ބިދޭސީންތަކެއް ހިންގަމުންދިޔަ ކޮފީ/ޓޭކްއަވޭ ފިހާރަތަކެއް ބަލައިފާސްކޮށް 4 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިކަން ހާމަކޮށް އިމިގްރޭޝަނުން އެކްސްގައި ޕޯސްޓެއް ކޮށްފައިވާއިރު މި ޕޯސްޓުގައި ބުނެފައިވަނީ ބިދޭސީން ހިންގަމުންދާ ކޮފީ/ޓޭކްއަވޭ ފިހާރަތަކަށް ހާއްސަކޮށް ގެން ރެއިޑެއްކުރިއަށް ގެންގޮސްފައިވާ ކަމަށާއި މި ރެއިޑް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހަވީރު ކަމަށެވެ.
މި ރެއިޑުގައި ބިދޭސީން ހިންގަމުންދާ ކޮފީ/ޓޭކްއަވޭ 7 ތަނެއް ބަލައި ފާސްކޮށްފައިވާއިރު މި 7 ތަނަކީވެސް ހުޅުމާލޭގެ ތަންތަނެވެ.
ނުގަވާއިދުން ރާއްޖޭގައި ވިޔަފާރިކޮށް އަދި މަސައްކަތް ކުރާ ބިދޭސީން ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަނުން އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ. މި އޮޕަރޭޝަންތަކުގައި 125 އަށްވުރެ ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު މި ބިދޭސީިންނަށް ދެވަނަ ފުރުސަތެއް ނުދޭނެ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އަދި މި ބިދޭސީން ކަމާބެހޭ އިދާރާތަކާއި ގުޅިގެން ޑީޕޯޓު ކުރުމުގެ މަސައްކަތްވެސް ކުރާ ކަމަށް ބުނެފައިވެއެވެ.’
އިމިގްރޭޝަން ވޮޗް އަކީވެސް ނުގަވާއިދުން ރާއްޖޭގައި މަސައްކަތާއި ވިޔަފާރި ކުރާ ބިދޭސީން ރިޕޯޓުކުރުމަށް ހާއްސަކޮށްގެން އިމިގްރޭޝަނުން ތައާރަފްކޮށްފައިވާ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގެ ޒަރީއާއިން ލިބޭ މައުލޫމާތަށް ރިއާޔަތްކޮށް ފުލުހުންނާއި އިމިގްރޭޝަނުން އޮޕަރޭޝަން ކުރިއަށް ގެންގޕސްފައިވެއެވެ.

