ދިވެހި ރާއްޖޭގެ ކުޅިވަރަށް ގިނަގުނަ ޙިދުމަތްތަކެއް ކޮށްދީފައިވާ ހުސައިން ނަސީމް ނިޔާވެއްޖެއެވެ.
ހުސެން ނަސީމް ކުޅިވަރުގެ ދާއިރާ އަށް 37 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވެއެވެ. ނަސީމް މައިގަނޑު ގޮތެއްގައި މަސައްކަތްކުރެއްވީ ގަލޮޅު ދަނޑުގެ ކަންކަން ބެލެހެއްޓެވުމުގައެވެ. އެގޮތުން ގަލޮޅު ދަނޑާއި، ޔޫތު އެކޮމޮޑޭޝަން ބްލޮކްގެ ހުރިހާ ކަމެއް ކުރިއަށް ގެންގޮސްފައި ވަނީ ނަސީމްގެ ބެލުމުގެ ދަށުންނެވެ. އަދި ގަލޮޅު ދަނޑުގެ މަރާމާތުގެ މަސައްކަތްތަކާއި، ވިނަގަނޑަށް ފެންދީ ރަނގަޅަށް ބަލަހައްޓަނީވެސް ނަސީމްގެ ބެލުމުގެ ދަށުންނެވެ. ދަނޑުގައި ބާއްވާ ކުޅިވަރު މުބާރާތްތަކުގެ ކަންކަމުގައި އަމަލީގެ ގޮތުން ބައިވެރިވެ މިނިސްޓްރީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދޭ މައިގަނޑު ފޯކަލް ޕޮއިންޓަކީ ވެސް ނަސީމް އެވެ.
ދިވެހިރާއްޖޭގެ ކުޅިވަރަށް ބޮޑު ޚިދުމަތެއް އޭނާ ކުޅިވަރު ވުޒާރާގައި ހޭދަކުރި ދުވަސްތަކުގައި ކޮށްދެއްވާފައިވެއެވެ. އެގޮތުން ވަކިން ހާއްސަކޮށް ފުޓްބޯޅަ ކުލަބު ތަކާއި، އެފްއޭއެމްއާ ގާތް ގުޅުމެއް ބާއްވައި އެ ފަރާތްތަކަށް ބޭނުންވާ ކަންކަން ހަމަޖައްސައިދިނުމުގައި ނަސީމް ގިނަ އެހީތަކެއްވެފައިވެއެވެ. އެފްއޭއެމްގެ އިތުރުން ޔޫތު އެކޮމޮޑޭޝަން ބްލޮކްގައި ހިންގި ކުޅިވަރު އެސޯސިއޭޝަންތަކަށްވެސް އޭނާގެ ފަރާތުން ބޮޑު އެހީތެރިކަމަކާ އެއްބާރުލުމެއް ދީފައިވެއެވެ.
އެނގިފައިވާ ގޮތުން ނަސީމް ނިޔާވެފައިވަނީ އުމުރުފުޅުން 56 އަހަރުގައި ބަލިވެ އުޅުއްވުމަށް ފަހުގައެވެ.

