ދިވެހިން ބޭނުންކުރާ ކާބޯތަކެތި ތައްޔާރުކުރާ 3 ބިދޭސީ އަކު އަތުލައިގެންފިއެވެ.
މިކަމާ ގުޅިގެން އިމިގްރޭޝަންއިން ބުނީ އިމިގްރޭޝަން ވޮޗް އަށް ލިބުނު ރިޕޯޓަކާއި ގުޅިގެން ވިޔަފާރިއަށް އެކިކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ މައްސަލައަކާ ބެހޭގޮތުން ދިރިނޫޅެވޭ ވަރަށް ބައުވެ ވީރާނާވެފައިވާ ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށާއި މިއީ މާލެ ސަރަހައްދުގެ ގެއެއް ކަމަށެވެ.

މި ތަން ބަލައި ފާސްކޮށް ގަވާއިދާ ޚިލާފަށް އެތަނުގައި ދިރިއުޅެމުންދިއަ 03 ބިދޭސީއެއް އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި އަދި މި ރެއިޑުގައި ގިނަ އަދަދަކަށް އާންމުން ފިހާރަތަކުން ގަނެއުޅޭ ކާބޯތަކެތި ފެނިފައިވާކަމަށް އިމިގްރޭޝަނުން ހާމަކޮށްފައިވެއެވެ. އަދި މިކަން ކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެންގޮސްފައި ވާކަމަށް ވެސް އިމިގްރޭޝަނުން ބުނެފައިވެއެވެ.
ރާއްޖޭގައި ގަވާއިދާއި ހިލާފަށް ދިރިއުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތުގެ ތެރެއިން 125 އަށް ވުރެ ގިނަ ބިދޭސީން އިމިގްރޭޝަން ގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ. މި އޮޕަރޭޝަންތަކުގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދާ ބިދޭސީންނަށް ދެވަނަ ފުރުސަތެއް ނުދޭނެ ކަމަށާއި އަދި އެމީހުން ކަމާ ބެހޭ އިދާރާތަކާއި ގުޅިގެން ޑީޕޯޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެއެވެ.
އިމިގްރޭޝަން ވޮޗް އަކީ ގަވާއިދާއި ހިލާފަށް މަސައްކަތާއި ވިޔަފާރި ކުރާ ބިދޭސީން ރިޕޯޓުކުރުމަށް އިމިގްރޭޝަން އިން ތައާރަފްކޮށްފައިވާ ޕްލެޓްފޯމެކެވެ.

