މާލެ ދަތުރުކުރާ އަތޮޅުތަކުގެ ބޯޓް ފަހަރުގެ ވެރިންނާއި މޭޔަރު އާދަމް އާޒިމް ބައްދަލު ކުރައްވާ މާލެގައި ބަނދަރުކުރާ އަތޮޅުތަކުގެ ބޯޓް ފަހަރުގައި ދިމާވާ ކަންބޮޑުވުންތަކަށް ހައްލު ގެންނަން މަސައްކަތް ފަށައިފިއެވެ.
މާލެ ދަތުރުކުރާ އަތޮޅުތަކުގެ ބޯޓް ފަހަރުތަކަށް މާލޭ ފަޅުގައި އޮންނައިރު ދިމާވާ ދަތިތަކަށް ހައްލު ހޯދުމައްޓަކާ ބޯޓްފަހަރުގެ ވެރިންނާއި މޭޔަރު އާދަމް އާޒިމް ބައްދަލު ކުރައްވީ އިއްޔެއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ބޯޓް ފަހަރުތަކުގެ ވެރިންނާއި މޭޔަރު ބައްދަލުކުރުމުގައި މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދައްކާވާފައިވަނީ މާލެއަށް ޒިޔާރަތް ކުރާ އޮޑި ފަހަރުތަކަށް މާލޭގެ ފަޅުތެރެ ބޭނުންކުރުމުގައި ކުރިމަތިވާ ދަތިތައް ހައްލުކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ކަމަށެވެ.

ބޯޓްފަހަރުގެ ވެރިންނާއި މޭޔަރު އާދަމް އާޒިމް ބައްދަލު ކުރެއްވުން/ފޮޓޯ މާލެ ސިޓީ ކައުންސިލް
އެގޮތުން ފަޅު ބޭނުން ކުރުމުގައި ހަމަހަމަ ކަން ގާއިމު ކުރުމާ ގުޅޭގޮތުންވެސް ވަނީ ވާހަކަ ދައްކަވާފައި ކަމަށްވެސް ބުނެފައި ވެއެވެ. އަދި އޮޑިތަކުން ވައްކަންކުރުން ހުއްޓުވުމާއި މާލެގައި އޮޑި މަޑުކުރަން ޖެހޭ ދުވަސްތައް ކުޑަކުރެވޭނެ ގޮތާއި ގުޅޭ ގޮތުން ވެސް ވާހަކަ ދެކެވުނު ކަމަށާއި،ފަޅު ބޭނުން ކުރުމުގައި ހަމަހަމަ ކަން ގާއިމު ކުރުމާ، އޮޑިން ވައްކަންކުރުން ހުއްޓުވުމާއި މާލެގައި މަޑުކުރަން ޖެހޭ ދުވަސްތައް ކުޑަކުރެވޭނެ ގޮތްތައް އޮޑިވެރިންނަށް ފަސޭހަވާނެހެން ބަލަމުން ގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
މޭޔަރު މިފަދައިން ވާހަކަ ދައްކަވާފައިވާއިރު މާލޭ ފަޅު ބޭނުން ކުރުމުގައި ކަންބޮޑުންތައް އެބަހުރި ކަމަށް ބޯޓްތަކުގެ ވެރިންވަނީ ފާހަގަ ކުރައްވާފައެވެ. އެގޮތުން ބަނދަރުން ޖާގަ ނުލިބުމާއި، ބަނދަރުގައި ގިނަ ދުވަހަށް އޮންނަ ކަމަށްވެސް ފާހަގަ ކޮށްފައި ވެއެވެ.

