އުމުރުން ދުވަސްވުމާއެކު ހަށިގަނޑުގެ ބަލިކަށިކަން އިތުރުވެ، ބައެއް ކަންކަމަށް ޝައުޤުވެރިކަން ގެއްލި، ކުރިން ކާން ރުހުނު ބައެއް ކާނާ ހަޖަމުކުރުމަށް ދަތިވެދާނެކަން އަޅުގަނޑުމެން އެންމެންނަށްވެސް އެނގިފައިވާ ޙަޤީޤަތެކެވެ. އަދި މިއީ ގަބޫލު ކުރަން ޖެހޭ ކަމެއްވެސް މެއެވެ. ނަމަވެސް، ދިރިއުޅުމުގެ ވައްޓަފާޅިއަށް އެކަށީގެންވާ ބަދަލުތަކެއް ގެނައުމުން އުމުރުން ދުވަސްވުމުގެ އަސަރުތައް މަޑުޖެއްސުމަކީ ކުރެވިދާނެ ކަމެކެވެ. ހަމަހަމަ އަދި ފައިދާހުރި ކާނާއެއް ބޭނުންކުރުމުން، ދުޅަހެޔޮ އަދި ފުރިހަމަ އުމުރެއް ހޭދަކުރުމުގެ ފުރުޞަތު އިތުރުވެގެންދާނެއެވެ.

ކޮންމެ އުމުރުފުރައަކަށްވެސް ރަނގަޅު ގިނަ ކާނާތަކެއް ހުރިނަމަވެސް، 50 އަހަރުން މަތީގެ މީހުންނަށް ޚާއްޞަކޮށް ފައިދާކުރާނެ ވަކި ބާވަތްތަކެއްގެ ކާނާ ވެއެވެ. އަދި ފައިދާހުރި ކާނާތަކުގެ ތެރެއިން ކޮންމެވެސް މިންވަރެއް ކެއުމުންވެސް ހަށަގަނޑަށް ބަދަލުތަކެއް އަންނާނެއެވެ. މި ލިޔުމުގައި މި ބަލާލަނީ އުމުރުން ދުވަސްވުމާއި ޒުވާނުންނެކޭ އެއްފަދައިން ހަށިގަނޑު ދުޅަހެޔޮކޮށް، ހީވާގިކަމާއެކު ދިރިއުޅުމަށް މަގުފަހިކޮށްދޭ 10 ކާބޯއްތަކެއްޗަށެވެ.
1- ބީންސް

އުމުރުން ދުވަސްވަމުންދާ ވަރަކަށް، ހަކުރު އަދި ކޮލެސްޓްރޯލް މަތިވުން ފަދަ ޞިއްޙީ މައްސަލަތައް ދިމާވުމުގެ ފުރުޞަތު އިތުރުވެއެވެ. ނަމަވެސް، ދުވާލަކު އެއްފަހަރު ބީންސް ކެއުމަކީ މިފަދަ ނުރައްކާތަކުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅެކެވެ. ޚާއްޞަކޮށް، ކޮންމެ ދުވަހަކު 3 ނުވަތަ 4 ބީންސް ކެއުމުން، ކޮލެސްޓްރޯލް (އެލްޑީއެލް) ގެ މިންވަރު %5 އަށްވުރެ ދަށްކުރެވިދާނެކަމަށް ދިރާސާތަކުން ދައްކައެވެ. މީގެ އިތުރުން، ޑައިބެޓީސް ބަލީގެ މީހުންނަށްވެސް ބީންސް ކެއުމުން ލޭގައި ހުންނަ ހަކުރުގެ މިންވަރު ހަމަޖެއްސުމަށް އެހީތެރިވެދެއެވެ.
ބީންސްގެ ގިނަ ވައްތަރުތައް ބާޒާރުގައި ލިބެން ހުރުމާއެކު، ކޮންމެ މީހަކަށްވެސް އެމީހަކަށް އެކަށޭނަ ބާވަތެއް ހޯދުމަކީ ފަސޭހަ ކަމަކަށް ވާނެއެވެ. ނަމަވެސް، ދަޅުގައި ބަންދުކޮށްފައި ހުންނަ ބީންސް ބޭނުންކުރާނަމަ، އޭގައި އެކުލެވޭ ލޮނުގެ މިންވަރު މަތިވުމުގެ ސަބަބުން، ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ދޮވެ ސާފުކުރުމަކީ ސަމާލުކަން ދޭންޖެހޭ ކަމެކެވެ.
2- އޯޓްސް

ފިރިހެނުންނާއި އަންހެނުން އުމުރުން 45 އަދި 55 އަހަރާ ހަމައަށް ދާއިރު، ހިތުގެ ބަލިތަށް ޖެހޭކަމަށް ދިރާސާތަކުން ދައްކައެވެ. އެހެންކަމުން، ދުޅަހެޔޮ ޞިއްޙަތެއް ދެމެހެއްޓުމަށްޓަކައި، ކޮލެސްޓްރޯލް ދަށްކުރާ ކާނާ ކެއުމުގައި ގިނައިން ހިމެނުމަކީ މުހިންމު ކަމެކެވެ. މިގޮތުން، އޯޓްސްގައި ހިމެނޭ ބީޓާ ގްލޫކަންއަކީ މިކަމަށް އެކަށީގެންވާ ރަނގަޅު މާއްދާއެކެވެ.
ބީޓާ ގްލޫކަންއަކީ ފެނުގައި ވިރޭ މާއްދާއެކެވެ. ކެއުމަށްފަހު ހަށިގަނޑުގައި ކޮލެސްޓްރޯލް ދައުރުވާއިރު، މިމާއްދާ އެއާ ގުޅި، ހަށިގަނޑުން ބޭރުކުރުމަށް އެހީތެރިވެދެއެވެ. ޞިއްޙީ ދިރާސާތަކުން ދައްކާގޮތުގައި، ދުވާލަކު މަދުވެގެން 3 ގްރާމްގެ އޯޓްސް ކެއުމުން މުޅި ކޮލެސްޓްރޯލްގެ މިންވަރާއި އެލްޑީއެލް ކޮލެސްޓްރޯލް 5-10 އިންސައްތައިން ދަށްކުރެވިދާނެއެވެ.
އޯޓްސް ގިނައިން ކާ މީހުންގެ މެދުގައި ކުރެވުނު ދިރާސާތަކުން ދައްކާގޮތުގައި، އެހެން މީހުންނާ އަޅާބަލާއިރު، އެމީހުންގެ މެދުގައި ޅަފަތުގައި މަރުވުމުގެ ފުރުސަތު ކުޑައެވެ. އޯޓްސްއަކީ އަގުހެޔޮ އަދި ފަސޭހައިން ލިބެންހުންނަ ކާނާއަކަށްވުމާއެކު، އަދި އޭގެ ޞިއްޙީ ފައިދާތައް ގިނަކަމުން، މިއަދުން ފެށިގެން އޯޓްސް ކެއުމަށް އާދަކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.
3- އާފަލު

އާފަލު ކެއުމުގެ މުހިންމު ސަބަބަކީ އެއީ ވިޓަމިން މިނަރަލްގެ މައްޗަށް އެކުލެވޭ އެއްޗެކެވެ. ލޭގައި ހުންނަ ހަކުރުގެ މިންވަރު ބެލެހެއްޓުމުގެ ޤާބިލުކަން ހުރުމުގެ ސަބަބުން، އާފަލު ކެއުމުން ހަކުރު ބަލީގެ ނުރައްކާ ކުޑަވެއެވެ. އާފަލުގައި އެވްރެޖްކޮށް 5 ގްރާމް ފައިބަރު ހުރެއެވެ. މިއީ ކޮލެސްޓްރޯލް ދަށްކުރުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މީގެ އިތުރުން، އާފަލުގައި ކުއަރސެޓިން ކިޔާ މާއްދާއެއް ވެސް ހުރެއެވެ. މިއީ ލޭގެ ޕްރެޝަރު ދަށްކުރުމަށް އެހީތެރިވެދޭ މުހިންމު މާއްދާއެކެވެ. އާފަލަކީ އެންޓިއޮކްސިޑެންޓްތަކާއި، ވިޓަމިން ސީ އަދި ޕޮޓޭސިއަމްގެ މާއްދާ އެކުލެވިގެންވާ މުހިންމު އެއްޗެކެވެ. އަދި ފައިބަރުގެ މިންވަރު ވެސް މަތިވެއެވެ. އޯގަނިކް އާފަލު ގަތުމުގެ ތަނަވަސްކަން ލިބޭނަމަ، އެގޮތަށް ގަތުން މުހިންމެވެ. އެއީ އާފަލަކީ ޖަރާސީމު އަސަރު އެންމެ ބޮޑަށް ހުންނަ 12 ކާބޯތަކެތީގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމުގައިވާތީއެވެ.
4- ނަޓްސް

ގިނަމީހުންނަށް ލޮނުގަދަ ކާނާ ކެއުމަކީ ވަރަށް ބޮޑަށް އާދަވެފައިވާ ކަމެކެވެ. ނަމަވެސް، ޗިޕްސް ނުވަތަ ޕެކެޓުގައި ބަންދުކޮށްފައިވާ ފަދަ ތަކެތި ކެއުމުން ގިނަ އަދަދެއްގެ ފެޓާއި ސޯޑިއަމް ހަށިގަނޑަށް ވަންނާނެއެވެ. މީގެ ބަދަލުގައި ނަޓްސް ކެއުމަށް އިސްކަންދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. ގިނަ ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު އެކި ބާވަތުގެ ނަޓްސް ކެއުމުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު 28 އިންސައްތައަށް ދަށްކޮށްދެއެވެ. ކޮންމެހެން އެކި ބާވަތުގެ ނަޓްސް އެއްފަހަރާ ކާކަށް ނުޖެހެއެވެ. ކޮންމެ ބާވަތެއްގެ ނަޓްސް އެއް ކެއުމުން ވެސް ހަށިގަނޑަށް ކޮންމެވެސް ވަރެއްގެ ފައިދާއެއް ވާނެއެވެ.
5- ގްރީން ލީފް

ތަރުކާރީގެ ބާވަތްތަކަކީ މި ރޮނގުން ޚާއްޞަ އެހީތެރިކަމެއް ފޯރުކޮށްދޭ ކާނާއެވެ. ޚާއްޞަކޮށް ސްޕިނެޗް، ކޭލް އަދި ކޮރިއެންޑާ ފަދަ ތަރުކާރީގެ ބާވަތްތައް ގަވާއިދުން ކެއުމުގެ އާދަ ހަރުލާފައިވާ ފަރާތްތަކުގެ ސިކުނޑީގެ ޤާބިލުކަން ހުންނަނީ، މިފަދަ ކާނާ މަދުން ބޭނުންކުރާ ފަރާތްތަކަށް ވުރެ 11 އަހަރު ޅަ މީހުންގެ ފެންވަރުގައިކަން ދިރާސާތަކުން ދައްކައެވެ. އެހެން ދުޅަހެޔޮ ސިއްހަތެއްގައި ހަށގަނޑު ބައްޓަން ކުރުމަށް އެކި ކަހަލަ ފެހިކުލަ ގަދަ ފަތް ބޭނުންކުރުމަކީ ވަރަށް ރަނގަޅު ކަމެކެވެ.
6- ބެރީސް

މި މޭވާއިން ސިކުނޑިއަށް ލޭ ދައުރުވުން އިތުރުކުރުމުގެ އިތުރުން، މީގައި ހިމެނޭ ވަކި ބާވަތެއްގެ ސަބަބުން ހަށިގަނޑުގެ ދުޅަހެޔޮކަމަށް ގެއްލުންދޭ އިންފްލަމޭޝަން ކުޑަކުރެއެވެ. މީގެ ނަތީޖާއަކީ އުމުރުން ދުވަސްވުމާއެކު ހަނދާން ނެތިދިއުން ލަސްވުމާއި، އަލްޒައިމާސް ޖެހުމުގެ ފުރުސަތު ކުޑަވުމެވެ. ބެރީސްގައި ހިމެނޭ ފައިބަރާއި ވިޓަމިންތަކާއި މިނަރަލްތަކުގެ ސަބަބުން މިއީ އާންމު ސިއްހަތަށްވެސް ވަރަށް ރަނގަޅު އެއްޗެކެވެ. އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ތާޒާ ބެރީސް ނުލިބުނަސް، ގަނޑުކޮށްފައި ހުންނަ ބެރީސްއަކީވެސް ހަމަ ތާޒާ ބެރީސް ފަދައިން ކެއުމަށް ބޭނުންކުރަން ރަނގަޅު އެއްޗެކެވެ.
7- ކެރެޓް

ކެރެޓް އަކީ އަހަރުމެން ދިވެހިންގެ ތެރޭގައި ކެއުމަށް ބޭނުންކުރާ ވަރަށް އާންމު އެއްޗެކެވެ. ބައެއް ދިވެހިންނަށް ކެރެޓް ނުލައި ކެއުމަށް އުނދަގޫ ވާ ފަހަރުވެސް އާދެއެވެ. މީގެ އިތުރުން ކެރެޓާ ބެހޭގޮތުން އިތުރަށް ބަލައިލަމާ ހިނގާށެވެ. ތަރުކާރީގެ ބާވަތްތަކަކީ އަޅުގަނޑުމެންގެ ހަށިގަނޑުގެ ހުރިހާ ގުނަވަނަކަށްވެސް ފައިދާހުރި އެއްޗެކެވެ. ޚާއްޞަކޮށް އަޅުގަނޑުމެންގެ ލޮލަށާއި، އަނގަޔަށާއި، ހަމަށާއި އަދި ހިތަށް ވަރަށް ބޮޑަށް ފައިދާކުރެއެވެ. މީގެ އިތުރުން، ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް ދަށްކޮށް، އިމިއުން ސިސްޓަމް ވަރުގަދަކޮށް، ހަޖަމުކުރުމަށް އެހީތެރިވެދީ، އަދި ކެންސަރާއި ހިތުގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުޞަތު ކުޑަކުރެއެވެ. ކެރެޓުގައި ވަރަށް ރަނގަޅު ކާނާގެ ބާވަތްތަކެއް ވެއެވެ. މީގެ ތެރޭގައި ފައިބަރ، ވިޓަމިން އޭ، ބީ8، ސީ، އީ އަދި ކޭ، އަޔަން، ޕޮޓޭސިއަމް، ކޮޕަރ އަދި މެންގަނީޒް ފަދަ މައުދަނީ ބާވަތްތައް، ހިމެނެއެވެ. އެހެންކަމުން ކެރެޓަކީ ނުކައި ދޫކޮށްލާ ވަރުގެ އެއްޗެއް ނޫނެވެ.
މި ނޫނަސް ބީޓްރޫޓް، އެވޮކާޑޯ، އަދި ޑާކް ޗޮކްލެޓްފަދަ ތަކެއްޗަކީ ފުރިހަމަ ސިއްހަތެއްގައި ހަށިގަނޑު ބެހެއްޓުމަށް ބޭނުން ކުރެވިދާނެ މުހިންމު މޭވާ އަދި ތަރުކާރީ ތަކެވެ. ޙާއްސަކޮށް އުމުރުން 50 އަހަރުން މަތިވުމުން މިފަދަ ކާނާތައް ބޭޏުންކުރުމަކީ ކޮންމެހެން ބޭނުންކަމެކެވެ. ރަނގަޅު ކާނާގެ މުހިންމުކަން ވަރަށް ބޮޑެވެ. ރަނގަޅު ކާނާ ކެއުމުން އަޅުގަނޑުމެންގެ ހަށިގަނޑު ދުޅަހެޔޮވެ، ބަލިތަކުން ރައްކާތެރިވެވެއެވެ. މީގެ އިތުރުން، ރަނގަޅު ކާނާ ކެއުމުން އަޅުގަނޑުމެންގެ ސިކުނޑި ހަރުދަނާވެ، ވިސްނުން ތޫނުވެއެވެ. އަދި ހަކަތަ އިތުރުވެ، ދުވަހުގެ މަސައްކަތްތައް ފަސޭހަކަމާއެކު ކުރެވެއެވެ.
އެހެންކަމުން، އަޅުގަނޑުމެން ކޮންމެ މީހަކުވެސް ވިސްނަންވާނީ ރަނގަޅު ކާނާ ކެއުމަށެވެ. ގޭގައި ކައްކާ ކާނާ ކައި، ތަރުކާރީއާއި މޭވާ ގިނައިން ކެއުމަށް އާދަކުރަންވާނެއެވެ. އަދި ފާސްޓް ފުޑް ކެއުން މަދުކޮށް، ދުޅަހެޔޮ ސިއްހަތެއްގައި ދިރިއުޅެން މަސައްކަތް ކުރަންވާނެއެވެ.

