ސިނަމާލެ ބްރިޖުގެ މައި ދޮރާށި، އެތަކެއް ދުވަސްތަކެއްގެ މެދުކެނޑުމަކަށްފަހު، މަރާމާތުކޮށް އަލުން ދިއްލާލައިފިއެވެ
“ސިނަމާލެ ބްރިޖް” މިހެން ލިޔެ ދިއްލާލާފައިވާ މި ދޮރާށީގެ އަކުރުތައް ފުރަތަމަ ނިވެން ފެށީ 2019 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ. ބްރިޖްގައި ހަރުކޮށްފައިވާ ލެޑް ބޮކިތައް ފަހަރަކު އަކުރެއް ނިވެމުން ގޮސް، ނަމާއި ދޮރާށީގައި ހިމެނޭ ލައިޓްތައް ވެސް އެތައް ދުވަހެއް ވަންދެން މުޅީން ނިވިފައި ހުރެއެވެ.
އާންމުންގެ ފާޑުކިޔުމާއި ސޯޝަލްޕްލެޓްފޯމްތަކުގައާއި އެހެނިހެންވެސް މީޑިއާތަކުގައި ކަންބޮޑުވުމާއި ބަސްބުނެ ތުހުމަތުތަކަށް އިނގިލިދިއްކުރުންފަދަ ކަންތައްތައް ދިމާވުމާގުޅިގެން، ލައިޓްތައް މަރާމާތުކޮށް އޮގަސްޓުމަހުގެ ތިން މަސް ދުވަސް ފަހުން ދިއްލި ނަމަވެސް، އޭގެ ފަހުން އަނެއްކާވެސް ފަހަރަކު އަކުރެއް ނިވެމުން ގޮސް، ދޮރާށީގެ ގިނަ ލައިޓްތައް ނިވިފައި ހުންނަތާ އެތައް ގިނަ ދުވަސްތަކެއް ވެއްޖެއެވެ.
މިހާރުގެ ސަރުކާރުން ބްރިޖް ދޮރާށި މަރާމާތު ކުރުމަށް ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއް ގާއިމުކުރިއެވެ. އެ މަސައްކަތް ފަށައި، މިހާރު ވަނީ މުޅީން ނިންމާފައެވެ. ދޮރާށީގެ ކުލަ އައުކޮށް، ހުރިހާ އަކުރުތަކެއް މިހާރު ވަނީ އަލުން ދިއްލާލާފައެވެ. ނަމަވެސް، އެތަން އަދި މުޅީން މަރާމާތުކޮށް ނިމިފައެއް ނުވެއެވެ.
ސިނަމާލެ ބްރިޖްގެ މަސައްކަތް ނިންމައި، އާންމުންނަށް ހުޅުވާލެވުނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު 7 ވަނަ ދުވަހުއެވެ. ޗައިނާގެ ހިލޭ އެހީއާއެކު، އެ ގައުމުގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްގެން 200 މިލިއަން ޑޮލަރުގެ އަގުގައި ހަދާފައިވާ މި ބްރިޖްގެ މަސައްކަތް ފެށުނީ 2015 ވަނަ އަހަރުގެ ޑިސެންބަރު 30 ވަނަ ދުވަހުއެވެ.

