އެއް ތަނުން އަނެއް ތަނަށް ފަތުރުވެރިން އުފުލުން ހިމެނޭ ގޮތަށް، ހެލިކަޕްޓަރު ޚިދުމަތް ދޭން ފަށަން ފުރުސަތު ހުޅުވާލައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ގެޒެޓުކުރި އިއުލާނެއްގައި ވަނީ އެމާޖެންސީ ޚިދުމަތާއި ފަތުރުވެރިކަމުގެ ދާއިރާ ޚިދުމަތް ކުރިއެރުވުމަށް ކުރިއަށްގެންދާނެ ހެލިކަޕްޓަރު ޚިދުމަތަކަށް އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން ހުޅުވާލާ ކަމަށެވެ.
އެ މިނިސްޓްރީގެ މަގުސަދަކީ ހެލިކަޕްޓަރު މެދުވެރިކޮށް އެއާ އެމްބިއުލާންސް ޚިދުމަތާއި މީހުން ހޯދައި ސަލާމަތް ކުރުމުގެ އޮޕަރޭޝަން ހިންގުމުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ފަތުރުވެރިން އުފުލުން ކަމަށް އެ އިއުލާނުގައިވެއެވެ.
އެ ޚިދުމަތް ދޭ ފަރާތަކަށް، ފަތުރުވެރިން ހެލިކަޕްޓަރުގައި އުފުލަން 10 އަހަރުގެ އެކްސްކްލޫސިވް އެއްބަސްވުމެއް ދޭނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
އެ އިއުލާނުގައި ވަނީ އީއޯއައި މަރުހަލާއަށް ފަހު، ޕްރޮޕޯޒަލް ހުށަހެޅުމުގެ މަރުހަލާ ފަށާނެ ކަމަށެވެ. އެ ޕްރޮޕޯޒަލް ހަދަން ޖެހޭނީ މިނިސްޓްރީން ކަނޑައަޅައިފައިވާ އިސްތިރާޖީ އަމާޒުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އިއުލާނުގައިވެއެވެ.
މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވަނީ، ހެލިކަޕްޓަރު ޚިދުމަތް ފަށާނީ ފަތުރުވެރިން އުފުލޭ ގޮތަށްކަން ހާމަކުރައްވައިފައެވެ. އެގޮތުން މިހާރު ފަތުރުވެރިން ސީޕްލޭންގައި އުފުލާއިރު އެ ދަތުރުތައް ކުރަނީ ދުވާލު ކަމަށާއި، ނަމަވެސް ފަތުރުވެރިން އެ ނޫން ގަޑިތަކުގައި ވެސް ދަތުރުކުރަން ބޭނުންވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

