ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓް ޝެޑިއުލްއާ އެއްގޮތަށް އާރުޓީއެލް އިން ފެރީތަކުގެ ވަގުތު ހަމަޖައްސައިފިއެވެ.
މި ކަމާ ގުޅިގެން މޯލްޑިވިއަން އިން ބުނީ މާލެއިން ކޫއްޑޫއަށް ކޮންމެ ދުވަހަކު ހެނދުނު ދަތުރުކުރާ ޝެޑިއުލްޑް ފްލައިޓާ ދިމާކޮށް، ކޫއްޑޫއަށް އާރްޓީއެލް ފެރީ ޚިދުމަތް މިހާރު ލިބެން ހުންނާނެ ކަމަށާއި މިއީ މިފަދައިން ޝެޑިއުލް ފްލައިޓް ދަތުރުތަކާ އެއްގޮތަށް އާރުޓީއެލް ފެރީގެ ވަގުތުތައް ގުޅުވާލުމުގެ ފެށުމެއް ކަމަށެވެ.
މޯލްޑިވިއަންގެ ޝެޑިއުލްޑް ދަތުރުތައް ހަމަޖެހިފައިވާ ހުރިހާ އެއާޕޯޓަކަށް މި ޚިދުމަތް ފުޅާކުރުމަށްޓަކައި، އާރްޓީއެލްއާ ގުޅިގެން މަސައްކަތްތަކެއް ކުރިއަށްދާ ކަމުގައި ވެސް މޯލްޑިވިއަނުން ބުނެއެވެ. އެއާޕޯޓުތައް ހިމެނޭ ބައެއް ސަރަޙައްދުތަކަށް އާރްޓީއެލް ފެރީގެ ޚިދުމަތް ފޯރުކޮށްދެމުންދާއިރު ފްލައިޓް ގަޑިތަކާއި ފެރީ ޝެޑިއުލްތައް ދިމާއެއް ނުވެއެވެ.
އާރުޓީއެލް ގެ ފެރީގެ ނިޒާމަކީ މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ވިއުގަ އެއް ނިޒާމެއްގެ ދަށުން ގުޅުވާލުމަށް ތައާރަފްކުރި ފެރީގެ ނިޒާމެކެވެ. އެގޮތުން އެންމެ ފަހުން އެ ފެރީގެ ނިޒާމު ފަށާފައިވާ ތިން އަތޮޅަކީ ނ ، ރ ، ބ އެވެ.
ދާދި ފަހުން ފަރެސްމާތޮޑާއަށް ވެސް އާރުޓީއެލްގެ އައު ސްޓޮޕެއް ވަނީ އިތުރުކޮށްފައެވެ.

