ތިނަދޫ ސިޓީގައި ބިދޭސީން ދިރިއުޅެމުން ދިޔަ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ތިނަދޫ ސިޓީ އިން މައުލޫމާތު ދިން ފަރާތަކުން ބުނިގޮތުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވަނީ އެސިޓީގެ މިއުޒިއަމް ޕާކު ކައިރީ ހުންނަ ގެއެއްގައެވެ. އަދި އެހާ ބޮޑަށް ރޯވެ އަލިފާންގަނޑު ނުފެތުރެނީސް ސިފައިން ވަނީ އަލިފާންގަނޑު ކޮންޓްރޯލް ކޮށް ނިއްވާލާފައި ކަމަށެވެ.
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފް އިން ބުނީ މިއަދު ތިނަދޫ ސިޓީގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގި ކަމުގެ ރިޕޯޓު ލިބިފައި ވަނީ މެންދުރު ފަހު 02:39 ހާއިރު ކަމަށެވެ. ރިޕޯޓު ލިބުމާއެކު އެ ސަރަހައްދަށް އެމްއެންޑީއެފް އިން ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފެށި ކަމަށާއި ސިފައިން ކުރި މަސައްކަތުން މިއަދު 3:00 ހާއިރު އަލިފާން ނިއްވާލެވުނު ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މިހާދިސާގައި މީހަކަށް ބޮޑު އަނިޔާއެއް ނުވި ކަމަށްވިޔަސް އެކަކުގެ ފަޔަށް ކޮންމެވެސް ވަރެއްގެ އަނިޔާއެއް ވެފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ހާމަކޮށްފައެވެ.

