ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވެއްޖެނަމަ އަހަރަކު ދެފަހަރު ބައި- އިލެކްޝަން ބާއްވާ ގޮތަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މި އިޞްލާޙު ހުށަހެޅިފައިވަނީ ކައުންސިލްތަކުގެ މެންބަރުންގެ ގޮނޑި ހުސްވާ ޙާލަތްތައް އިތުރުވަމުންދިޔުމުގެ ސަބަބުން، ތަކުރާރުކޮށް ގިނަ އަދަދަކަށް ބައި-އިލެކްޝަންތައް ބޭއްވުމަށް ޖެހޭތީ، މި އިންތިޚާބުތައް ކައިރި މުއްދަތުތަކެއްގައި ނުބޭއްވޭނެ ގޮތް ހެދުމަށްޓަކައެވެ. މި އިޞްލާޙު ހުށަހެޅިފައިވަނީ “އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު” އަދި “ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު” އަށެވެ.
މިއަދުގެ ޖަލްސާގައި “އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު” އަށް އިޞްލާޙު ގެނައުމަށް ނެގުނު ވޯޓުގައި 67 މެންބަރުން ވޯޓުދެއްވީ އިޞްލާޙާ އެއްކޮޅަށެވެ. ނަމަވެސް 7 މެންބަރުން ވަނީ އިޞްލާޙާ ދެކޮޅަށް ވޯޓުދެއްވާފައެވެ.
އަދި “ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ޤާނޫނު” އަށް އިޞްލާޙު ގެނައުމަށް ނެގުނު ވޯޓުގައި 67 މެންބަރުން ވޯޓުދެއްވީ އިޞްލާޙާ އެއްކޮޅަށެވެ. ނަމަވެސް 8 މެންބަރުން ވަނީ އިޞްލާޙާ ދެކޮޅަށް ވޯޓުދެއްވާފައެވެ.

