ހިތާމަވެރި ހާދިސާއެއް ދިމާވުމުން ރުއިމަކީ އާންމު ކަމެކެވެ. ނަމަވެސް، ގިނަ ފަހަރަށް މީހުން އަވަސްވެގަންނަނީ ރުއިން ހުއްޓުވުމަށް ނަސޭހަތްތެރިވުމުގައެވެ. އެހެންނަމަވެސް، ނަފްސާނީ ދިރާސާތަކުން ދައްކާގޮތުގައި ހިތްދަތިވާ ވަގުތުތަކުގައި ރުއިމަކީ ވަރަށް މުހިންމު އަދި ބޭނުންތެރި ކަމެކެވެ. މި ގޮތުން، ޞިއްޙީ ތަޖުރިބާކާރުން ލަފާދެނީ ކަރުނަ ހިފެހެއްޓުމުގެ ބަދަލުގައި، އުދާސްތައް ކަރުނައިގެ ސިފައިގައި ބޭރުކުރުމަށެވެ. މިއީ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އެހީތެރިވެދޭ ކަމެއް ކަމުގައި ބެލެވެއެވެ.
ކަރުނައަކީ ހަމައެކަނި އިހުސާސްތަކުގެ ބޭރުފުށް ނޫނެވެ. އޭގެ ފިޒިއޮލޮޖިކަލް މުހިންމުކަން ވެސް ވަރަށް ބޮޑެވެ. ކަރުނައަކީ ލޮލުގެ ޞިއްޙަތު ރައްކާތެރިކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ދިޔައެކެވެ. މިގޮތުން، ކަރުނަ އަދާކުރާ މައިގަނޑު ވަޒީފާތަކުގެ ތެރޭގައި ހިމެނެނީ:
- ލޮލުގެ ސާފުތާހިރުކަން ދެމެހެއްޓުން: ކަރުނައިން ލޮލުގެ ކަޅީގަނޑާއި ރަވަ ސާފުކޮށް، ތެތްކަން ދެމެހެއްޓުމަށް އެހީތެރިވެދެއެވެ. މި ތެތްކަން ގެއްލުމަކީ ޞިއްޙީ ފަރުވާ ބޭނުންވާ ޙާލަތަކަށް ވެދާނެ ކަމެކެވެ.
- އިންފެކްޝަންތަކާ ދެކޮޅަށް ޙިމާޔަތްކުރުން: ކަރުނައިގައި ހިމެނޭ "ލައިސޯޒައިމް" ކިޔާ އެންޒައިމަކީ ބެކްޓީރިއާއާއި ވައިރަސްއާ ދެކޮޅަށް ހަރަކާތްތެރިވާ މާއްދާއެކެވެ. މި އެންޒައިމްގެ ސަބަބުން 5-10 މިނެޓުގެ ތެރޭގައި ލޮލުގައި ހުންނަ ބެކްޓީރިއާގެ 90% މަރުވެ ނެތިދެއެވެ.
- ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުން: ރުއިމުގެ ސަބަބުން ހިތުގެ ނުތަނަވަސްކަމާއި، ކަންބޮޑުވުމާއި، ވަރުބަލިކަން ކުޑަކުރުމަށް އެހީތެރިވެދެއެވެ. މިއީ ހަށިގަނޑުން ސްޓްރެސްގެ ސަބަބުން އުފެދޭ ނޭދެވޭ ކެމިކަލްތައް ބޭރުކުރުމުގެ ޤުދުރަތީ ގޮތެކެވެ. ރުއިމަކީ ހިތާއި ސިކުނޑިއަށް ހަމަޖެހުން ގެނެސްދޭ ޤުދުރަތީ ޢަމަލެކެވެ. ޖަޒުބާތުތައް ހިފެހެއްޓުމުގެ ބަދަލުގައި ރުއިމުގެ ޒަރީޢާއިން ބޭރުކުރުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމު ކަމެކެވެ. މިކަމުގެ ސަބަބުން ނަފްސާނީ ބާރު ލުއިވެ، ހިތްހަމަޖެހުން އިތުރުވެއެވެ.
- ހަށިގަނޑުގެ ކެމިކަލް ބަދަލުތައް:
ރުއިމުގެ ސަބަބުން ހަށިގަނޑުން އޮކްސިޓޮސިން އަދި އެންޑޯފިން ފަދަ "ފީލް-ގުޑް" ހޯމޯންތައް އުފެދެއެވެ. މި ހޯމޯންތަކަކީ މޫޑު ރަނގަޅުކޮށް، ނަފްސާނީ ހިތްހަމަޖެހުން އިތުރުކޮށްދޭ ބާވަތްތަކެކެވެ. - ނާވީ ނިޒާމުގެ އަސަރު:
ރުއިމުގެ ސަބަބުން ޕެރަސިމްޕެތެޓިކް ނާވީ ނިޒާމު ހަރަކާތްތެރިވެ، ހަށިގަނޑަށް ހަމަޖެހުމާއި ހިމޭންކަން ގެނެސްދެއެވެ. މިކަމުގެ ސަބަބުން ސްޓްރެސް މަދުވެ، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުވެއެވެ. - ޖިސްމާނީ ދުޅަހެޔޮކަން:
ކަރުނަ ހިފެހެއްޓުމަކީ ސްޓްރެސް އިތުރުވެ، އޭގެ ސަބަބުން ލޭގެ ޕްރެޝަރ މަތިވުމާއި، ހިތުގެ ބަލިތަކާއި، ޕެޕްޓިކް އަލްސަރ ފަދަ ޖިސްމާނީ ބަލިތަކަށް މަގުފަހިވެދާނެ ކަމެކެވެ. އެހެންކަމުން، ރުއިމަކީ މި ބާވަތުގެ ޖިސްމާނީ ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.
ރުއިމަކީ ހިތްވަރުގަދަކަން ނެތުން ނުވަތަ ބަލިކަށިކަމުގެ ނިޝާނެއް ނޫނެވެ. އަދި ހަމައެހެންމެ، ކުޅަދާނަކަން ދަށްވުމުގެ ހެއްކެއްވެސް ނޫނެވެ. ޙަޤީޤަތުގައި ރުއިމަކީ ހަށިގަނޑާއި ސިކުނޑީގެ ދުޅަހެޔޮކަމަށް މުހިންމު، ޤުދުރަތީ އަދި ބޭނުންތެރި ޢަމަލެކެވެ.
ރުއިމަކީ ހިތާއި ސިކުނޑިއަށް ހަމަޖެހުން ގެނެސްދޭ ކަމެކެވެ. ހިތްދަތިވުމުން ނުރޮއި ހުންނަން އާދަކޮށްފިނަމަ މީހާގެ ހިތާއި ސިކުނޑިއަށް ބާރުބޮޑުވާގޮތް ދިމާވެއެވެ. އެހެންކަމުން ޖަޒްބާތުތައް ހިތުގައި ފޮރުވައިގެން ނުރޮއި ހުރުމަކީ ތިމާގެ ހިތްވަރު ގަދަކަން ސާބިތުކޮށްދޭކަމެއް ނޫނެވެ. އަދި އެއީ ތިމާގެ ކުޅަދާނަކަން ދައްކުވައިދޭ ކަމެއް ވެސް ނޫނެވެ. އެހެންކަމުން ހިތުގައި އުފެދޭ ރިހުން ކުޑަކުރުމަށާއި ލޮލުގެ ފަރުވާއެއްގެ ގޮތުން ރުއިމަކީ ވެސް ބޭނުންތެރިކަމެކެވެ

