އަނެއްކާވެސް އިމިގްރޭޝަން ގެ ބެލުމުގެ ދަށަށް 4 ބިދޭސީއަކު ގެންގޮސްފިއެވެ. މިފަހަރު މިހެން ދިޔައީ ކާބޯތަކެތީގެ ޑެލިވަރީ ކުރާ ބައެކެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަނުން އެކްސްގައި ޕޯސްޓެއް ކޮށްފައިވެއެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ ފުޅާދާއިރާއެއްގައި ކާބޯތަކެތި ޑެލިވެރީ ކުރުމުގެ ޚިދުމަތް ދެމުންދިއަ ކަމަށް “އިމިގްރޭޝަން ވޮޗް” އަށް ރިޕޯޓު ކޮށްފައިވާ ތަނެއް މިއަދު ބަލައި ފާސްކޮށްފައި ވާ ކަމަށާއި ގަވާއިދާ ހިލާފަށް އެތަނުގައި މަސައްކަތް ކުރަމުންދިއަ 4 ބިދޭސީން އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
އިމިގްރޭޝަން ވޮޗް އަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި ވިޔަފާރި އަދި މަސައްކަތް ކުރާ ބިދޭސީންގެ މައްސަލަ ރިޕޯޓު ކުރުމަށް ހާއްސަކޮށްގެން އިމިގްރޭޝަން އިން ތައާރަފްކޮށްފައިވާ ޕްލެޓް ފޯމެކެވެ. މި ޕްލެޓް ފޯމަށް މައުލޫމާތު ލިބިގެން މީގެ ކުރިން ވެސް އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވެއެވެ.
ފުލުހުންނާއި އިމިގްރޭޝަން އިން ގުޅިގެން ރާއްޖޭގައި ގަވާއިދާއި ހިލާފަށް ވިޔަފާރިކޮށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި މަސައްކަތްތަކުގެ ތެރެއިން އެ ދެ މުވައްސަސާ ގުޅިގެން ދަނީ އޮޕަރޭޝަންތަކެއް ކުރިއަށް ގެންދަމުންނެވެ.
މި އޮޕަރޭޝަންތަކުގައި 125 އަށް ވުރެ ގިނަ ބިދޭސީން އިމިގްރޭޝަން ގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.

