ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރެވޭ ގޮތަށް، ދުންފަތުގެ ބާވަތްތަކުން ޓެކްސް އިތުރުކުރަންޖެހޭ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.
ހެލްތް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރި ލިޔުމެއްގައި ވަނީ، ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ އަދަދު އިތުރުވަމުންދާ ކަމަށެވެ.
"ދުންފަތުން ކުޑަކުދިންނާއި ޒުވާނުން ސަލާމަތްކުރަމާ" ސުރުހީގެ ދަށުން އެޗްޕީއޭއިން އާއްމުކުރި ލިޔުމުގައި ބުނީ ރާއްޖޭގައި ފުރާވަރު ކުދިންނާއި ޒުވާނުންގެ މެދުގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ނިކޮޓިން ޕައުޗް ފަދަ ބާވަތްތައް ބޭނުންކުރުން އާންމުވެފައިވާކަމަށެވެ.
ދުންފަތުގެ ބާވަތްތައް ބޭނުންކުރުމުން ރާއްޖޭގައި ގިނަ އަދަދެއްގެ މީހުން ބަލިތަކަށް ހުށަހެޅިފައި ވާކަމަށް މިނިސްޓްރީން ބުންޏެވެ.
ރާއްޖޭގައި އެވްރެޖްކޮށް ކޮންމެ އަހަރަކު 150 މީހުން، ގާތްގަނޑަކަށް ކޮންމެ ދެ ދުވަހުން އެކަކު، ސީދާ ދުންފަތުގެ އިސްތިއުމާލުކުރުމުން ޖެހޭ ބަލިތަކުން މަރުވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)އާ ހަވާލާދީ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
ހެލްތް މިނިސްތްރީއިން ބުނީ ދުންފަތަށް އަލަށް ހުށަހެޅޭ މީހުން މަދުކުރަން ދުންފަތުގެ ބާވަތްތައް އިޝްތިހާރުކޮށް، މާކެޓްކުރުމާއި ހުއްޓުވަން ފިޔަވަޅުތައް އަޅަން ޖެހޭ ކަމަށެވެ. އޭގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމާއި ދުންފަތުގެ ވިޔަފާރި އަދި ދުންފަތުގެ ބާވަތްތަކުން މީހުން ދުރުކުރުމަށް ކުރަންޖެހޭ ކަންކަން ބަލައި މޮނިޓާކޮށް އަދި ކުރަންޖެހޭ ދިރާސާތައް ކޮށް އެ މައުލޫމާތުތަކުގެ އެހީގައި ދުންފަތް ކޮންޓްރޯލް ކުރުމުގެ މަސައްކަތް ތަންފީޒުކުރަންޖެހޭ ކަމަށެވެ.
އާންމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަނާކުރުމުގެ ގަވާއިދުތައް ހަރުދަނާކޮށް އާއްމު ތަންތަނުގައި ދުންފަތަށް މީހުން ހުށަހެޅޭ މިންވަރު މަދުކޮށް، ދުންފަތުގެ އިސްތިއުމާލު ނުކުރާ މީހުންގެ ހައްގުތައް ކަށަވަރުކުރަންޖެހޭ ކަމަށް ވެސް ހެލްތް މިނިސްޓްރީއިން ބުންޏެވެ.

