މި ހިނގާ 2024 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރައިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މި ތަފާސް ހިސާބުތައް ދައްކާގޮތުގައި އިއްޔެގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 1,202,579 އެވެ. މި އަދަދަކީ ނިމުނު 2023 ވަނަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދާއި އަޅާބަލާއިރު މިއީ 10 އިންސައްތައިގެ ކުރިއެރުމެކެވެ.
ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އެވަރެޖު އަދަދަކީ 5,567 ނަމަވެސް މި އަދަދު އިތުރުވެ ހޮނިހިރު ދުވަހު 7,012 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.
ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު އޭގެތެރެއިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާ އިންނެވެ. ޗައިނާ އިން 164107 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާ އިންނެވެ. ރަޝިޔާއިން ރާއްޖެއަށް ޒިޔާރަތަކުރި ފަތުރުވެރިންގެ އަދަދަކީ 128,512 އެވެ. މި ލިސްޓުގެ ތިންވަނައިގައި އޮތީ ޔޫކޭ އެވެ. ޔޫކޭ އިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދަކީ 106،161 އެވެ.
އެ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިހާރު ޓޫރިސްޓުން ރާއްޖޭގައި މަޑުކުރާ ދުވަހުގެ މުއްދަތު ވެސް ވަނީ އިތުރުވާން ފަށާފަ އެވެ. އެގޮތުން މިހާރު އެވްރެޖު ސްޓޭ ހުރީ 7.8 ދުވަހުގަ އެވެ.
ސަރުކާރުން ފަތުރުވެރިންގެ ސިނާއަތަށް ކަނޑައަޅާފައިވާ އަމާޒަކީ 2 މިލިއަން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރުވުމެވެ. މި އަމާޒަށް ވާސިލްވުމަށް ސަރުކާރުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުުރަމުންނެވެ.

