އޭޓީއެމް ހިދުމަތާއި ޕީއޯއެސް މެޝިންގެ ހިދުމަތް މިހާރު ރަގަނޅު ކުރެވިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް އިން ބުނެފިއެވެ.
މިއަދު ހެނދުން ފެށިގެން ބީއެމްއެލްގެ މުހިންމު ހިދުމަތްތައް ވަނީ ހުއްޓިފައެވެ.
ބީއެމްއެލްއިން ވަނީ މި ކަމަށް މަޢާފަށް އެދި، މައްސަލަ ވީ އެންމެ އަވަހަކަށް ޙައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް ބަޔާންކޮށްފައެވެ.
މީގެ އިތުރުން، މާލޭގައި ޤާއިމުކުރެވިފައިވާ ގިނަ އޭޓީއެމްތަކުގެ ޚިދުމަތްވެސް މިވަގުތު ވަނީ މެދުކެނޑިފައެވެ.
ފާހަގަކޮށްލެވޭ ކަމަކީ، މިދިޔަ ބުރާސްފަތި ދުވަހުވެސް ބީއެމްއެލްގެ އެޕްލިކޭޝަނަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެ، ތިން ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް މެދުކެނޑުނެވެ. މިކަމުގެ ސަބަބުން ގިނަ ބަޔަކަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.
މިއަދުވެސް، ޚާއްޞަކޮށް ސްކޫލް ކުދިންގެ އިންޓަވަލްގެ ވަގުތުގައި ތަކެތި ގަތުމަށް ދިޔަ ފަރާތްތަކަށް ކާޑުން ފައިސާ ނުކެނޑުމާއި ފައިސާ ޓްރާންސްފަރ ނުކުރެވުމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހުނެވެ.
ބީއެމްއެލްއިން ކުރިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހު ދިމާވި ޓެކްނިކަލް މައްސަލަތަކަކީ މައިކްރޮސޮފްޓަށް ދިމާވި ސައިބަރ ހަމަލާއަކާ ގުޅުންހުރި ކަމެކެވެ. މިކަމުގެ ސަބަބުން ބީއެމްއެލްގެ ކާޑު މެދުވެރިކޮށް ކުރެވޭ އޮންލައިން މުޢާމަލާތްތަކަށްވެސް އޭރު ބުރޫއެރިކަމަށް ބޭންކުން ބުނެފައިވެއެވެ.
ނަމަވެސް، މިއަދު މޮބައިލް އެޕްލިކޭޝަނާއި އިންޓަނެޓް ބޭންކިންގ ޚިދުމަތަށް ދިމާވެފައިވާ މައްސަލައިގެ ތަފްޞީލު ބީއެމްއެލްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

