ދުވަސް ފެށުމުގައި ކަންނެތްކަމާއި ފޫހިކަން އެކުލެވޭ އިހުސާސްތައް ކުރެވޭ ފަހަރުތައް އައުމަކީ އާންމުކަމެކެވެ. ކޮންމެ ދުވަހަކީ އުފާވެރި އަދި ހީވާގީ ދުވަހަކަށް ވަނީ އެގޮތަށް ތިމާ އަމިއްލައަށް މަސައްކަތް ކުރުމުންނެވެ. އިންސާނާގެ ހަށިގަނޑާއި ދުނިޔޭގެ ނިޒާމު، އޮޔާއި ވައި، މޫސުމަށް އަންނަ ބަދަލުތައް މިހެން ގޮސް އެތައް އެތައް ކަމެއްގެ ސަބަބުން ބައެއް ދުވަސްދުވަހު ހެނދުނު އެނދުން ނުތެދުވެ އޮންނަ ހިތްވާ ވަރަށް ކަންނެތް ވާ ފަހަރުވެސް އާދެއެވެ. އަދި ތެދުވެ ހެލިފެލިވެ އުޅެން ކަންނެތްވެ ފޫހިވާ ފަހަރުތައްވެސް އާދެއެވެ. މިހެން ވަނީ ކޮންމެހެން މާބޮޑު ސަބަބެއް އޮވެގެނެއް ނޫނެވެ. އެއީ އިންސާނީ ތޮބީއީ ސިފައަކަށް ވާތީ ނަފުސާނީ ގޮތުން އަންނަ ބަދަލުތަކަކުން އޭގެ ޖިސްމާނީ އަސަރު ފޯރާގޮތް ވަނީއެވެ. ހަމައެހެންމެ ދުވަހުގެ މަސައްކަތުން ވަރުބަލިކަމާއި ފޫހިކަން ގެނުވާ ފަހަރުތައްވެސް އާދެއެވެ.
މިފަދަ ގޮތަކަށް ދުވަސް ފެށުމަށް ބޭނުން ނުވާނެތާއެވެ. ހެނދުނުގެ ނާސްތާއަށް މި ދަންނަވާ ބުއިން ބޭނުން ކޮށް ނިކަން އަޖުމަ ބަލާލަމާ ހިނގާށެވެ. ހެނދުނު ނޫނަސް މެންދުރުވިޔަސް ނުވަތަ މަސައްކަތަށްފަހު ވަރުބަލިވެ، ހަށިގަނޑު ހަކަތަ ދަށްވެ، ބާރު ދެރަވެ، ހެލިފެލިވުމަށް އުނދަގޫވެފައި ހުރިއްޔާ މިއީ ހަމަ އެއް ވަނައިގެ ބުއިމަކަށް ވާނެއެވެ. ސަބަބަކީ މީގައި ހިމެނޭ ދޮންކޭލުން މީހާގެ ހަށިގަނޑަށް ލިއްބައިދޭ ތާޒާކަމާއެކު ހަރަކާތްތެރިވުމުގައިި ނުހަނު އާރޯކަމާއި ގަދަފަދަކަން އެކުލެވޭހެން ހަށިގަނޑަށް ހަކަތަ ގެނެސްދޭނެތީއެވެ.

މި ބުއިން އާރޯކަމާއި ގަދަފަދަކަން އެކުލެވޭހެން ހަށިގަނޑަށް ހަކަތަ ގެނެސްދޭނެ
ހަށިގަނޑަށް ހަކަތައާއި ބާރު ގެނެސްދިނުމަށް ދޮންކޭލަކީ ވަރަށްވެސް ރަނގަޅު މޭވާއެކެވެ. ދޮންކޭލުގައި ތަފާތު 3 ވައްތަރެއްގެ ހަކުރުގެ ބާވަތްތައް ހުރެއެވެ. އެއީ "ފްރަކްޓޯޒް"، "ގުލްކޯޒް" އަދި "ސުކްރޯޒް" އެވެ. މިއީ ހަށިގަނޑުގައި ވަރަށް ފަސޭހައިން ހަކަތައަށް ބަދަލުވާ ހަކުރުގެ ސާދާ ބާވަތްތަކެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ދޮންކެޔޮ ގަވާޢިދުން ބޭނުންކުރުމަކީ ސިކުނޑީގެ މަސައްކަތްތައް ފުރިހަމަވެ، ވިސްނުން ރަގަޅުކޮށްދޭ ކަމެކެވެ. ސަބަބަކީ ދޮންކެޔޮ ބޭނުންކުރުމުން އޭގައި ހިމެނޭ ތަފާތު މާއްދާތަކުގެ ސަބަބުން ލޭދައުރުވުން ރަގަޅުކޮށްދީ ސިކުނޑިއަށް ލެޔާއެކު އޮކްސިޖަން ފޯރުކޮށްދިނުން އިތުރުވެގެންދާތީ އެވެ. ހަމައެހެންމެ ސިކުނޑިއާއި، ނާރުތަކުގެ ދިރުން ގެނެސްދޭ މޭވާއެއްކަން ވެސް ދިރާސާތަކުން ވަނީ ސާބިތުކޮށްދީފައެވެ. ހޯދުންތައް ބުނާ ގޮތުގައި ދޮންކޭލަކީ ވިޓަމިން ބީގެ ވައްތަރުތައް ވަރަށް ގިނައިން ހުންނަ މޭވާ އެކެވެ. ވިޓަމިން ބީގެ ވައްތަރުތަކަކީ ހަށިގަނޑުގައި ސިކުނޑިން މޫލައިގެން ނިކުމެ، ހަށިގަނޑުގެ ހަރަކާތްތަކާއި އިހްސާސްތައް ކޮންޓްރޯލްކޮށްދޭ ނާރުތަކުގެ މަސައްކަތަށް ބޭނުންވާ މާއްދާ ތަކެކެވެ. މީގެ އިތުރުންވެސް ދޮންކޭލުގައި ޕޮޓޭސިއަމް ގިނައިން ހުރުމަކީ ސިކުނޑީގެ ލޭހޮޅިއެއް ފިތިގެން ނުވަތަ ފަޅައިގެން ގޮސްގެން ސްޓްރޯކްޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެކެވެ.

ދޮންކޭލަކީ ހުރިހާ އުމުރަކާއި ވެސް ގުޅޭ ހަށިގަނޑަށް ހަކަތަ އާއި ބާރު ގެނެސްދޭ މޭވާ އެކެވެ. ކެރެޓަކީވެސް ހަށިގަނޑަށް ތާޒާކަން ގެނެސްދިނުމުގައި އެފަދަ ދެވަނައެއް ނެތް މިންވަރަށް ފައިދާއެކުލެވިގެންވާ ބާވަތެކެވެ
ދޮންކޭލަކީ ހުރިހާ އުމުރަކާއި ވެސް ގުޅޭ ހަށިގަނޑަށް ހަކަތަ އާއި ބާރު ގެނެސްދޭ މޭވާ އެކެވެ. ހަށިގަނޑުން އުފައްދައިނުދޭ އެކަމަކު ހަށިގަނޑަށް ބޭނުންވާ ތަފާތު 8 އަމިނޯ އެސިޑެއް ދޮންކޭލުގައި އެކުލެވިގެން ވެއެވެ. މައިދާއާއި، ގޮހޮރުގައި އުފެދޭ ފާރު ފަސޭހަކުރުމާއި، ހަޖަމު ރަގަޅު ކުރުން، ބޭރަށް ހިންގުން، އަދި ލޭގެ ކޮލެސްޓީރޯލްގެ މިންވަރު ދަށްކުރުމުގައި ދޮންކެޔޮ އެހީތެރިވެދެއެވެ.
ޕޮޓޭސިއަމް،ވިޓަމިން އޭ، ވިޓަމިން ސީ، އަދި ވިޓަމިން ބީ6 ވެސް ދޮންކޭލުގައި އެކުލެވިގެންވެއެވެ. ދޮންކެޔޮ ދޮންވުމުން އޭގައި ހިމެނޭ ސްޓާޗް ގެ ބައި ހަކުރަށް ބަދަލުވެއެވެ. އެހެންކަމުން ލޭގައި ހަކުރު އެކުލެވޭ މިންވަރު ސާބިތު ކަންމަތީ ދެމެހެއްޓުމަށް ދޮންކެޔޮ އެހީތެރިވެދެއެވެ.
ދޮންކޭލުގެ އިތުރުން ދެން މިބުއިމުގައި ހިމެނޭ ކެރެޓަކީވެސް ހަށިގަނޑަށް ތާޒާކަން ގެނެސްދިނުމުގައި އެފަދަ ދެވަނައެއް ނެތް މިންވަރަށް ފައިދާއެކުލެވިގެންވާ ބާވަތެކެވެ. ކެރޮޓަކީ ވިޓަމިން އޭ އިން މުއްސަނދި ބާވަތެކެވެ. ވިޓަމިން އޭ އަކީ ދުޅަހެޔޮ ހަންގަނޑާއި ކަށިތަކާއި ދަތްތަކުގެ އިތުރުން ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ބޭނުންވާ މާއްދާއެކެވެ. އެހެންކަމުން ގައިގެ ވަރުޖެހުމާއި ހަކަތަ ޖެއްސުމަށް ކެރެޓްގެ ދައުރު ބޮޑެވެ.
މިބުއިން ތައްޔާރު ކުރުމަށް ބޭނުންވާ ތަކެތި:
- ދެ ކެރެޓް (ކުދިކޮށް ކޮށާފައި)
- ދެ ދޮންކެޔޮ (ހެޔޮވަރުވަރަކަށް ދޮންވެފައިވާ، ކުދިކޮށް ކޮށާފައި)
- ދެ ތަށި ފެން
- އެއް ތަށި ކިރު
ތައްޔާރު ކުރާނެ ގޮތް:
ކެރެޓާއި 2 ތަށި ފެން ބްލެންޑަރަށް އަޅާށެވެ. ރަނގަޅަށް ބްލެންޑަރުގައި މިކްސް ކުރުމަށްފަހު ފުރޭންޏަކުން ފުރާނާލާށެވެ.
އަދި ދޮންކެޔޮ ބްލެންޑަރަށް އަޅައި ކުރިން ފުރާނާފައި ހުރި ކެރެޓް ޖޫހާއި ކިރު އަޅާށެވެ. (ރޯކިރުގެ ގޮތުގައި ރާއްޖެއިން ފަސޭހައިން ލިބެން ހުންނަނީ ޕެކެޓްކިރު ކަމަށްވާތީ، މިއަށް އަޅަން އެންމެ ރަނގަޅީ ޕެކެޓް ކިރެވެ.)
ހުރިހާ ބައެއް ރަނގަޅަށް އެއްކޮށްލުމަށްފަހު ތަށްޓަކަށް އަޅާށެވެ. ބޭނުމިއްޔާ މާމުއިން ފޮނިރަހަ ގެނެވިދާނެއެވެ. މިއީ ޔަގީނުންވެސް ރަހަވެސް މީރު ވާނެ ބުއިމެކެވެ،

