މުހިންމު ކަންތައްތަކަށް އެއްބަސްވެ، ޕޮލިޓެކްނިކާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާއި ދެމެދު ފަހުމުނާމާ އެއްގައި ސޮއިކޮށްފިއެވެ.
ސްޓެލްކޯ އިން ހާމަކޮށްފައިވާ ގޮތުގައި މި ފަހުމުނާމާ އަކީ، ސްޓެލްކޯ އަށް ބޭނުންވާ ފަންނީ އަދި މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މުވައްޒަފުން ތަމްރީން ކުރުމަށާއި، މޯލްޑިވްސް ޕޮލިޓެކްނިކްގެ ދަސްވާރުންނަށް ސްޓެލްކޯގައި “އިންޑަސްޓްރިއަލް އެކްސްޕީރިއަންސް” ހޯދުމުގެ ފުރުޞަތު ފަހިކޮށް ދިނުމަށާއި އަދި ސްޓެލްކޯ އާއި މޯލްޑިވްސް ޕޮލިޓެކްނިކާއި ގުޅިގެން މަސައްކަތްތެރިކަމުގެ ދާއިރާތަކަށް މީހުން ބިނާކުރުމާއި ގުޅޭ އެކިއެކި ކަންކަމުގައި އެހީތެރިވެދިނުމުގެ ގޮތުން ވެވުނު ފަހުމުނާމާއެއް ކަމަށެވެ.
މި ފަހުމުނާމާގެ މުއްދަތަކީ މި ފަހުމުނާމާގައި ސޮއިކުރާ ތާރީޚުން ފެށިގެން، މީލާދީ ގޮތުން 05 (ފަހެއް) އަހަރު ދުވަސް ކަމަށް ވެސް އެ ކުންފުނިން ހާމަކުރެއެވެ.
މި ފަހުމުނާމާގައި ސްޓެލްކޯގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ސޮއި ކޮށްފައިވާއިރު ޕޮލިޓެކްނިކް ގެ ފަރާތުން ސޮއި ކޮށްފައިިވަނީ އެ ކޮލެޖުގެ ސީއީއޯ ޒޫޝާން ކަމާލުއްދީން އެވެ.
ސްޓެލްކޯ އިން ވަނީ މި ފަހުމުނާމާގެ އެއްބަސްވެފައިވާ ކަންތައްތައް ހާމަކޮށްފައިވެއެވެ.
• ޕޮލިޓެކްނިކް އިން ހިންގާ ތަމްރީން ޕްރޮގްރާމްތަކުގެ ތެރެއިން ސްޓެލްކޯއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތައް ހިންގައިދިނުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
• ޕޮލިޓެކްނިކް އިން ތަމްރީން ލިބިގެން ނިކުންނަ ދަސްވާރުންނަށް، ޖާގަ އޮތް މިންވަރަކުން ސްޓެލްކޯގައި “އިންޑަސްޓްރިއަލް އެކްސްޕީރިއަންސް” ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުން.
• ސްޓެލްކޯގެ މާލެ އަދި ގްރޭޓަރ މާލެ ރީޖަންގެ އިންޖީނުގެތަކުގައި އިންޖީނު އޯވަރހޯލް ކުރުމުގެ މަސައްކަތްތައް ހިނގަމުންދާއިރު، މި މަސައްކަތް ހިނގަމުންދާ ގޮތް ބައްލަވާލެއްވުމަށް ބޭނުންވާ ޕޮލިޓެކްނިކްގެ މުދައްރިސުންނާއި ދަރިވަރުންނަށް، މި މަސައްކަތް ބައްލަވާލެއްވުމަށް ސްޓެލްކޯއަށް ޒިޔާރަތްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުން.
• ސްޓެލްކޯގެ އެކިއެކި ދާއިރާތަކަށް ބޭނުންވާ ޓެކްނިކަލް އަދި ނަން-ޓެކްނިކަލް ދާއިރާތަކާ ގުޅޭ އެކިއެކި ކުރު ތަމްރީން ޕްރޮގްރާމްތައް ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން ހިންގައިދިނުން.
• ޕޮލިޓެކްނިކް އިން ހިންގާ ސްޓެލްކޯ އިން ކުރާ މައިގަނޑު މަސައްކަތްތަކާއި ގުޅުންހުރި ކޯސްތައް ކިޔަވައި ދިނުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ކޯސް ކިޔަވައިދިނުމަށް ބޭނުންވާ އެކިއެކި އިކުއިޕްމަންޓްތަކާއި ކަމާބެހޭ އެކިއެކި އާލާތްތައް ހޯދައިދިނުމުގައި ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން އެހީތެރިކަން ފޯރުކޮށްދިނުން.
• ޕޮލިޓެކްނިކް އިން ހިންގާ ކޯސްތަކުގައި ކިޔަވައި ދިނުމަށް ބޭނުންވާ ސްޓެލްކޯގެ ތަޖުރިބާ އަދި ތަޢުލީމް ހުރި މުވައްޒަފުންނަށް، ދެފަރާތުން އެއްބަސްވާ ގޮތުގެ މަތިން ކިޔަވައިދިނުމުގެ ފުރުޞަތު ފޯރުކޮށްދިނުން.
• މަސައްކަތުގައި ބޭނުންކުރެވޭ އާލާތްތަކާއި ސާމާނަށް އަންނަ ތަރައްޤީ އާއި ގުޅިގެން، ޕޮލިޓެކްނިކް އިން ހިންގާ ކޯސްތަކުގެ ކަރިކިއުލަމް އިޞްލާޙް ކުރުމަށްޖެހޭ ހާލަތްތަކުގައި، ސްޓެލްކޯގެ ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުން.
• ޕޮލިޓެކްނިކްގެ ފަންނީ މުވައްޒަފުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ރާވާ، ހިންގުމުގައި، ޕޮލިޓެކްނިކް އިން އެދިލައްވާ ގޮތުގެމަތިން، މި ކަންކަމުގައި ސްޓެލްކޯގެ ތަޖުރިބާކާރުންގެ އެހީތެރިކަން ފޯރުކޮށްދިނުން.
• ރާއްޖެއިން ބޭރުން ގެންނަ ޓްރެއިނަރުން ބޭނުންކޮށްގެން ސްޓެލްކޯގައި ހިންގާ ޕޮލިޓެކްނިކް އާއި ގުޅުންހުރި “އިން-ހައުސް ޓްރެއިނިންގ” ޕްރޮގްރާމްތަކުގައި، ޕޮލިޓެކްނިކްގެ މުދައްރިސުންނާއި ޕޮލިޓެކްނިކްގައި ކިޔަވާ ދަރިވަރުންނަށް ޖާގައޮތް މިންވަރަކުން ހިލޭ ބައިވެރިވުމުގެ ފުރުޞަތު ފަހިކޮށްދިނުން.

