓްގެ ޑިރެކްޓަރު އަލްފާޟިލާ ޝާހިޔާ ޢަލީ މަނިކާއި ސާކް ސެކްރެޓޭރިއޭޓް އަލްފާޟިލް ބަވޭޝް އާރް ޓްރިވޭދީ ބައިވެރިވެވަޑައިގަންނަވައެވެ.

