ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް (ޑީއޯއޭޖީ) އަށް 14 ވަނަ އިސްލާހު ގެނައުމުގެ އެއްބަސްވުމުގައި ރާއްޖެއާއި އެމެރިކާއާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.
އެމެރިކާއާ ދެމެދު މިއަދު ސޮއިކުރެވުނު އެއް ބަސްވުމުގެ ދަށުން ވަނީ 8.5 މިލިޔަން ޑޮލަރުގެ އެހީއެއް ލިބިފައެވެ. އެގޮތުން އެ އެހީ ދީފައިވަނީ ރާއްޖެއާއި އެމެރިކާއާއެކު ވެފައިވާ ޑިވެލޮޕްމަންޓް އޮބްޖެކްޓިވް ގްރާންޓް އެގްރީމަންޓް، ޑީއޯއޭޖީއަށް ގެނައި އިސްލާހްގެ ދަށުންނެވެ. އެ އެއްބަސްވުމަކީ ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި ރާއްޖޭގެ ފަންނީ ޤާބިލުކަން އިތުރުކޮށް ހަރުދާނާ ކުރުމާ ގުޅޭ ގޮތުން ކުރިއަށް ގެންދެވޭނެ އެއްބަސްވުމެކެވެ.
މިގޮތުން ދައުލަތުގެ މާލިއްޔަތު ބެލެހެއްޓުމުގައި ރާއްޖޭގެ ފަންނީ ޤާބިލުކަން އިތުރުކޮށް، ރާއްޖޭގެ އިޤްތިޞާދީ އަދި ޑިމޮކްރެޓިކް ވެރިކަމުގެ ހަރުދަނާކަން އިތުރުކުރުމަށް ރާއްޖެއާއި އެމެރިކާއާ ދެމެދު ސޮއިކުރެވުނު ތާރީޚީ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެއްބަސްވުމެއް ވެސްމެއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމާއެކު ފާއިތުވި އަހަރުތަކުގައި، ކަނޑައެޅިފައިވާ ފައިސާގެ އަދަދު މަޑުމަޑުން އިތުރުވެގެން ގޮސްފައިވާ ކަމަށެވެ.
އަދި އެއްބަސްވުމާއިއެކު 8.5 މިލިޔަން ޑޮލަރުގެ އެހީއެއް ވަނީ ފޯރު ކޯށްދެއްވާފަ ކަމަށްވެސް ބުނެފައި ވެއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި ބޭއްވި ސޮއިކުރުމުގެ އެ ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް ޝެރީނާ ޢަބްދުއްސަމަދު އަދި އެމެރިކާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޔޫއެސްއެއިޑްގެ މިޝަން ޑިރެކްޓަރ ގެބްރިއަލް ގްރާއުއެވެ.

